ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި މިހާރު ފެތުރެމުންދާ އެބޯލާ ރޯގާ ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ އަދަދު 20،000 އަށްވުރެ މައްޗަށް ހިނގައިދާނެ ކަމަށް އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ލަފާކޮށްފިއެވެ.
ސީޑީސީން އާންމުކުރި މޮޑެލިން ރިޕޯޓުތަކުން ދައްކާ ގޮތުގައި، ބަލިޖެހޭ މީހުންގެ ތެރެއިން އެކަހެރި ކުރެވެނީ އެންމެ 20 އިންސައްތަ މީހުން ކަމަށްވާނަމަ، މިއީ ތާރީހުގައި ވެސް ފެނުނު އެންމެ ނުރައްކާތެރި އެއް އެބޯލާ ރޯގާއަށް ވުމުގެ ފުރުސަތު ބޮޑެވެ.
ޑީއާރުސީގެ އިތުރުން ޔޫގަންޑާގައި ވެސް މި ބަލި ފެތުރެމުންދާ އިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މިއީ ބައިނަލްއަގުވާމީ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ކަނޑައަޅައިފައެވެ.
މި ފަހަރު ފެތުރެމުންދަނީ އެބޯލާގެ "ބަންޑިބުގްޔޯ" ވޭރިއަންޓް ކަމަށްވާ އިރު، މިއީ މިހާތަނަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައިނުވާ ވައްތަރެކެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 240 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ކުރިއަށް އޮތީ ހޫނު މޫސުމުގެ ޗުއްޓީ ދުވަސްވަރު ކަމަށްވުމާ އެކު، ބައިނަލްއަގުވާމީ ދަތުރުފަތުރުތަކަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ހުޅަނގުގެ ގައުމުތަކުގެ ވައިގެ ބަނދަރުތަކުގައި މަޖުބޫރުން ސްކްރީން ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުތަކަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށްވެސް ހަބަރުތައް ބުނެެއެވެ.
އެމެރިކާއިން މިހާރު ވެސް ވަނީ ޑީއާރުސީ، ޔޫގަންޑާ އަދި ދެކުނު ސޫދާނުން އަންނަ މީހުން ހާއްސަ ގޮތެއްގައި ސްކްރީން ކުރަން ފަށައިފައެވެ. ވައިގެ ބަނދަރުތަކުގައި މީހުންގެ ހުން ބެލުމާއި ދަތުރުކުރި ތަންތަނުގެ މައުލޫމާތު އޮޅުންފިލުވުން ފަދަ ކަންކަން މިހާރު ވަނީ ހަރުކަށިކޮށްފައެވެ.
ސީޑީސީގެ އޮފިޝަލް ޖޭސަން އޭޝާ ވިދާޅުވި ގޮތުގައި، ހަރުދަނާ ސިއްހީ ފިޔަވަޅުތަކެއް ނާޅައިފިނަމަ 2014 ވަނަ އަހަރު ހުޅަނގު އެފްރިކާގައި ފެތުރުނު ފަދަ ބޮޑު ރޯގާއަކަށް މިކަން ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ކޮންގޯގެ އިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަތަކާއި އިންސާނީ ކާރިސާގެ ސަބަބުން، ބަލި ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ. ހާއްސަކޮށް، ބަލިޖެހޭ މީހުން ދެނެގަތުމާއި އެކަހެރި ކުރުމުގެ މަސައްކަތްތަކަށް ސަލާމަތީ ގޮތުން ހުރަސްތަކެއް ހުރިކަން އޮފިޝަލުން ފާހަގަ ކުރެއެވެ.
އެބޯލާ