އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ފަސޭހަ ކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން އޮޓޮމެޓިކުން ފައިސާ ކެނޑޭ ނިޒާމެއް މިއަދު ތައާރަފުކޮށްފިއެވެ.

މި އާ ނިޒާމުގެ ދަށުން، ލޯނަށް ފައިސާ ދައްކަންޖެހޭ ތާރީހުގައި ކަސްޓަމަރުންގެ ބޭންކު އެކައުންޓުން އޮޓޮމެޓިކުން އިންސްޓޯލްމަންޓް ކެނޑޭނެއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނި ގޮތުގައި، މި ބަދަލުގެ މައިގަނޑު މަގުސަދަކީ އިދާރީ މަސައްކަތްތައް މަދުކުރުމާ އެކު، ގަވާއިދުން ފައިސާ ދެއްކުމަށް މަގުފަހިކޮށްދީ ކަސްޓަމަރުންގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމެވެ. މީގެ ކުރިން ކަސްޓަމަރުން އަމިއްލައަށް ފައިސާ ޓްރާންސްފާ ކުރަން ޖެހުމުގެ ސަބަބުން ބައެއް ފަހަރު ލަސްވުމުގެ މައްސަލަތައް ދިމާވެއެވެ.

މި ހިދުމަތް ފުރަތަމަ ފޯރުކޮށްދޭން ފަށާނީ އާންމު ލޯނުތަކުން އިސްލާމިކް ފައިނޭންސިންއަށް ބަދަލުވި ކަސްޓަމަރުންނަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ނިޒާމުގެ ތެރެއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ ކުންފުނިން ހާމަ ކުރެއެވެ.

މިކަމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މި ބަދަލަކީ ޑިޖިޓަލް ނިޒާމުގެ ހަރުދަނާކަމާއި ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އިސްކަންދީގެން ގެނައި ބަދަލެކެވެ. އަދި ފައިސާ ދެއްކުމުގެ މަރުހަލާ މިހާރަށްވުރެ ހަރުދަނާވެ، ކަސްޓަމަރުންނަށް ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނަ އެސްއެމްއީ ޑިޖިޓަލްއިން އަންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ތައާރަފު ކުރަމުންނެވެ. އެގޮތުން، ބީއެމްއެލްގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް އެސްއެމްއީ ޑިޖިޓަލްގެ ލޯނުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ދާދި ފަހުން ވަނީ ހަމަޖައްސައިފައެވެ.