އޮފީހުގެ މަސައްކަތް ނިންމާލަމުން، ޒަރާރް ބުނި ގަޑީގެ ކުރިން ތަނާލް ތިރިއަށް ފޭބިއެވެ. ލިފްޓްގައި ހުއްޓާ ލިބުނު މެސެޖުގައި މަދު ވަގުތުކޮޅެއްގެ ތެރޭ ކައިރިކުރާނެ ވާހަކަ ޒަރާރް އޮތީ ބުނެފައެވެ.

ޕޭވްމެންޓް މަތީ މަޑުކޮށްލަމުން މަގުގައި ހޭލަމޭލަވަމުންދާ މީހުންނަށް ތަނާލް ނަޒަރު ހިންގާލިއެވެ. ބޯމަތިކުރަމުން އަންނަ ވިއްސާރަވިލާތަކުން އިންޒާރުދެމުންދާ ތޫފާނުގެ ކުރިން އެމީހެއްގެ މަންޒިލާ ހަމައަށް ދެވޭތޯ ކޮންމެ މީހަކު ބަލަމުން ދިޔައެވެ. ކާރުބާރު ބޮޑު މަގާއި، ހިނގާބިނގާވެ އުޅޭމީހުންތައް ފެނި އެހެންޏާ ކުރެވޭ އުނދަގޫތައް މިހާރަކަށް އައިސް ވަނީ ކުޑަވެފައެވެ. ދާދި ފަހުން އޭނަ ކާންޖެހޭ ބޭހަށް ވެސް ބަދަލުތަކެއް ގެނެސްފި އެވެ. ވަގުތު ނެގި ކަމުގައި ވިޔަސް، އާދައިގެ ދިރިއުޅުމަކަށް ކުރެވެމުންދާ އުއްމީދަށް އެކަމުން ދިރުން ގެނެސްދީފި އެވެ.

ކާރެއްގެ ބަރުގޮނުގެ އަޑާއެކު ތަނާލްގެ ސަމާލުކަން މަގަށް ދެވުނެވެ. ދުވާރު ކައިރިއަށް މަޑުކޮށްލި ކާރު ފެނުމާއެކު، ތަނާލްގެ ތުންފަތް މަތީގައި ދުވެލީ ލުއި ހިނިތުންވުމަކުންނެވެ.

''ހީވަނީ މިރެއަށް ވަރަށް ވިއްސާރަވާނެހެން...'' ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލަމުން އަރައިފިއެވެ. ޒަރާރްގެ ޖަވާބެއް ނުލިބުމުން ލިބުނު ހައިރާންކަމުގައި، ޒަރާރްއާއި ދިމާއަށް އެނބުރިލެވުނެވެ.

އަތުގައި އޮތް ފޯނުން ޒަރާރް ބެލީ ދައްޔާނަށް މެސެޖު ކުރެވޭތޯއެވެ. ހެނދުގެ ހާދިސާއަށް ފަހުގައި ދައްޔާނުގެ ރުޅިފިނިވާނެހާ ވަގުތު އޭނައަށް ދެވިއްޖެއެވެ. އޭރު ނިކުމެގެން ދިޔަ ގޮތަށް އަނބުރާ އޮފީހަކަށް ވެސް ނާދެއެވެ. އެކަމާ ޒަރާރް ހުރީ ފިކުރުބޮޑުވެފައެވެ.

''ޒަރާރް؟...'' ތަނާލްއަށް ގޮވާލެވުނެވެ. ޒަރާރްގެ ދެލޮލުން ފާޅުވަމުންދާ ހާސްކަމުގެ ލިސާންތައް އޭނައަށް ފާހަގަކުރެވުނެވެ. ޒަރާރްގެ އަތުގައި އޮތް ފޯނަށް ހައިރާންކަމާއެކު ތަނާލް ބަލައިލިއެވެ.

''އޯހ، ސޮރީ، ޑިޑް ޔޫ ސޭ ސަމްތިންގް؟...'' ކަޕް ހޯލްޑަރަށް ފޯނު ލަމުން ޒަރާރް ބުންޏެވެ. އެއަށްފަހު ހަށިފުރާ ދޫކޮށްލި ފުން ނޭވާއާއެކު ތަނާލްގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ.

