އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާއި ނާސާ އަދި ސެނެޓު ހިމެނޭ ގޮތަށް އެ ގައުމުގެ މުހިންމު އިދާރާތަކަކަށް ޗައިނާގެ ހެކަރުންތަކެއް ދިން ސައިބަރ ހަމަލާތަކެއް ނާކާމިޔާބުކޮށްލައިފި ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ހަމަލާތައް ދީފައިވަނީ “ކިއުސްކޭން” އަދި “ކިއުޓީރައުޓަރ” ނަމަކަށް ކިޔާ ދެ ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ. މި އޮޕަރޭޝަންގައި އެމެރިކާގެ ފެޑެރަލް ރިޒާވް، ޑިޕާޓްމަންޓް އޮފް އެނާޖީ، އަދި ސިއްހަތާ ބެހޭ ވުޒާރާތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ. މި މައްސަލައާ ގުޅިގެން އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ދެ ޕްލެޓްފޯމް ހިންގުމަށް ބޭނުންކުރި ޑޮމެއިންތައް އަތުލައިގެންފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ވިދާޅުވި ގޮތުގައި، މިއީ އެމެރިކާގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށްގެން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގި ބޮޓްނެޓް އަދި ހެކިންގ ޕްލެޓްފޯމެކެވެ. މި ވަސީލަތްތައް ބޭނުންކޮށްފައިވަނީ ހަމަލާތައް އަންނަ މަންޒިލް ސިއްރުކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވީ، އެމެރިކާގެ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށްގެން ދޭ މިފަދަ ހަމަލާތައް ހުއްޓުވައި، އެކަންކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ ފަހަތުގައި ވަނީ ޗައިނާގެ “ނަންޖިންގ ޝިންޖިއުވެއި ނެޓްވޯކް ޓެކްނޮލޮޖީ ކޮމްޕެނީ” އިން ހިންގާ “ކިއުޓީއެފްވައި” ނަމަކަށް ކިޔާ ގްރޫޕެކެވެ. މި ކުންފުނީގެ ކްލައިންޓުންގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއާއި އަސްކަރިއްޔާ ހިމެނޭ ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

މިކަމާ ގުޅިގެން ވޮޝިންޓަންގައި ހުންނަ ޗައިނާގެ އެމްބަސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ސައިބަރ ހަމަލާތަކުގައި ބައިވެރިވާ ކަމަށް ކުރެވޭ ތުހުމަތުތައް ޗައިނާއިން އާންމުކޮށް ދޮގުކުރެއެވެ.