ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި އަސްކަރިއްޔާގެ ކުރީގެ ދެ އޮފިސަރަކު ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާކޮށް، ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.
މި އަމުރު ނެރުއްވީ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ޕަސަން އަމަރަސޭކަރައެވެ. މި ފިޔަވަޅު އަޅާފައިވަނީ 2019 ވަނަ އަހަރު ސްރީލަންކާގައި ދިން އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅިގެން ކުރިއަށްދާ ތަހުގީގަކާ ގުޅިގެން، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ކޯޓަށް ހުށަހެޅި މައްސަލައަކަށް ރިއާޔަތްކުރެއްވުމަށް ފަހުގައެވެ.
ގޮތަބަޔާގެ އިތުރުން ދެން ފުރުން މަނާކޮށްފައިވަނީ އާމީ ކާނަލް މުހައްމަދު އަންސާރާއި، ކުރީގެ އިންޓެލިޖެންސް އޮފިސަރެއް ކަމަށްވާ ޕްރޭމާނަންދަ އުޑަލަގަމައެވެ. ސީއައިޑީން ކޯޓުގައި ފާހަގަކުރި ގޮތުގައި، މި ތިން ބޭފުޅުން ގައުމުން ބޭރަށް ފުރައިގެން ހިނގައްޖެނަމަ، މިހާރު ކުރިއަށްދާ ތަހުގީގަށް ހުރަސްއެޅިދާނެކަމުގެ ބިރު އެބައޮތެވެ.
ދުއިސައްތަ ހަތްދިހައަށްވުރެ ގިނަ މީހުން މަރުވި އީސްޓަރ ސަންޑޭ ހަމަލާތަކުގެ ތަހުގީގު، ސްރީލަންކާގެ މިހާރުގެ ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅު އަލުން ފަށާފައެވެ. މި މައްސަލައިގައި ކުރީގެ ސްޓޭޓް އިންޓެލިޖެންސް ސަރވިސްގެ ޑިރެކްޓަރ ސުރޭޝް ސައްލޭ ވެސް މިހާރު ހުރީ ހައްޔަރުކޮށްފައެވެ. މިއީ މި ހަމަލާތަކުގެ ތަހުގީގުގައި ގޮތަބަޔާއާ ސީދާ ގުޅުވައިގެން ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