''ހުރިހާ ކަމެއް ރަނގަޅުތަ؟...'' ޒަރާރްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ތަނާލްއަށް އަހާލެވުނެވެ. ޒަރާރްގެ ތަބީއަތަށް ބޮޑު ބަދަލެއް އައިސްފައިވާކަން އޭނަ ދެނެގަތެވެ. އެހެންޏާ އަބަދު ހިނިތުންވެފައި ހުންނަ ޒަރާރްގެ މޫނުން ފެންނަނީ ހިމޭންކަމެވެ. ސުވާލުގެ ނަޒަރަކުން ބެލެނީ އެހެންވެގެންނެވެ.

''ހޫމްމް، އޯލް ގުޑް، ޖަސްޓް ޓަޔާޑް...'' ހިނިތުންވުމަކާއެކު ޒަރާރް ބުނެލިއެވެ. ސިކުނޑީގައި ޚިޔާލުތައް ފުނިޖެހިފައިވިޔަސް، ތަނާލްއާއި ހިއްސާކުރަން ޒަރާރް ފަސްޖެހުނެވެ. ޢާއިލީ ހަމަނުޖެހުމުގެ ތެރެއަށް ތަނާލް ގެންނަން ބޭނުންނުވާތީއެވެ. މިހާރު ވެސް އިވެންޓަށް ތައްޔާރުވުމަށް ތަނާލްގެ އެހީ އޭނަ އެދަނީ ހޯދަމުންނެވެ. ކުރިމަތިވާ ކޮންމެ ގޮންޖެހުމެއްގެ ހިޔަނި ތަނާލްގެ ދިރިއުޅުމަށް އެޅުމުގެ ޖާގަ ދެވޭކަށް ނެތެވެ.

''ބިޒީ ޑޭއި...'' ތަނާލް ބުންޏެވެ. އެއާއެކު ޒަރާރް ބޯޖަހާލިއެވެ.

''އޭރު ކީކޭތަ ބުނީ؟...'' ތަނާލްއަށް އިތުރު އެއްޗެއް ނޭހެނީސް، ޒަރާރް އޭނަގެ ސުވާލު ތަކުރާރުކޮށްލިއެވެ.

''ވިއްސާރަވާން އުޅޭ ވާހަކަ ބުނީ...'' ތަނާލް އިނީ އަދިވެސް ޒަރާރްގެ ވާހަކަ ޤަބޫލުކުރަން އުނދަގޫވެފައެވެ. ކޮންމެވެސް ކަމަކާ ޒަރާރް ވިސްނާހެން ހީވާތީއެވެ. އޭނައާއި ހިއްސާކުރަން އެދެވުނީތީއެވެ.

''އާނ، ޓްރެފިކްގަ ނުޖެހުނިއްޔާ ރަނގަޅު...'' ކާރު ދުއްވާލަމުން ޒަރާރް ގަޑި ބަލައިލިއެވެ. ''ފަރުޒާން ހުންނާނެ މިހާރު ލަސްވެގެން...''

*****

އިވެންޓް ބޭއްވުމަށް ހަމަޖެހުނީ ދަރުބާރުގޭގެ މައި ހޯލުގައެވެ. ކާރު ޕާކުކޮށްލުމާއެކު ޒަރާރްގެ ފަހަތުން ތަނާލް ފޭބިއެވެ. އޭރު އިހުނަށް ވުރެން ބޮޑަށް ދުނިޔެ މަތި ބަނަކޮށްފިއެވެ. ޖެހެމުންދާ ރޯޅިތައް ވެސް ގަދައެވެ. ފަޒާއަށް ފެތުރިފައިވަނީ އާދަޔާ ޚިލާފު ފިނިކަމެކެވެ.

އެކުގައި ހިނގާލާފައި އެތެރެއަށް ވަން ދެޒުވާނުންގެ އިންތިޒާރުގައި ފަރުޒާން ހުއްޓެވެ. ތަނާލް ފެންނައިރަށް ފަރުޒާން ތަޢާރަފް ވެލިއެވެ. ޒަރާރްގެ ފަރާތުން ތަނާލްގެ މަޢުލޫމާތު އޭނައަށް އޮތީ އޮޅުން ފިލާފައެވެ. އިވެންޓުގެ ހުރިހާ ކަމެއްގައި ތަނާލްގެ ޚިޔާލު ހުރި ގޮތް ކަމުދިއުމުން އެކަމަށް ވެސް ތައުރީފުކޮށްލިއެވެ. ލުއި ހިނިތުންވުމަކާއެކު ތަނާލް ސަލާމް ބަލައިގަތެވެ. ފަރުޒާންގެ އެކުވެރި މިޒާޖުން ވާހަކަދައްކަން ފަސޭހަވިއެވެ.

