އދ. ގެ އާންމު މަޖިލީހުން ސަލާމަތީ މަޖިލީހަށް އަލަށް ފަސް ގައުމެއް އިންތިހާބުކޮށްފައިވާ އިރު، ގޮނޑިއެއް ހޯދުމަށް ޖަރުމަނުވިލާތުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.

މިއީ 2027 އިން 2028 އަށް ސަލާމަތީ މަޖިލީހުގައި ތަމްސީލު ކުރާނެ ދާއިމީ ނޫން ފަސް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބެކެވެ.

ހުޅަނގު ޔޫރަޕާއި އެހެނިހެން ގައުމުތަކަށް ހާއްސަކޮށްފައިވާ ދެ ގޮނޑި ކާމިޔާބު ކުރީ ޕޯޗުގަލް އަދި އޮސްޓްރިއާއިންނެވެ. ޕޯޗުގަލްއަށް 134 ވޯޓު ލިބުނު އިރު އޮސްޓްރިއާއަށް ލިބުނީ 131 ވޯޓެވެ. މި އިންތިހާބުގައި ޖަރުމަނަށް ލިބުނީ 104 ވޯޓެވެ. މީގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑި ފިލިޕީންސާ ވާދަކޮށް ކާމިޔާބު ކުރީ ކިރްގިސްތާނުންނެވެ. އަދި އެފްރިކާ ބައްރުގެ ގޮނޑި ޒިމްބާބުވޭއިން ކާމިޔާބު ކުރި އިރު، ލެޓިން އެމެރިކާ ސަރަހައްދުގެ ގޮނޑި ކާމިޔާބު ކުރީ ޓްރިނިޑާޑް އެންޑް ޓޮބޭގޯއިންނެވެ.

މި ނަތީޖާއާ ގުޅިގެން ޖަރުމަނުގެ ހާރިޖީ ވަޒީރު ޔޯހާން ވަޑެފުލް ވިދާޅުވި ގޮތުގައި މިއީ އެ ގައުމަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޖަރުމަނަށް ނާކާމިޔާބުވުމުގެ ފަހަތުގައި ރަޝިއާގެ ނުފޫޒު އެބައޮތެވެ.

އެގޮތުން ޔޫކްރެއިނަށް ޖަރުމަނުން ތާއީދުކުރާތީ ރަޝިއާއިން ޖަރުމަނާ ދެކޮޅަށް ކެމްޕޭންކޮށްފައިވާ ކަމަށާއި އިޒްރޭލަށް ޖަރުމަނުން ދޭ ތާއީދުގެ ސަބަބުން ވެސް ބައެއް ގައުމުތަކުގެ ވޯޓު ގެއްލިފައިވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަރުމަނުން މިފަދަ ތުހުމަތުތަކެއް ކުރި ނަމަވެސް، އިންތިހާބު ކާމިޔާބު ކުރި ގައުމުތަކުން ވަނީ މިއީ ބައިނަލް އަގުވާމީ މުޖުތަމައުން އެ ގައުމުތަކަށް ކުރާ އިތުބާރު ކަމަށް ސިފަކޮށްފައެވެ. އޮސްޓްރިއާގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުގައި މިއީ އެ ގައުމަށް އޮތް ބައިނަލްއަގުވާމީ އިތުބާރުގެ ވަރުގަދަ ނިޝާނެކެވެ.

އަދި ތާރީހުގައި ފުރަތަމަ ފަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރި ކިރްގިސްތާނުގެ ހާރިޖީ ވަޒީރު ޖީންބެކް ކުލުބަޔޭވް ވިދާޅުވީ، މިއީ ދުނިޔެއަށް ހަލަބޮލި ވަގުތެއްކަން ގަބޫލުކުރައްވާ ކަމަށާއި، އެހެން މެންބަރުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަލަށް އިންތިހާބުވި ފަސް ގައުމުން މަގާމާ ހަވާލުވާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. މި ގައުމުތަކުން ބަދަލު ކުރާނީ މިހާރު މަޖިލީހުގައި ތިބި ޑެންމާކް، ގްރީސް، ޕާކިސްތާން، ޕެނަމާ އަދި ސޯމާލިއާއެވެ. އދ. ގެ ސަލާމަތީ މަޖިލީހަކީ ޖުމްލަ 15 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. އޭގެ ތެރޭގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް ހިމެނެއެވެ. އަނެއް 10 ގޮނޑިއަކީ ކޮންމެ ދެ އަހަރަކުން އިންތިހާބުކުރާ ދާއިމީ ނޫން ގޮނޑިތަކެކެވެ.