މަޖުބޫރުން މަސައްކަތްކުރުވައިގެން އުފައްދާ މުދާ އެތެރެކުރުން މަނާކުރުމުގެ ގާނޫނުތައް ތަންފީޒުކުރުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ، އިންޑިއާ ހިމެނޭހެން 60 ގައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން އިތުރު ޓެރިފް ނެގުމަށް އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް (ޔޫއެސްޓީއާރު) އިން ހުށަހަޅައިފިއެވެ.
ޔޫއެސްޓީއާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ގައުމުތަކުގެ އަމަލުތަކުގެ ސަބަބުން އެމެރިކާގެ ވިޔަފާރިތަކަށް ހުރަސްއެޅި، ގެއްލުންވަމުންދާ ކަމަށެވެ.
މި ހުށަހެޅުމުގެ ދަށުން، މަޖުބޫރުން މަސައްކަތްކުރުވައިގެން އުފައްދާ މުދާ އެތެރެކުރުން މަނާކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ނުވަތަ އެކަމަށް އެއްބަސްވެފައިވާ ގައުމުތަކުން ނަގާނީ 10 އިންސައްތައިގެ ޓެރިފެކެވެ. މީގެ ތެރޭގައި ކެނެޑާ، މެކްސިކޯ، އިނގިރޭސިވިލާތް އަދި ވިލާތުގެ އިއްތިހާދުގެ ގައުމުތައް ހިމެނެއެވެ. ނަމަވެސް، މި މިންގަނޑަށް ނުފެތޭ އިންޑިއާ، ޗައިނާ، ޖަޕާނު އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން އެތެރެކުރާ މުދަލުން 12.5 އިންސައްތައިގެ ޓެރިފެއް ނެގުމަށް ވަނީ ހުށަހަޅާފައެވެ.
އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އެމްބެސެޑަރ ޖޭމީސަން ގްރިއަރ ވިދާޅުވެފައިވާގޮތުގައި، އެމެރިކާގެ އެންމެ މުހިންމު ވިޔަފާރީގެ ބައިވެރިން މި މައްސަލައަށް ހައްލެއް ނުގެނެސް ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މީގެ ސަބަބުން އެމެރިކާގެ މަސައްކަތްތެރިންނަށް ދުނިޔޭގެ ބާޒާރުގައި ނާއިންސާފު މާހައުލެއްގައި ވާދަކުރަން މަޖުބޫރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ފިޔަވަޅުގެ ސަބަބުން އިންޑިއާ ފަދަ ގައުމުތަކުގެ އަންނައުނާއި، ހަން އަދި އަތްތެރި މަސައްކަތުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، ބައެއް ގައުމުތަކުން ވަނީ މިއީ ވިޔަފާރީގެ ހުރަސްތަކެއް ކުރިމަތިކުރުމަށް އެމެރިކާއިން ބޭނުންކުރާ އުކުޅެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔޫއެސްޓީއާރުން ހުށަހަޅާފައިވާ މި އާ ޓެރިފްތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހުށަހެޅުމަށް އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އޭގެ އަނެއް ދުވަހު މިކަމާ ގުޅޭ އާންމު އަޑުއެހުންތައް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