ކުވޭތުގެ ވެރިރަށް ކުވޭތުސިޓީގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައިވާ ޓާރމިނަލަކަށް އީރާނުން ވަނީ ބުދަދުވަހު ޑްރޯނާއި މިސައިލުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ކުވޭތުން އެކަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ކުވޭތުން ވަނީ ބުނެފައެވެ. އީރާނުން ބުދަ ދުވަހު ހަމަލަދިނީ ހަމައެކަނި ކުވޭތަކަށް ނޫނެވެ. ބަހުރޭނަށްވެސް ވަނީ މިސައިލާއި ޑްރޯނުން ހަމަލަދީފައެވެ. ބަހުރައިނުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ނޭވީގެ ފިފްތު ފްލީޓުގެ ހެޑްކުއާޓަރަށެވެ. މި ހަމަލަތައް ދިނުމަށްފަހު އީރާނުން ބުނެފައިވަނީ ކީކޭބާވައެވެ. އީރާނުގެ އިންގިލާބީ ގާޑުން ބުނެފައިވަނީ މިއީ އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގި އައު އުދުވާނެއްގެ ބަދަލު ހިފުމެއް ކަމަށާއި ހަމަލަދިނީ ކުވޭތާއި ބަހުރައިނުގައި ގާއިމުވެތިބި އެމެރިކާގެ ސިފައިންނަށް ކަމުގައެވެ. އީރާނާ ދެކޮޅަށް ބުދަދުވަހު އެމެރިކާއިން ހިންގި އުދުވާނުގައި ބޭނުންކޮށްފައިވަނީ ކުވޭތާއި ބަހުރައިނުގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކެވެ.
އެކަމަށް އިޝާރާތްކުރަމުން އީރާނުން ބުނެފައިވަނީ މިވަރުން އެމެރިކާއަށް މިފަހަރު ފިލާވަޅެއް ލިބިއްޖެކަމަށް ގަބޫލުކުރާ ކަމަށެވެ. މިއީ ބަދަލު ހިފުމުގެ އަމަލެއް ކަމަށްވަންޏާ އެމެރިކާއިން އިސްވެ ހިންގާފައިވަނީ ކޮން އަމަލެއް ހެއްޔެވެ. އީރާނުގެ އައްސޭރީގައި އޮންނަ ޖަޒީރާއެއް ކަމަށްވާ ގުޝަމްގައި ގާއިމުކޮށްފައިވާ މިސައިލް ބެޓެރީތަކަށް ހަމަލަދީ ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ބުނެފައެވެ. އަދި މިއީ އަމިއްލަ ދިފާއުގައި ކުރާންޖެހުނު ކަމެއް ކަމަށްވެސް ބުނެއެވެ. ގުޝަމް ޖަޒީރާއަކީ ހޮރުމުޒް ކަނޑުއޮޅީގެ އަނގަމަތީގައި އޮންނަ ޖަޒީރާއެކެވެ. އެއީ އީރާނުގެ ކަނޑުގެ ލަޝްކަރުގެ ވަރަށް މުހިންމު މަރުކަޒެކެވެ. ތަންކޮޅެއް ދުރަށް ޖެހިލަމާބަހީއެވެ. އެމެރިކާޔާއި އީރާނުގެ ހަގުރާމައަށް ވަގުތީގޮތުން ހުއްޓުމެއް ގެނެސްފައިވަނީ އެޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ. އެއީ ފެބްރުއަރީ އަށާވީހުން ފެށިގެން މެދުނުކެޑި ގާތްގަޑަކަށް ސާޅީސް ދުވަހު ހަގުރާމަ ކުރުމަށްފަހުގައެވެ. މިދެންނެވި ތާރީޚުގައި ހަގުރާމަ މެދުކަޑައިލި ކަމަށްވިޔަސް ދޭތެރެ ދޭތެރެއިން މިޒާތުގެ ކުއްލި ހަމަލާތަކެއް ބަދަލު ކުރެވެމުންދެއެވެ.