ހޯލަށް ވަންނަމުން އަތުގައި އޮތް އައިޕެޑުން ހޯލު ޒީނަތްތެރިކުރާނެ ގޮތުގެ ތަފުސީލު ފަރުޒާން ހިއްސާކުރިއެވެ. ސްޓޭޖް ބަހައްޓާނެ ތަނާއި، އިށީނުމުގެ އިންތިޒާމުތަކާއި، ކެއުން ބުއިމަށް ހާއްސަކުރެވޭނެ ސްޑޭންޓް ހުންނާނެ ސަރަހައްދު ވެސް ބުނެދިނެވެ. ހުރިހާ މައުލޫމާތެއް ހިއްސާކޮށްލަމުން، އިތުރުކޮށްލަން ޖެހޭ ކަމެއް އޮތްތޯ ފަރުޒާން އޮޅުން ފިލުވިއެވެ. ތަނާލް މަޑުކޮށްލީ ޒަރާރްގެ ޖަވާބަކަށެވެ. ނަމަވެސް ޒަރާރް މުޅިން އެހެން ކަމަކަށް ގެއްލިފައި ހުންނަހެން އޭނައަށް ހީވާން ފެށިއެވެ. ފަރުޒާންއަށް ޒަރާރްގެ ފުރިހަމަ ސަމާލުކަމެއް ވެސް ނެތެވެ. އިރުއިރުކޮޅާ ފޯނަށް ބަލައިލާނެއެވެ. މީހެއްގެ ޖަވާބެއްގެ އިންތިޒާރުގައި ހުރި ކަހަލައެވެ.

ސަމާލުވެ ޒަރާރްއަށް ތަނާލް ބަލައިލިއެވެ. އެހާވަރުން ޒަރާރް އިންތިޒާރު ކުރަނީ ކާކަށް ބާވައޭ އަމިއްލަ ޒަމީރާ ސުވާލުކޮށްލެވުނެވެ. އެއާއެކު ހިތަށް ފާޑެއްގެ ގޮތެއް ވާން ފެށިއެވެ. ޒަރާރްގެ ކަންބޮޑުވުންތަކާއި އޭނައަށް ގުޅުވާލެވުނީ އަންހެންކުއްޖަކާއެވެ. އެހާވަރުން ފޯނަށް ބަލަނީ އެހެންވެގެން ކަމުގައި ހީކުރެވުނެވެ. ޒަރާރްގެ ހަޔާތަށް އަންހެންކުއްޖަކު އައީ ބާވައޭ ވެސް ހިތަށް އެރިއެވެ. އެފަދަ މައުޟޫޢުއަކަށް ވާހަކަދެކެވިފައިނުވުމުން ތަނާލްއަށް ހުރެވުނީ ސުވާލު މާކެއްގެ ތެރޭގައެވެ. ވިސްނިވަރަކަށް އޭނަގެ ހަމަޖެހުން ގެއްލެމުންދާކަމުގެ އިހުސާސްކުރެވުނެވެ.

ސިކުނޑީގައި އުފަންވެގެން އައި ހައިޖާނާއެކު ތަނާލްއަށް މަޑުޖެހިލެވުނެވެ. ވިސްނާލަން އިރުކޮޅެއް ބޭނުންވީއެވެ. ޒަރާރްގެ ހަޔާތަށް އަންހެންކުއްޖަކު އައިސްފިނަމަ އެކަމާ ކުރިމަތިލާން އުނދަގޫވީ ކީއްވެގެން ހެއްޔެވެ؟ އެޚިޔާލާ ނުރުހެވުނީ ކީއްވެގެން ހެއްޔެވެ؟ އޭނަ ގާތުގައި ޒަރާރް ހުރެމެ އެހެން އަންހެންކުއްޖަކާ މެދު ވިސްނަން ހިތް ނޭދެނީ ކީއްވެގެން ހެއްޔެވެ؟

ތަނާލްއަށް ލިބުނީ ހާސްކަމެވެ. ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނައަށް ނޭނގުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނީ އެޚިޔާލުތަކާ ދުރުވާށެވެ. ނަމަވެސް ވިސްނިވަރަކަށް ސިކުނޑި ތެރޭގައި އަޑުގަދަވުން ނޫންކަމެއް ނުވިއެވެ. ކަންފަތުގެ ތޫރީގެ ތެރޭގައި ގުގުމަން ފެށި އެސުވާލުތަކަށް ޖަވާބު ނުލިބެނީސް ދެން ހަމަޖެހުމެއް ނުލިބޭނެކަން އޭނައަށް ޔަޤީން ކުރެވުނެވެ.

