އިންޑިއާގެ ފުރަތަމަ ފްލެކްސް-ފިއުލް ޕަސެންޖަރު ކާރު ކަމަށްވާ "ވެގަންއާރު" މާރުތީ ސުޒުކީން މިއަދު ތައާރަފުކޮށްފިއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކާރު ދައްކާލާފައިވަނީ، އެ ގައުމުގެ މަގުތަކާއި ދަތުރުފަތުރާ ބެހޭ ވަޒީރު ނިތިން ގަޑްކަރީ އާއި ޕެޓްރޯލިއަމް ވަޒީރު ހަރްދީޕް ސިންގް ޕޫރީގެ ހާޒިރުގައެވެ.
އޮޓޯކާ ޕްރޮފެޝަނަލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކާރަކީ އީ20 އިން ފެށިގެން އީ100 (ސައްތައިން ސައްތަ އިތަނޯލް) އާ ހަމައަށް ތަފާތު މިންވަރުތަކުގެ އިތަނޯލް ބްލެންޑް ބޭނުންކޮށްގެން ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ ކާރެކެވެ. މި ކާރުގައި ބޭނުންކޮށްފައިވަނީ މާރުތީގެ 1.2 ލީޓަރުގެ ކޭ12އެން ޕެޓްރޯލް އިންޖީނެވެ. ނަމަވެސް، އިތަނޯލް ބޭނުންކުރެވޭ ގޮތަށް މި އިންޖީނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މާރުތީ ސުޒުކީގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ހިސާޝީ ޓަކެއުޗީ ވިދާޅުވި ގޮތުގައި، މިއީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށާއި، ބޭރު ގައުމުތަކުން ތެޔޮ އެތެރެކުރާ މިންވަރު މަދުކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. އަދި މިއީ ކާބަން ބޭރުކުރާ މިންވަރު ދަށްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ އޮޓޯމޯޓިވް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިފަދަ ކާރުތައް އާންމުކޮށް ބޭނުންކުރަން ފެށުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިތަނޯލް ލިބޭނެ އިންތިޒާމުތައް އަދި ފުޅާދާއިރާއެއްގައި ގާއިމުވެފައި ނެތުމެވެ. މިހާރު އިންޑިއާގައި އީ85 ފެންވަރުގެ އިތަނޯލް ލިބެން ހުރީ ދިއްލީ އަދި މުމްބާއީ ފަދަ ބޮޑެތި ސަރަހައްދުތަކުގައި ހުރި 50 އާއި 100 އާ ދެމެދުގެ އަދަދެއްގެ ސްޓޭޝަންތަކަކުންނެވެ. ނަމަވެސް، 2027 ވަނަ އަހަރުގެ ނިޔަލަށް މުޅި އިންޑިއާގައި 5،000 އިތަނޯލް ސްޓޭޝަން ގާއިމުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލުވެވިއްޖެނަމަ، ފްލެކްސް-ފިއުލް ކާރުތަކަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް މާލީ ރިޕޯޓުތަކުން ލަފާކުރެއެވެ.
މާރުތީ ސުޒުކީން މި ކާރު ތައާރަފުކޮށްފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ. މިއީ އިންޑިއާގެ ހަކަތައިގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އިންޑިއާއަކީ ބޭނުންކުރާ ތެލުގެ 90 އިންސައްތަ ބޭރުން އެތެރެކުރާ ގައުމަކަށްވާއިރު، އިތަނޯލް ފަދަ ބަދަލު ހަކަތައިގެ ވަސީލަތްތަކަށް ބަރޯސާވުން އިތުރުކުރުމަކީ އެ ގައުމުގެ އިގުތިސާދަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