ފެނަކަ ކޯޕަރޭޝަންގައި ތިބި މުވައްޒަފުންގެ އަދަދު ކުންފުންޏަށް ބޭނުންވާ މިންވަރަށް ތަރުތީބުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި، މުސާރަ ލިބޭ ގޮތަށާއި، މުސާރަ ނުލިބޭ ގޮތަށް ދޫކުރާ ޗުއްޓީތައް ދިނުން އެ ކުންފުނިން ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.

ފެނަކައިގެ ޗީފް ކޮލިޓީ އޮފިސަރު އުސެއިދު ހުސެއިން ސޮއިކުރައްވައި އިއްޔެ ނެރުއްވި ސާކިއުލާގައި ބަޔާންކޮށްފައިވަނީ، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޕޭ ލީވާއި ނޯޕޭ ލީވް ދޫކުރުން މެދުކަނޑާލާފައިވާ ކަމަށެވެ. އެ ބަދަލަކީ ކުންފުނީގެ އޮނިގަނޑަށް ގެންނަން ނިންމާފައިވާ އިސްލާހީ ބަދަލުތަކުގެ ބައެއް ކަމަށެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު މީގެކުރިން ވިދާޅުވެފައިވަނީ އެ ކުންފުނީގައި މިހާރު ތިބި 8،000 އެއްހާ މުވައްޒަފުންނަކީ ކުންފުނީގެ މަސައްކަތްތަކާ އަޅާބަލާއިރު އެކަށީގެންވާ އަދަދަކަށް ވުރެ ގިނަ އަދަދެއް ކަމަށެވެ. އެކި ދުވަސްވަރު އެކި މަޝްރޫއުތަކަށް ނެގި ގިނަ މުވައްޒަފުންތަކެއް ދާއިމީކޮށްފައި ތިބި ނަމަވެސް، އޭގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެ ދުވަހަކު ކުރާނެ ހާއްސަ މަސައްކަތެއް އޮތް ބައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ކުންފުނި ހަރުދަނާކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ އެއްފަހަރާ ދޭ ހާއްސަ ޕެކޭޖެއް ވެސް މިހާރު ވަނީ ތައާރަފުކޮށްފައެވެ. އެ ޕެކޭޖުގެ ދަށުން ވަކިވާން އެދޭ މުވައްޒަފުންނަށް މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެއެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ މުވައްޒަފުންނަށް ރިޓަޔާމެންޓް ޕްރޮގްރާމެއްގެ ދަށުން ވަކިވުމުގެ ފުރުސަތުވެސް ފެނަކައިން ވަނީ ހުޅުވާލާފައެވެ.