މޭގައި އުފެދިގެން އައި އިހުސާސްތައް އަރަތަކަށް ވެއްޖެއެވެ. ފަރުޒާންގެ ވާހަކަތައް ނިމެންދެން ތަނާލް ހުރީ މަޑުކޮށްގެންނެވެ. އިތުރު ސުވާލެއް އޮތްތޯ ފަރުޒާން އަހާލުމުން ތަނާލް ބަލައިލީ ޒަރާރްއަށެވެ. ފަޓުލޫނުގެ ޖީބަށް ފޯނުލަމުން ޒަރާރްގެ ނަޒަރު ފަރުޒާންއަށް ހުއްޓުނެވެ. މަސައްކަތާ މެދު ހިތްހަމަޖެހިފައި ހުރި ވާހަކަ ބުނެލިއެވެ.

''އިޓް ވޯޒް ނައިސް މީޓިންގް ޔޫ، ތަނާލްގެ އައިޑިޔާތައް ވަރަށް މޮޅު...'' ދިއުމުގެ ކުރިން ފަރުޒާން ބުނެލިއެވެ. ތަނާލް ހަމައެކަނި ހިނިތުންވެލީއެވެ. ފިކުރުތައް ގިނަވެފައިވުމުން ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ.

ފަރުޒާން ދިއުމާއެކު ޒަރާރްއާއި ތަނާލް އެކަނި ވިއެވެ. މަޑު ހިނގުމެއްގައި ދެޒުވާނުން ބޭރަށް ނިކުތެވެ. ވާރޭގެ ފުރަތަމަ ހަމަލާ އަމާޒުވީ ދެނެވެ. ގަދަވަޔާއެކު އޮއްސާލި ވާރެޔާއެކު މުޅި ތަން ފުސްކޮށްލައިފިއެވެ. ވާރެއިން ހިޔާވުމަށް އެތެރެއަށް ޖެހިލެވުނެވެ. އެހިސާބުން ވެސް ބޯމަތިވެފައި އޮތް ތޫފާނުގެ ހިލަން ވެއެވެ.

''ޒަރާރް...'' ތަނާލް ގޮވާލިއެވެ. ކެތްތެރިކަން ކޮޅުންލުމާއެކު ހިމޭނުން ހުންނަން ތަނާލްއަށް އުނދަގޫވިއެވެ. ހިތުގައި އުފެދިގެން އައި ސުވާލުތަކުގެ ޖަވާބު ވެސް ބޭނުން ވެއްޖެއެވެ.

''ޔާހް...'' ވެހެމުންދާ ވާރެޔަށް ބަލަން ހުރެފައި ޒަރާލް ބުނެލިއެވެ.

''ވަޓްސް ރޯންގް؟...'' ތަނާލް ދިޔައީ ސީދާ އޭނަގެ މައުޟޫޢު އަށެވެ.

''ތިބުނީ؟...'' ޒަރާރްއަށް ލިބުނު ހައިރާންކަމުގައި އަހާލެވުނެވެ. ކުޑަކޮށް ތަނާލްއާއި ދިމާއަށް އެނބުރިލެވުނެވެ.

''ޔޫ ސީމް ޑިސްޓްރެކްޓެޑް... ކޮންމެވެސް ކަމެއް ވެއްޖެހެން އަހަންނަށް ހީވަނީ، ބައްދަލުވީއްސުރެން ސަމާސާއެއްކޮށްނުލާ ތިއުޅެނީ، މުޅިން އެހެން ކަމަކަށް ގެއްލިފަތި ހުންނަނީ... އޮފީހުގަ ކަމެއް ވީތަ؟... އަހަރެން ގާތު ނުބުނާނަންތަ؟...'' ޒަރާރްއާއި ހަތަރުކަޅިހަމަކުރަމުން ތަނާލް ބުނެލިއެވެ. ޒަރާރްއާ މެދުވި ކަންބޮޑުވުންތައް ތަނާލްއަށް ހިއްސާކޮށްލެވުނެވެ. އެކަމުގެ ފަހަތުގައި އަމިއްލަ އެދުމެއް ވެސް ފޮރުވިފައި ވިއެވެ. މަސްހުނިވަމުންދާ ޖަޒުބާތުތަކާ ކުރިމަތިލާން އުނދަގޫވެއްޖެއެވެ.

ޒަރާރްގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އޭނަގެ މިޒާޖަށް އައި ބަދަލުތައް ތަނާލްއަށް ފާހަގަވުމުން ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް އިހުސާސްކުރެވުނެވެ. އެދެމެދުގައި އޮންނަނީ ހާއްސަ ގުޅުމެއްކަން ރޭކާލިއެވެ. ބަސްމޮށުންތެރިކަމަކަށް ބޭނުންނުވާ ބާރެއް އެދެމެދުގައި ވާކަހަލައެވެ.

