ދަންވިދަންވިހެން ދުނިޔެ މައްޗަށް ހަމަހިމޭންކަން ވެރިވެ، ރޭގަނޑުގެ އަރާމާއި ރާހަތު ހޯދުމުގައި މީހުންތައް މަސްޢޫލުވި ހިނދު، ހުޅުމާލެ ފަޅުން ބޭރުގައި އަޅާފައި އޮތް ސަފާރީއަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ބާރަށް ޖަހާފައި ހުރި މިޔުޒިކުގެ އަޑު ކެނޑިގެން ނުދެއެވެ. ނިވިދިއްލެމުންދާ ޑިސްކޯ ލައިޓުތަކުގެ ހިޔަނިތައް ކަނޑުގެ ސަތަހައިގެ މަތީ ނަށަމުން ދިޔައެވެ. ދެޖިންސުގެ ޒުވާނުން މަސްހުނިވެ މުޅިން އެހެން ދުނިޔެއަކަށް ގެއްލިފައި ތިއްބެވެ. އެއް ބަޔަކު ގައިގޯޅިވެ ނަށަނީއެވެ. އަނެއް ބަޔަކު ރަލުގެ މަސްތުކަމުގައެވެ. އަނެއްބަޔަކު މަސްތުވާތަކެތިން ލިބޭ ގެއްލުންތ އެނގޭ ހާލު އާފިލުވެފައެވެ. މުޅި މާހައުލުން ފެންނަނީ ހަވާނަފުސުގެ ވަބާގައި ޖެހި ޒުވާން ޖީލު މަގުފުރެދިފައިވާ މަންޒަރެވެ. އެފާހިޝް އަމަލުތައް ހުއްޓުވާނެ އަދި ނަސޭހަތް ދޭނެ މީހަކު ވެސް ނެތެވެ.

ސަފާރީގެ ކެޑުގައި ހުރި ސޯފާބަރީގައި ދައްޔާނާއި އޭނަގެ އެކުވެރިން އިށީނދެގެން ތިއްބެވެ. ތިރިން އިވޭ ބާރު މިޔުޒިކުގެ އަޑުން ޑެކަށް ވެސް އެނގުން ވެއެވެ. ތަންކޮޅެއް ދުރުގައި، ޒުވާން އަންހެންކުދިންގެ ގުރޫޕެއް ހީހީފައި ރެއިލިންގް ކައިރީ ފޮޓޯ ނަގަން ތިއްބެވެ.

''ދާން!...'' ސޯފާގެ ތެރެއަށް ހަށިގަނޑު ދޫކޮށްގެން އޮތް ދައްޔާނުގެ އަތުގައި އޭނަގެ އެކުވެރިޔަކު ކޮއްޓާލިއެވެ. ތަރިތަކުން ބަބުޅަމުންދާ އުޑަށް ނަޒަރު ހުއްޓާލައިގެން އޮތް ދައްޔާން ކަންނެތްކަމާއެކު އޭނަގެ އެކުވެރިންނަށް ބަލައިލިއެވެ. އެހެންޏާ ޕާޓީކުރަން ލޯބިކުރާ ދައްޔާނުގެ ފަރާތުން މިރޭ ފެންނަނީ ފޫހިކަމެވެ. ގެނެސްފައި ހުރި ބިޔަރު ފުޅީގައި އަތްލުމުގެ ޚިޔާލެއް އޭނަގެ ނެތެވެ.

''ހާދަ މޫޑީވެފަ، އަނެއްކާ ކިހިނެއްތަވީ؟...'' ވާހަކަދެއްކީ ދައްޔާންގެ އެންމެ ގާތް އެކުވެރިޔާ ޖައިލަމެވެ. މޭޒުމަތީ ހިމަ ލައިނަކަށް އަތުރާލި ހެރޮއިން ނޭފަތުން ދަމާލަމުން، ނޭފަތުގެ ކުރި ފޮޅާލައި އެތެރެއަށް ލި ފުންނޭވާއާއެކު އޭނަގެ މޫނަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ސޯފާއަށް ވެއްޓިގަތީ ދެއަތް ފުޅާކޮށްލަމުންނެވެ.

