ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) ގެ ރަޝިއާއާ ގުޅޭ ބައިން ވައި ލީކުވާ މިންވަރު ކުއްލިއަކަށް އިތުރުވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން އެ ސްޓޭޝަނުގައި ތިބި އެސްޓްރޮނޯޓުން ކުއްލި ހާލަތުގައި ރައްކާތެރިކަން ހޯދުމަށް އަންގައިފިއެވެ.

ނަމަވެސް، އޭގެ ދެ ގަޑިއިރު ފަހުން ނާސާއިން ވަނީ މި އެލާޓް ބާތިލުކޮށް، ސްޓޭޝަންގެ އާންމު ހާލަތަށް ރުޖޫއަވެފައެވެ.

މިދިޔަ ހުކުރު ދުވަހު މި ހާދިސާ ހިނގާފައިވަނީ އައިއެސްއެސްގެ "ޒްވެޒްޑާ ސާވިސް މޮޑިއުލް" އިން ވައި ބޭރުވާ މިންވަރު ދުވާލަކު އެއް ޕައުންޑުން ދެ ޕައުންޑަށް އިތުރުވުމާ ގުޅިގެންނެވެ.

ނާސާގެ ތަރުޖަމާނު ބެތަނީ ސްޓީވަންސް ވިދާޅުވި ގޮތުގައި، ކްރޫ-12 މިޝަންގެ ހަތަރު އެސްޓްރޮނޯޓުންނާއި އިތުރު އެމެރިކާ އެސްޓްރޮނޯޓަކު ވަނީ ސްޕޭސްއެކްސްގެ "ކްރޫ ޑްރެގަން" ކެޕްސޫލަށް ވަދެ ރައްކާތެރިކަން ހޯދައިފައެވެ. މިއީ ސްޓޭޝަން ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ.

މި މައްސަލައާ ގުޅިގެން ނާސާ އާއި ރަޝިއާގެ ޖައްވީ އިދާރާ (ރޮސްކޮސްމޮސް) އާ ދެމެދު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ރިޕޯޓުތައް ބުނާ ގޮތުން، ނާސާއިން އެސްޓްރޮނޯޓުންނަށް ރައްކާތެރިވާން އެންގީ، ވައި ލީކުވާ ރެނދު ބެއްދުމަށްޓަކައި ރަޝިއާގެ ކޮސްމޮނޯޓުން ކީހެއް ބޭނުންކޮށްގެން އެ ތަނަށް ވަންނަން އުޅުމުންނެވެ. އެއީ ސްޓޭޝަންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ނާސާއިން ކަނޑައެޅުމުން، ރޮސްކޮސްމޮސްއިން ވަނީ އެ މަރާމާތުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފައެވެ. އެއާއެކު ނާސާއިން ވަނީ އެލާޓް ބާތިލުކޮށްފައެވެ.

ރޮސްކޮސްމޮސްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސްޓޭޝަނުން ދެ ތަނަކުން ވައި ލީކުވި ނަމަވެސް، އޭގެ ތެރެއިން އެއް ތަން މިހާރު ވަނީ ބައްދައިފައެވެ. އަދި ކްރޫއިންގެ ފުރާނައަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި ސްޓޭޝަންގެ އޮޕަރޭޝަންތައް އާންމު ގޮތެއްގައި ކުރިއަށްދާ ކަމަށް އެ އިދާރާއިން ފާހަގަ ކުރިއެވެ.

ނަމަވެސް، ގިނަ ދުވަސްވެފައިވާ މި ޖައްވީ ސްޓޭޝަންގެ މޮޑިއުލްތަކުގެ ރައްކާތެރިކަމާ މެދު ނާސާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ރަޝިއާގެ ބައިން ތަކުރާރުކޮށް ވައި ލީކުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާ މެދު ދެ ގައުމުގެ ދެމެދުގައި އަންނަނީ ބަހުސް ކުރެވެމުންނެވެ.