''މަޖާ އެއްޗެއްތަ މިބުނެވުނީ؟...'' ތަނާލްއަށް ހީވީ ޒަރާރް ބުނަން ބޭނުންނުވަނީ ކަމަށެވެ. އެއާއެކު މޭގައި އުފަންވެގެން އައީ އޭނައާއި މުޅިން ނުބައްދަލު އިހުސާސެކެވެ. އެކަމާ އޭނަ ހައިރާން ވިއެވެ. ޒަމާންތަކަށް ފަހު ރުޅިވެރިކަން އިސްކުރެވުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ޒަރާރްއަށް ތަނާލް ފުރަގަސް ދިނެވެ. ވަމުން އެދާ ގޮތެއް ތަނާލްއަކަށް ނޭނގުނެވެ. ހިސާބަކަށް ބިރުވެސް ގަތެވެ. އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ހުރެވޭ ކަހަލައެވެ.

''ތަނޫ...'' ޒަރާރްއަށް ކުރިއަށް ޖެހިލެވުނެވެ. ތަނާލްގެ އަތުގައި އޭނައަށް ހިފެހެއްޓުނީ ބޭއިހްތިޔާރުގައެވެ. ކުރިމަތިން ދިއުމުގެ ފުރުސަތު ދޭން ބޭނުން ނުވާތީއެވެ. ކުރެވުނު ކަންތައް ރޭކާލުމާއެކު އަވަސްއަވަހަށް ތަނާލްގެ އަތުން ޒަރާރްއަށް ދޫކޮށްލެވުނެވެ. އެއަށްފަހު ތަނާލްގެ ކުރިމައްޗަށް އޭނަ ހުއްޓުނެވެ. ސަމާލުވެ ތަނާލްގެ މޫނަށް ފުން ނަޒަރެއް ދިނެވެ.

''ސޮރީ، ރުޅިއައީތަ؟...'' ޒަރާރް މަޢާފަށް އެދުނެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި ތަނާލް ޚިޔާރުކުރީ ހިމޭންކަމެވެ. ޒަރާރްގެ ސުވާލަށް ދޭނެ ޖަވާބެއް އޭނައަށް ނޭނގުނީ އެވެ. ސިކުނޑިއާއި ހިތާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށިފައިވާ ކަހަލައެވެ. އެއީ ނުތަނަވަސްކަމުން ފުރިގެންވި ހިނދުކޮޅެކެވެ.

''ތަނޫ...'' ޒަރާރް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. މިފަހަރު އެގާތްކަން ތަނާލްއަށް ފާހަގަކުރެވުނެވެ. އެހާ ގާތަށް ހުއްޓުމުން ޒަރާރް ބޭނުންކޮށްފައިވި ސެންޓްވަސް ހިނދުރީގައި ޖެހުނެވެ. ވަގުތާއެކު ސެންޓުގެ ވަސް ފަނޑުވެފައި ވިޔަސް އެކަމަށް އޭނަ ވަނީ އާދަވެފައެވެ. އެފަދަ ކުދިކަންތައް ފާހަގަ ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.

''ސޮރީ...'' ފުންނޭވާއެއް ދޫކޮށްލަމުން ޒަރާރްއަށް ބުނެވުނެވެ. އޭނައާއި ތަނާލްގެ ދެމެދުގައި ނުތަނަވަސްކަމުގެ ފާރެއް ލެވިއްޖެކަމުގެ އިހުސާސް ޒަރާރްއަށް ކުރެވުނެވެ. އަވަސްވެގަނެވުނީ އެކަމަށް ނިމުމެއް ގެންނާށެވެ. ފަހަރެއްގައި ވެސް ތަނާލްގެ ނުރުހުން އޭނައަށް އަމަޒުވުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. ދެބަސްވުމެއް އުފެދެން ވެސް މެއެވެ. އަމިއްލަ އިހުސާސްތަކަށް އޮޅުވާލަން ބޭނުން ވިޔަސް، ތަނާލްއަށް އެހިތުން ހާއްސަ މަޤާމެއް ވަނީ ދެވިފައެވެ. އެހަޤީޤަތަށް ފިލަން ކިތަންމެ މަސައްކަތެއް ކުރިޔަސް ކާމިޔާބު ލިބުމެއް ނެތެވެ. އެކަމުގެ ތެދުދޮގު އެނގޭނީ ޚުދު އޭނަގެ ޒަމީރަށެވެ.