''ތެދެއް، އަން!... ނިކަން މީތި ބޯލަބަލަ، ދަ ނައިޓް އިޒް ޔަންގް މައި ފްރެންޑް...'' ދެން ވާހަކަދެއްކީ ރައިހާން އެވެ. ޖައިލަމާއި ޖެހިގެން ދައްޔާންގެ ގާތް އެކުވެރިޔާއެވެ.

މޭޒުމަތީ ހުރި ބިޔަރުފުޅި ނަގައި ދައްޔާންގެ އަތަށް ރައިހާން ދިނެވެ. ނުހިފަން އިނދެފައި ވެސް ހަށިގަނޑު ސީދާކޮށްލަމުން ފުޅީގައި ހިފިއެވެ. ކޯވަރެއް ބޯލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެހިސާބުން ދައްޔާނަށް ކަމެއް ވެއްޖެކަން އޭނަގެ އެކުވެރިން ދެނެގަތެވެ.

''އެއްކަލަ.... މަ...ން...ޖެ ސެޓު ނުވީ...ދޯ؟...'' ޖައިލަމު ބުނެލިއެވެ. މަސްތުގެ ހާލުގައި ހުރުމުން އޭނައަށް ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ. ދުލުގައި ވަރެއް ނެތީއެވެ.

ދައްޔާން އޮތީ އޭނަގެ އެކުވެރިންނަށް ދިލްފާއާ މެދު އުފެދުނު ޝައުގުވެރިކަމުގެ ވާހަކަ ހިއްސާކޮށްފައެވެ. އެކަމާ ގުޅުވައިގެން އެކުވެރިން ދިމާ ކުރުމުން ދައްޔާން ހިތްހަމަނުޖެހުނެވެ. ދިލްފާގެ ސަމާލުކަން ހޯދަން އޭނަ އަދި މަސައްކަތްކޮށްފައި ނެތެވެ. އޭނަ ބޭނުންނަމަ ދާނުގެ ފަޅުކަން ފިލުވަން ދިލްފާ ގެނެވުނުނުތާ ކޮން ދުވަހެއް ހެއްޔެވެ؟ ނަމަވެސް އެއިންކަމަކަށް ސަމާލުކަން ދެވޭވަރަށް ވުރެން ސިކުނޑީގެ ހައިޖާންގަނޑު ބޮޑެވެ. ޒަރާރްއާއެކުގައި މަސައްކަތްކުރަން ޖެހޭތީ ދައްޔާން ހުންނަނީ ބުންއަރާފައެވެ. ބޮލު ރިހުމަކަށް އެކަންތައް ވެއްޖެއެވެ.

''މަ ބޭނުން މީހަކު މަ ހޯދާނަން، މަ ނުޖެހޭނެ މީހެއްގެ ފަހަތުން ދުވާކަށް...'' ބުމަގޮށްޖަހާލަމުން ޖައިލަމަށް ދައްޔާން ބަލައިލިއެވެ. ބޮޑާކަމުގެ އިންތިހާއެވެ.

އަމާންކަން ދިނުމުގެ ގޮތުން ޖައިލަމު އަތް އުފުއްލާލީ ހެމުންހެމުންނެވެ. ކޮޅަށް ތެދުވަން އުޅުމުން އޭނަ އަރިއަޅާލިއެވެ. ރައިހާން ނުހިފެހެއްޓިނަމަ ވެއްޓުނީހެވެ.

''ދެން ކިހިނެއްވެފަ ތިހުންނަނީ؟...'' ރައިހާން ސުވާލުކޮށްލިއެވެ.

''އެނގެއެއްނު...'' ނޭވާއަކަށް ހުއްޓުމެއް ނެތި އަތުގައި އޮތް ފުޅި ދައްޔާން ހުސްކޮށްލިއެވެ. އެއާއެކު ހަލަބޮލިވެފައިވި ޚިޔާލުތާ ދުރަށް ގެންގޮސްދިނެވެ.

''އޯހ، ފެމިލީ.... ޑްރާމާ؟...'' ޖައިލަމު އެހިއެވެ. އޭނަ އޮތީ ސޯފާއަށް ދެމިފައެވެ. ކަނދުރާ ހިއްލަމުން ދައްޔާނަށް ބަލަން އޭނަ މަސައްކަތްކުރިއެވެ.

