ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާ 55 ކިލޯމީޓަރު ދުރުގައި އޮންނަ އަންގުރުވަތޮޓަ ސަރަހައްދުގައި ހުންނަ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، 12 މީހަކު މަރުވެއްޖެއެވެ.
“މައުޕިޔަ ސެވަނަ” ނަމަކަށް ކިޔާ މި މަރުކަޒުގައި ހިނގި މި ހާދިސާގައި އިތުރު ހަ މީހަކަށް އެކިވަރުގެ އަނިޔާލިބިފައިވާ އިރު، އެ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ލަންކާގެ އަސްކަރިއްޔާއާއި ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުން ގުޅިގެން ކުރި މަސައްކަތުން، އެ އިމާރާތުގައި ތިބި މީހުންގެ ތެރެއިން 51 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން ފަރުވާކުޑަކުރުމުގެ ތުހުމަތުގައި އެ މަރުކަޒުގެ މެނޭޖަރު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ތަނަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ތަނެއްގެ ބަދަލުގައި، ނަފްސާނީ ބަލިމީހުންވެސް އެއްކޮށް ބަލަހައްޓަމުންދިޔަ ތަނެއްކަން ފާހަގަކުރެވިފައިވާތީ، އެކަން ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އަލިފާން ރޯވާން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި އެ ސަރަހައްދުގައި ފޮރެންސިކް ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ. ފުލުހުން ބުނި ގޮތުގައި، މަރުކަޒު ހިންގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ މަސައްކަތްވެސް ތަހުގީގުގެ ތެރެއިން ކުރިއަށްދާނެއެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