''އަހަރެން ސްޓްރެސްވީމަ ޒަރާރް އޮޅުންފިލުވަން ބޭނުންވެޔެއްނު، އައި ވޯންޓު ހެލްޕް ޔޫ...'' ތަނާލްއަށް ބުނެވުނެވެ. އޭނަގެ އަޑު މަޑެވެ. މޭގައި އުފެދެމުންދާ ތޫފާން ކޮންޓްރޯލްކުރަން ތަނާލް ހިތްވަރުކުރިއެވެ.

''އައި ނޯ، ތަނޫ ގާތު ނުބުނާކަށެއް ނޫނޭ، ފެމިލީ ކަމެއް ވީމަ އެކަމުގެ ތެރެއަށް ތަނޫ ނުގެންނަން ވެގެން...'' ޒަރާރް ހާމަކުރިއެވެ އެއާއެކު އިސްއުފުލާ ޒަރާރްގެ މޫނަށް ތަނާލްއަށް ބަލައިލެވުނެވެ. ޔަޤީނުން ވެސް ޒަރާރްގެ ޖުމްލައިން ތަސައްލީއެއް ލިބުނެވެ. އޭނަ ވިސްނަމުން ދިޔަ ގޮތާ މުޅިން ޚިލާފު ޖަވާބެއް ލިބުމުންނެވެ. އެކަމާ އުފާވާންވީކަމެއް ނުތަވަ ކަންބޮޑުވާންވީކަމެއް ވެސް ނޭނގުނެވެ.

''އަހަރެން އަޑުއަހާނަމޭ...'' ޒަރާރް އިސްއޮބާލައިގެން ހުންނަން ފެށުމުން ތަނާލް ދެރަވިއެވެ. އެހިތާމަތަކަށް ލުޔެއް ގެނެސްދޭން ބޭނުންވިއެވެ. އޭނައަށް ޒަރާރްގެ އަތުގައި ހިފާލެވުނީ އެކަމަށް އެދެވުނީތީއެވެ. ވަގުތާއި ހާލަތުގެ ސަބަބުން އެގޮތް ނޭނގޭ ޖަޒުބާތުތަކަށް ތަނާލް ސަމާލުކަމެއް ނުދިނެވެ. އޭނަ ބޭނުންވީ ޒަރާރްގެ ފިކުރުތަކަށް ނިމުމެއް ގެނެސްދޭށެވެ.

ތަނާލްގެ އަތްތިލައަށް ޒަރާރް ފިތާލިއެވެ. އޭނަގެ ގާތުގައި ތަނާލް ހުރުމުން އުފާވެރިކަން ލިބުނެވެ. ހިތާމަޔާއި މާޔޫސްކަމުގެ ބަނަ ވިލާތައް އަލިކަމުން ރޯޝަނީން ފޫއަޅުވާލި ފަދައެވެ. ލުއި ހިނިތުންވުމެއް ޒަރާރްގެ ތުންފަތުގައި ދުވެލިއެވެ. ތަނާލްގެ ސަބަބުން އުދާސްތަކާއި ދުރުވާން ފަސޭހަ ވިއެވެ. އުއްމީދު ލިބުނެވެ.

ހެނދުނުގެ ހާދިސާ ޒަރާރް ހިއްސާކުރިއެވެ. ތަނާލް ހުރީ އަޑު އަހަންށެވެ. ވާހަކަ ނިމި ޒަރާރް އިސްއުފުލަންދެކަށް ތަނާލް ހުރީ ހިމޭނުންނެވެ. ނަމަވެސް ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވި ހިނދު، ޒަރާރްގެ ދެލޮލުން ފާޅުވި ޝުއޫރުތަކުން، މޭ ގެނބިގެން ދިޔަހެން ތަނާލްއަށް ހީވިއެވެ. ހުރަހެއް ނެތި ޒަރާރްގެ ހިތުގެ ހާލު އިލްހާމަގެން ދިޔަ ފަދަ އެވެ. އަމިއްލަ ނަފުސާ މެދު ވިސްނުމަށް ވުރެން ބޮޑަށް ޒަރާރް ބޭނުންވަނީ ޢާއިލީ ހަމަޖެހުމެވެ. އެކަމަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެދާން ތައްޔާރަށް ހުރި ކަހަލައެވެ.

''ޒަރާރް، އަހަންނަށް ހީވާ އެއްޗެއް ބުނަންތަ؟...'' ޒަރާރްގެ އަތުން ދޫކޮށްލުމެއް ނެތި ތަނާލް ބުންޏެވެ.