ދައްޔާން ބޯޖަހާލިއެވެ. އެއަށްފަހު ޒަރާރްގެ ފަރާތުން ކުރިމަތިވެފައިވި އުނދަގޫތައް ރައްޓެހިންނާ ހިއްސާކޮށްލިއެވެ. އޭނަގެ ރާގުން އެކަނި ވެސް ޒަރާރްއަށް ކުރާ ނަފުރަތު ހާމަކޮށްދިނެވެ. ދަތްތިޕިލަ ޖައްސައިގެން ހުރުމުން ކޮލުގެ މަސްތައް ހުރީ ވާންވެފައެވެ. ދެލޮލުން ފެންނަނީ ނުރައްކާތެރިކަމުގެ ވިދުވަރެކެވެ.

''އޭނަ ހިތުން އޭނަވަރުގެ މީހަކު ނެތް، މާތް މީހަކަށް ވާން ވެގެން އުޅޭނީ، ހުސް ފޮނިކަނޑަން އެނގެނީ، އޭނައެއީ ކާކުތަ؟، ބައްޕަ ބޭކާރު ކޮށްލި މީހެކޭ!، ކުއްލިޔަކަށް އައިސް ރަނގަޅު މީހަކަށް ވާންވެގެން އެބައުޅޭޔެއްނު، އޭނަ ހުރި މަޤާމުގައި ހުންނަން ޖެހޭނެ މީހަކީ އަހަރެން...'' ހުސްފުޅި މޫދާ ދިމާއަށް ހޫރާލަމުން ދައްޔާން ކޮޅަށް ތެދުވިއެވެ.

މޫދުގައި ފުޅި ޖެހުމުން ދުރުގައި ތިބި އަންހެންކުދިން ވެސް ދައްޔާނަށް ބަލައިފިއެވެ. އެމަންޒަރު ފެނުނީ ޖައިލަމަށެވެ. ނެތް ހިތްވަރުން ސޯފާގައި އުޅަނބޮށި ވިއްދަމުން އަންހެންކުދިންނަށް އޭނަ ހަނާ އަޅާލި އެވެ.

''ހަމަޖެހިލަބަ، އެތިބީ ހާދަ ސަޅި ބިޓުންކޮޅެކޭ...'' ޖައިލަމު ހިފީ ދައްޔާނުގެ އަތުގައެވެ.

''ހަމައެއް ނުޖެހެވޭނެ...'' ދައްޔާނުގެ އަޑު ބާރެވެ.

''ބްރޯ ރިލޭކްސް...'' ރައިހާން ވެސް ބުންޏެވެ. ''ތިކަމަށް އަހަރެން ހައްލެއްހޯދަދެންތަ؟...''

''ބުނެބަލަ...'' ޝައުޤުވެރިކަމާއެކު ރައިހާން ބުންޏެވެ.

''ޑީން ބޭނުންނަމަ އަހަންނަށް އޭނަ ގެއްލުވާލެވިދާނެ...'' ރައިހާންގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. އޭނައަކީ މާލޭގައި ނަން މަޝްހޫރު ގޭންގެއްގެ އިސްމީހެއްގެ ދަރިއެކެވެ. މަސްތުވާތަކެތީގެ މާހިރެކެވެ. ދައްޔާނާއި ރައިހާންގެ އެކުވެރިކަމުގެ ފެށުމަކީ އެއެވެ. ދައްޔާނަށް ހެޔޮމަގު ވިސްނައިދިނުމުގެ ބަދަލުގައި، ދައްޔާންގެ މޭގައި އަނދަމުންދާ ރުޅިވެރިކަމުގެ އަލިފާނަށް އޭނަގެ އެކުވެރިން އެޅީ ޕެޓްރޯލެވެ.

ރައިހާންގެ ޖުމްލައިން ދައްޔާނަށް މަޑުޖެހިލެވުނެވެ. ރައިހާނާއި ދިމާއަށް އެނބުރިލަމުން ބަލަން ހުރީ ޝައުޤުވެރިކަމާއެކުގައެވެ. ރައިހާނަށް އެބެލުން ނަގައިގަނެވުނެވެ. ހިނިތުންވުންފުޅާކޮށްލަމުން އެއްބުމަ އަރުވާލިއެވެ.

