ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގަށް އެއްބާރުލުން ނުދިނުމަށް ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޯޔީސް (އެފްޑަބްލިއުއައިސީއީ) އިން ނެރެފައިވާ އެންގުން، އިއްޔެ ރަސްމީކޮށް ބާތިލުކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ އިންޑިއަން މޯޝަން ޕިކްޗަރ ޕްރޮޑިއުސާސް އެސޯސިއޭޝަން (އިމްޕާ) އާއި ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާ އަދި ސިންޓާ ފަދަ ފިލްމީ ސިނާއަތުގެ އިސް ޖަމިއްޔާތަކުން މި މައްސަލައިގެ ތެރެއަށް ވަދެ، މަޝްވަރާ ކުރުމަށް ފަހުގައެވެ.

މި މައްސަލަ ފެށިގެން އައީ ފަރްހާން އަހްތަރު ޕްރޮޑިއުސްކުރާ ފިލްމު "ޑޮން 3" އިން ރަންވީރު ކުއްލި ގޮތަކަށް ވަކިވުމާ ގުޅިގެންނެވެ. ފިލްމުގެ ޕްރީ-ޕްރޮޑަކްޝަނަށް 45 ކްރޯޑު ރުޕީސް ހަރަދުކޮށްފައިވާ ކަމަށް ޕްރޮޑިއުސަރުން ބުނެފައިވާ އިރު، އެފްޑަބްލިއުއައިސީއީން ރަންވީރާ ދެކޮޅަށް އެއްބާރުލުން ނުދިނުމަށް އެދި އެންގުން ނެރުނީ މެއި 25 ގައެވެ.

ނަމަވެސް، ރަންވީރުގެ ފަރާތުން މީގެ ދެ ދުވަސް ކުރިން އެ ޖަމިއްޔާއަށް ގާނޫނީ ނޯޓިހެއް ފޮނުވުމާ ގުޅިގެން، އޭގެ އަނެއް ދުވަހު ވަނީ އެންގުން ބާތިލުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ރަންވީރު ފިލްމުން ވަކިވީ ސްކްރިޕްޓާ މެދު ހިތްހަމަ ނުޖެހުމާއި އުޖޫރައިގެ މައްސަލަތަކަކާ ހެދިއެވެ.

އެފްޑަބްލިއުއައިސީއީގެ ޗީފް އެޑްވައިޒަރު އަޝޯކް ޕަންޑިތު ވިދާޅުވި ގޮތުގައި، އެންގުން ބާތިލު ކުރީ އެއްވެސް ފަރާތެއްގެ ފިއްތުންތަކަކާ ހެދި ނޫން ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ފިލްމީ ސިނާއަތަކީ އެއް އާއިލާއެއް ފަދަ ތަނަކަށް ވާއިރު، މައްސަލަތައް ހައްލު ކުރަން ޖެހޭނީ އެންމެން އެކުގައި މަޝްވަރާކޮށްގެންނެވެ. އަދި ރަންވީރާ ދެކޮޅަށް ނެރުނީ މަނާކުރުމުގެ އަމުރެއް ނޫން ކަމަށާއި އެއީ ހަމައެކަނި ލަފާދޭ އެންގުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރަންވީރަކީ ކާމިޔާބު ތަރިއެއް ކަމަށާއި އޭނާ އިތުރަށް ކުރިއަރައިގެން ދިއުމަށް އެދޭ ކަމަށް ވެސް އަޝޯކް ޕަންޑިތު ވިދާޅުވިއެވެ.

މި އެންގުން ބާތިލުކުރުމާ އެކު، ރަންވީރުގެ ކުރިއަށް ހުރި ފިލްމީ ޕްރޮޖެކްޓުތަކަށް އޮތް ހުރަސްތައް ވަނީ ނިމުމަކަށް އައިސްފައެވެ.

އެފްޑަބްލިއުއައިސީއީގެ ރައީސް ބީއެން ތިވާރީ ވިދާޅުވީ، މި މައްސަލައިގައި އެއްވެސް ބަޔަކު މޮޅުވެ ނުވަތަ ބަލިނުވާ ކަމަށާއި ރަންވީރު ފޮނުވި ގާނޫނީ ނޯޓިހަށް އެ ޖަމިއްޔާގެ ގާނޫނީ ޓީމުން ޖަވާބުދޭނެ ކަމަށެވެ.

ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކުން ވަނީ މި މައްސަލަ އަވަހަށް ހައްލުވުމަކީ މުޅި ސިނާއަތަށް ލިބުނު ކުރިއެރުމެއް ކަމަށް ބުނެފައެވެ.