ޒަރާރް ބޯޖަހާލިއެވެ. ކުރިއަށް ދިއުމުގެ އިޝާރާތަކަށް ފުދުނެވެ.

''ރުޅިއަކީ ވަރަށް ފާޑެއްގެ އެއްޗެއް، ރުޅީގެ މައްޗަށް އަމަލުކުރެވުމުން ބައެއްފަހަރު ތިމާ ބޭނުންނުވާ އެއްޗެހި ބުނެވޭ ހާލަތަށްދޭ، އަހަންނަށް ހީވަނީ ކޮންމެވެސް އެހެން ކަމަކާ ދާން ނުރުހިފަ ހުރީމަ ހެން އެގޮތަށް ވާހަކަދެކެވުނީ، ކޮންކަމެއްކަން ބުނަން އަހަންނަށް އުނދަގޫ، އެކަމަކު އެކަމުގައި ޒަރާރް ކުށްވެރިއެއް ނުވެޔޭ، ޔޫ އާރ ޓްރައިންގް ޔޯރ ބެސްޓް، އަހަންނަށް ފެނެޔޭ ހުރިހާކަމެއް ރަނގަޅުވުމަށް ޒަރާރް ބޭނުންވާ މިންވަރު، އެކަމަކު ބައެއް ކަންތައްތަކަކީ ވަގުތުން ހައްލު ލިބޭނެ ކަންތައްތަކެއް ނޫން، އެކަމަށް ވަގުތު ނަގާފާނެ... ދައްޔާނަށް ވަގުތު ދޭންވީނު؟، ރުޅި ފިނިވީމަ ޒަރާރްއާއި ވާހަކަދައްކަން ހުންނާނީ ތައްޔާރަށް... ޕްލީޒް ޑޯންޓް ބްލޭމް ޔޯރ ސެލްފް...'' ބޮޑުވާ އިނިގިލިން ޒަރާރްގެ އަތުގެ ނުފުށުގައި ފިރުމަމުން ތަނާލް ބުނެލިއެވެ. އޭރު ވެސް ތަނާލް ބަލަމުން ދިޔައީ ޒަރާރްގެ ދެލޮލަށެވެ. އެތޫނުފިލި ދެލޮލުގެ ބާރުގައި އޭނަ ޤައިދުވެފައިވާ ކަހަލައެވެ. ސިކުނޑީގައި އުފެދިފައިވި ހައިޖާނަށް އެދެލޮލުގައިވި ފުރިހަމަކަމުން ނިމުމެއް ގެނެސްދީފިއެވެ. ބަލާ ފޫހިނުވާނެ ފަދަ ޖާދުލެއް އެކުލެވިގެން ވިއެވެ. ކަޅިރަވައިގެ ކުލައަށް ޒަރާރްގެ ހިތުގައި ދައުރުވާ އިހުސާސްތަކުން ބަދަލު އަންނަހެން ތަނާލްއަށް ހީވިއެވެ.

ތަނާލްގެ ނަސޭހަތް ޒަރާރް ޤަބޫލުކުރިއެވެ. މާނަ ފުން ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އޭނައަށް ބަލައިލެވުނީ ތަނާލްގެ މޫނަށެވެ. ޝުކުރުވެރިކަމާއެކުގައެވެ. އޭނައަށް ވެސް ހުރެވުނީ ސިހުރެއްގައި ބަނދެވިފައެވެ. ގާތުން ތަނާލްގެ ރީތި ދެލޯ ފެނުމުން އިހުތިޔާރުން އޭނަގެ ލަގަން ދޫވެގެން ހިނގައްޖެއެވެ. ހޭވެރިކަންވީ އަމިއްލަ ޒަމީރު ދިން އިންޒާރުތަކާއެކުގައެވެ. އެއާއެކު ތަނާލްއާއި ދުރަށް ޖެހިލެވުނެވެ. ހިނިތުންވުމެއް ބަދަލުކޮށްލަމުންނެވެ.