''އިފް ތިންގްސް ކަމް ޓު ދެޓް، އައި ކޭން ހެލްޕް ޔޫ ބްރޯ...'' ކޮޅަށް ތެދުވެ ދައްޔާންގެ ކޮނޑުގައި ޖަހާލަމުން ރައިހާން ބުންޏެވެ. ރައިހާނަކީ އިސްކޮޅުން ކުރު ޒުވާނެކެވެ. އެކަމަކު އޭނަ ހުންނަނީ ހަށިގަނޑުން ވަރުގަދަކޮށެވެ. ބޮލުގެ އިސްތަށިގަނޑު އޮންނަނީ އުނަގަނޑާ ހަމައަށް ދިގުކޮށްފައެވެ. ކަންފަތް ތޮރުފާފައެވެ. ހަތަރެސްފައިގައި ތަކަހޮޅިއަޅާ ޓޭޓޫ ވެސް ޖަހާފައެވެ.

'އޭތް!... އެބައާދޭ... ޑީން، ދެން ހަމަޖެހިލަބަލަ، ރެއިން އިޒް އަވާރ މޭން، ބޭނުން ކޮންމެ ކަމެއް ރެއިން ކޮށްދެއެއްނު... މައި މޭން، ޖަސްޓް ޗިލް، އެންޖޯއި ދަ ނައިޓް... ލުކްސް ލައިކް އަވާރ ނައިޓް އިޒް ގޮއިންގް ޓު ގެޓް އެ ލޮޓް ވައިލްޑާރ...'' ޖައިލަމު ކޮޅަށް ތެދުވީ އަންހެންކުދިންތައް އަންނަން ފެށީމައެވެ. އޭނައަށް މުޅިން އާ ދިރުމެއް ލިބުނު ކަހަލައެވެ.

''ލޭޑީ އިން ރެޑް އިޒް މައިން...'' ކުރިއަށް ޖެހިލައި ސިއްރުސިއްރުން އޭނަގެ އެކުވެރިންނަށް ޖައިލަމު ބުންޏެވެ. ޖައިލަމަކީ ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލެއްގެ ހުރި ހަމައެކި ފިރިހެން ދަރިފުޅެވެ. އޭނައާއި ދައްޔާން ދިމާވީ ލަންޑަންގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. ޖައިލަމަކީ އިސްކޮޅުން ދިގު އެހެނަސް ހިކި ޒުވާނެކެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރުމުން އެކަމުގެ ނޭދެވޭ އަސަރު އޭނަގެ ހަށިގަނޑުން ފެނެއެވެ. މައިންބަފައިންގެ ހިތް ރުއްސަން ދޭތެރެއަކުން ރިހެބަށް ދާނެއެވެ. އެކަމަކު ވާކަމެއް ހަރާމުންހަރާމެވެ. ރިހެބަކީ ފޫނެއްފަޔަށް ފެން ފުރުން ކަހަލަކަމަކަށް ވެއްޖެއެވެ. މަންމަމެންގެ ލޯބި ލިބުމާއެކު އެނބުރިދަނީ ގޯސް އެކުވެރިންގެ ގާތަށެވެ. ހެޔޮ ނަސޭހަތްދޭނެ މީހަކު ނެތުމުގެ ހިތި ނަތީޖާއެވެ. އެކުވެރިން ވާގި ދެނީ މަސްތުވުމަށެވެ. ހަމަޔެއް ލަމައެއް ނެތެވެ.