ކޮންމެފަހަރަކުވެސް އިސްވެ ހަމަލަދެނީ އެމެރިކާއިންނެވެ. އެއަށްފަހު ދެން ފެނިގެންދަނީ އީރާނުގެ ރައްދެވެ. ވަގުތީގޮތުން ހަގުރާމަ މެދުކަޑައިލިތާ ދެ މަސްވާން ކައިރިވެފައިވާއިރު މިޒާތުގެ ކުއްލި ހަމަލަތަކުގެ ހަތަރު ފަސް ހާދިސާއެއް މިހާތަނަށް ވަނީ ފެނިގެންގޮސްފައެވެ. މިފަހަރު އީރާނުން ކުވޭތަށް ދިން ހަމަލަޔަކީ މިހާތަނަށް ފެނިފައިވާ އެންމެ ވަރުގަދަ އެންމެ ނުރައްކާތެރި ހަމަލައެވެ. މިހިސާބުން އުފެދެނީ ސުވާލެކެވެ. މިކަންކަން ދެން ހަމަ އާދަޔަކަށްވީ ހެއްޔެވެ. އިޒްރޭލުން ލުބުނާނަށް ހަމަލަދޭ ބީދައިން ހަމަ މިހެންތިބެފައި ހިތަށްއެރީމާ އީރާނަށް ހަމަލަދިނުން އެމެރިކާއިންވެސް އާދަޔަކަށް ހެދީހެއްޔެވެ. އެގޮތަށް ހަމަލަދީފައި މިއީ އަމިއްލަ ދިފާއުގައި ކުރިކަމެކޭ ބުނެފައި މަތިއޮމާންކުރީމާ ނިމުނީ ހެއްޔެވެ. އަނެއްކޮޅުން ގަލްފުގެ އަރަބި ގައުމުތަކުގައި އެމެރިކާ ސިފައިން ތިބެފައި މިހެން ދޭ ހަމަލާތަކަށް އެ ގައުމުތަކުންވެސް ހުއްދަދީގެން ރުހިގެން ބަލަން ތިބުންވެސް އާދަޔަކަށްވީ ހެއްޔެވެ.
އީރާނުންވެސް ގަލްފުގެ އަރަބި ގައުމުތަކަށް މިގޮތަށް ރައްދު ހަމަލަދިނުން އާދަޔަކަށް ހެދީހެއްޔެވެ. ފެންނަ ފެނުމުގައި މިކަންތައް މިވަނީ މިހާރު އާދަޔަކަށް ވެފައެވެ. އާދަޔަކަށް ހަދައިފައެވެ. އެހެންކަމަށްވަންޏާ މުޅި ގަލްފުގެ މަސްރަހު އެއޮތީ ވަރަށް ނާމާންވެފައެވެ. މިއީ މާގިނަދުވަހު ދެމިގެންދާ ކަމަކަށް ވެއްޖެނަމަ ދުނިޔޭގެ އިގްތިސޯދަށް ފޯރާނެ ގެއްލުންތައް ނުހަނު ބޮޑެވެ. އެހެންވީމާ މިކަމުގެ ހައްލަކީ ކޮބައިކަން ބަލާލަން އެބަޖެހެއެވެ. އެދިމާލަށް ދެވޭތޯ އެއްވެސް ބަޔަކު މަސައްކަތް ކުރޭތޯވެސް ބަލަން އެބަޖެހެއެވެ. ގަލްފުގައި ތަމްސީލުވަމުންދާ މިކަހަލަ ކަންކަމަށް އޮތް ހައްލަކީ އެމެރިކާޔާއި އީރާނާ ދެމެދު ދާއިމީ ސުލްހަނާމާއެއް ގާއިމު ކުރުމެވެ. ސޮއިކުރުމެވެ. އެކަންކުރެވޭތޯ ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ފަރުދާގެ ކުރިމަތީގައްޔާއި ފުރަގަހުގައިވެސް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިހާރުވެސް ދަނީ ކުރެވެމުންނެވެ. އެކަމަކު ދެފަރާތުގެ މެދުގައިހުރި ޚިލާފުތައް ނައްތައިނުލެވޭތީ އައު ހުރަސްތައް ކުރިމަތިވާގޮތް ވަނީއެވެ.