ޒަރާރް އޭނަގެ އަތުން ދޫކޮށްލުމާއެކު ހުސްކަމެއް ތަނާލްގެ ހިތަށް ވެރިވިއެވެ. ހަށިގަނޑުގައި ދައުރުކުރަމުންދާ ރާޅުބާނީތައް ވެސް ހިނދިގެން ހިނގައްޖެއެވެ. އެހިނދު ތަނާލްގެ މެޔަށް ލޮޅުމެއް އެރިއެވެ. ދެން ހިތް ތެޅެން ފެށީ ބާރުބާރަށެވެ. ކަންފަތުގައި ވެސް ގުގުމަން ފެށީ ހިތުގެ ވިންދެވެ. ޒަރާރްއަށް ފާހަގަ ވެދާނެތީ ވަކިން ބޮޑަށް ބިރުގަތެވެ. ދިގު ނޭވާއެއް ދޫކޮށްލަމުން ޚިޔާލަށް ގެންނަން ފެށީ ދެޒުވާނުންގެ ފުރަތަމަ ބައްދަލުވުމެވެ. ތަކުލީފުތައް ގިނަވާ ކޮންމެ ވަގުތަކު އެޚިޔާލުތަކުން މެޔަށް ފިނިކަމެއް ގެނެސްދެއެވެ. ތަރިތަކުގެ ދަރުބާރު ސިފަކުރެވުމުން ބިރުވެރިކަމާ ދުރަށް ގެނެސްގޮސްދެއެވެ. އެކަމާ ވިސްނަން ތަނާލްއަށް މަޖުބޫރުކުރުވީ އޭނަގެ ޒަމީރެވެ.

*****

އެޕާޓްމެންޓާ ހަމައަށް ތަނާލް ގެންގޮސްދިނީ ޒަރާރް އެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ކުރީގެ އުފާވެރިކަން ޒަރާރްގެ މޫނުން ރަމްޒުކޮށްދެއެވެ. މަންޒިލާ ހަމައަށް ދެވެންދެން ފޫހިކަމެއް ނެތި ތަނާލްއާއި އޭނަ ވާހަކަދެއްކިއެވެ. ކުރިއަށް އޮތް ހަފްތާގައި ފެންނާނެކަމަށް ލަފާކުރެވިފައިވާ މީޓިއޯރ ޝަވާރއެއްގެ ވާހަކަ ވެސް ޒަރާރް ހިއްސާކުރިއެވެ. އެކަމާ ތަނާލް ނުހަނު ގަޔާ ވިއެވެ. އެރެޔަށް ވަގުތު ހުސްކުރަން ދެޒުވާނުން އެއްބަސްވިއެވެ.

ދުވާރުކައިރިއަށް ކާރު މަޑުކޮށްލުމާއެކު ވަދާއުގެ ހިނިތުންވުމަކާއެކު ތަނާލް އުޅުނީ ފައިބަންށެވެ. އޭގެ ކުރިން ތަނާލްއަށް ގޮވާލައި ޒަރާރް ހުއްޓުވިއެވެ. ދޮރުގެ އަތްގަނޑުން ދޫކޮށްލައި ޒަރާރްއަށް ތަނާލް ބަލައިލިއެވެ.

''ޓޭކް ދިސް، ވިއްސާރައެއްނު، އިމާރާތަށް ވަދެވޭއިރު ތެމިދާނެ...'' ކާރުގެ ގްލޯވް ބޮކްސް ހުޅުވާލަމުން ނެގި ކަޅުކުލައިގެ ފަށްޖަހާލެވޭ ކުޑައެއް ޒަރާރް ނެގިއެވެ.

ކުޑައިގައި ތަނާލް ހިފިއެވެ. ކުދިކުދި ކަންތަކާ މެދު ޒަރާރް ވިސްނާ މިންވަރު ތަނާލްއަށް ރޭކާލި ދެނެވެ. އޭނައަށް ހަދިޔާކުރި ހިނިތުންވުން ވެސް ފާހަގަ ކުރެވުނެވެ. ތަނާލް އަވަސްވެގަތީ ކާރުން ފައިބާށެވެ. ކާރުގެ ދޮރު ހުޅުވާލަމުން، އަތުގައި ކުޑަ ރޫޅާލިއެވެ. ކުޑައިގެ އެހީގައި އޭނަ ގޮސް އިމާރާތަށް ވަނެވެ. އޭރު ވެސް ތެޅެމުންދާ ހިތުގެ ވިންދުތަކަށް ބަދަލެއް ނާދެ އެވެ. ލިފްޓުގައި އެކަނިވުމާއެކު ލިފްޓްގެ ފާރަށް ލެނގިލެވުނެވެ.

''ކިހިނެއްތަ މިވަނީ؟...'' ލިފްޓަށް ވެރިވެފައިވި ހަމަހިމޭންކަމުގެ ތެރެއިން ތަނާލްއަށް އޭނަގެ ހިތާ ސުވާލުކޮށްލެވުނެވެ.

(ނުނިމޭ)