ބައެއް ގައުމުތަކުންވެސް އެކަމަށް ހުރަސް އެބައަޅައެވެ. ޚާއްސަކޮށް އިޒްރޭލުންނެވެ. އިޒްރޭލުން ލުބުނާނު ނޮޅަމުން ވީދަމުން އެގެންދަނީ ހަގީގަތުގައި އީރާނު ރުޅިއެެރުވުމަށެވެ. އެމެރިކާޔާއި އީރާނުގެ މެދުގައި ސުލްހަ ގާއިމުވިޔަ ނުދިނުމުގެ ގޮތުންނެވެ. އެމެރިކާޔާއި އީރާނުގެ މެދުގައި ސުލްހަނާމާއެއް ގާއިމު ނުކުރެވުނަސް ގަލްފުގައި ހަމަލާތައް ބަދަލުކުރުން ހުއްޓުވިދާނެއެވެ. އެބާރުއޮތީ ގަލްފުގެ ގައުމުތަކަށެވެ. ކުވޭތާއި ގަތަރާއި ސައޫދީއަރަބިިޔާއާއި އެމިރޭޓްސްއަށް އެބާރު އެބައޮތެވެ. އެގައުމުތަކުން ކުރާންއޮތީ ދެ ކަމެކެވެ. އެއްކަމަކީ އެގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން އީރާނަށް ހަމަލަދިނުމުގެ ފުރުސަތު އެމެރިކާއަށް ނުދިނުމެވެ. ތިމަންނާމެންގެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގެ ބޭނުންކޮށްގެން އެއްވެސް ބާވަތެއްގެ ހަމަލާތަކެއް އީރާނަށް ދީގެން ނުވާނެކަމަށް އެންގުމެވެ. އެކަހަލަ ހަމަލަތަކެއް އީރާނަށް އަމާޒު ނުވަންޏާ އީރާނަކުންވެސް އެ ގައުމުތަކަށް ހަމަލައެއް ނުދޭނެއެވެ.
މިކަމަށް އެމެރިކާއިން ތަބާނުވެއްޖެނަމަ ދެންކުރާންއޮތް ކަންތައްވެސް ވަރަށް ސާފެވެ. ކަލޭމެން ގެނައި ހަތިޔާރު ހިފައިގެން ކަލޭމެންގެ ސިފައިން ހަމަމިހާރު ފައިބައިގެންދާށޭ ބުނަންވީއެވެ. އެމެރިކާގެ އަސްކަރީ މަރުކަޒެއް ނެތިއްޔާ، އަދި އެފަދަ މަރުކަޒަކުން އީރާނަށް ހަމަލައެއް އަމާޒު ނުވަންޏާ އެގައުމަކަށް އީރާނުގެ ރައްދު ހަމަލައެއްވެސް އަމާޒެއް ނުވާނެއެވެ. އެކަން ކަށަވަރެވެ. މިކަން މިހެން ކުރުމުގެ ހިތްވަރާއި ކެރުން ގަލްފުގެ އަރަބީންގެ ކިބައިގައި ހުރިކަމަކަށް ނުފެނެއެވެ. ހިޔެއް ނުވެއެއެވެ. ގަލްފުގެ ގައުމަކަށް އީރާނުގެ ހަމަލައެއް އަމާޒުވެއްޖެނަމަ އެންމެން އެއް އަޑަކުން އީރާނު ކުށްވެރި ކުރެއެވެ. އެކަމަކު އެމެރިކާއިން އީރާނަށްދޭ ހަމަލައެއް ދުވަހަކުވެސް ކުށްވެރި ކުރުމެއް ނެތެވެ. އެހަމަލަ ދެނީ މިދެންނެވި ގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން ކަމަށްވާއިރުވެސް މެއެވެ. އެހެންވީމާ މިއީ އެހައި އަވަހަށް ހުއްޓޭނޭ ކަމެއް ކަމަށް ނުފެނެއެވެ. ދުނިޔެއަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނޭ ދުވަސް ގާތްވެއްޖެ ކަމަކަށް އަދިނުފެނެއެވެ.
އިމާދު ލަތީފު
ގަލްފް، މެދުއިރުމަތި
ގަލްފް، މެދުއިރުމަތި
ގަލްފް، މެދުއިރުމަތި
ގަލްފް، މެދުއިރުމަތި