އެންހެންކުދިންތައް ފޮނިދެއްކެމުން އައިސް ދައްޔާންމެން ގާތަށް ހުއްޓިއްޖެއެވެ. އެއާއެކު ޖައިލަމު ކުރިއަށް ޖެހިލައި ސަޅިބައިސާ ކަނޑަން ފެށިއެވެ. އޭނައަކީ ހެއްވާ މަޖާ މިޒާޖެއްގެ ޒުވާނެކެވެ. އަންހެންކުދިންގެ ޝައުޤުވެރިކަމާއި ސަމާލުކަން ހޯދާނެ އުކުޅުތައް އޭނައަށް ރަނގަޅަށް އެނގެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނަ މަޤުސަދު ވެސް ހާސިލުކޮށްފިއެވެ. މަސްތުވާނެ ގޮތްތައް ފަހިކޮށްދެމުންނެވެ. ރައިހާން ވެސް އޭނަގެ ހުނަރު އެކަމުގައި ދެއްކިއެވެ. ގަޔާ ނުވެފައި ހުރީ ދައްޔާނެވެ. އޭނައަށް ކަމުދާ އަންހެންކުއްޖަކު ނެތީއެވެ. ނަމަވެސް އެކުވެރިން މަޖާ ނަގާތީ މަޑުކޮށްލިއެވެ.

*****

ޖެހިގެން އައި ދުވަހު ދައްޔާން އޮފީހަށް އައީ ހެނދުނު އެޖާރަ ޖެހި ފަހުންނެވެ. އޭނަގެ ނަސީބު ދެރަކަމުން ލިފްޓްގައި ހުއްޓާ ތިންވަނަ ފަންގިފިލާއިން ލިފްޓަށް އެރީ މަސްރޫރެވެ. މަސްރޫރު ފެނުމާއެކު ދައްޔާން އިސްޖަހާލިއެވެ. ފަޓުލޫނުގެ ޖީބުން ނެގި އަވިއައިނު ނަގާ ލޮލުގައި އަޅުވާލީ ރަތްކަމުގެ އަސަރުވި ދެލޯ ފޮރުވުމުގެ ބޭނުމުގައެވެ. ރޭގެ ޕާޓީން ހަށިގަނޑަށް ލިބިފައިވި ވަރުބަލިކަމާ ލޮޑުކަން މުޅިން ފިލައިގެން ނުދެއެވެ.

ލިފްޓަށް އަރަމުން، ދައްޔާނަށް މަސްރޫރު ބަލައިލިއެވެ. ބޭރުފުށުން ރަސްމީ ގޮތެއް ހުއްޓަސް ދައްޔާން ހުއްޓި ހުރިގޮތުންނާއި، ލޮލުގައި އަވިއައިނުއަޅާ ފޮރުވިލެއް އަވަސްކަމުން އެއުޅެނީ ނުނިދާކަން މަސްރޫރުގެ ތަޖުރިބާކާރު ސިކުނޑިއަށް ނަގައިގަނެވުނެވެ. މިއަދު ހެނދުނު ކާމޭޒު ދޮށުން ނުފެނުމުގެ އިތުރުން އޭނަ ޒަރާރްގެ ކެބިންއަށް ދިޔައިރުގައި ވެސް ދައްޔާން ފެންނަންނެތުމުން، އޮފީހަށް އެއައީ ދެންމެކަން ޔަޤީންކުރެވުނެވެ.

ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހުގައި، މަސްރޫރު މަޑުކޮށްލީ ލިފްޓް ހުޅުވެން ދެކަށެވެ. ލިފްޓުން ފައިބަމުން އޭނަ ދައްޔާން ގާތު އެދުނީ އޭނަގެ ކެބިންއަށް އައުމަށެވެ. ދައްޔާނަށް އިންތިޒާރުކުރުމެއް ނެތި ހަރުކޮށް ހިނގާފައި ދިޔަ މަސްރޫރު ވަނީ އޭނަގެ ކެބިން އަށެވެ.

*****

ބައްޕަގެ ކެބިންއަށް ވަނުމުގެ ކުރިން ދައްޔާނަށް ބޯ ޖައްސާލެވުނީ ދޮރުގެ ދާރައިގައެވެ. އެތެރެއަށް ވަނުމުގެ ކުރިން ވެސް ބައްޕަގެ ނުރުހުމާ ކުރިމަތިލާންޖެހޭނެކަން ދެނެގަނެވުނެވެ. އެކަމުގެ އިލްޒާމު އެޅުވުނީ ޒަރާރްގެ ބޮލުގައެވެ. ދޮރުހުޅުވުމުގެ ކުރިން ފަސްއެނބުރި ޒަރާރްގެ ކެބިންއަށް ދައްޔާން ބަލައިލިއެވެ. ދޮރުގެ ތަޅުގައި ބާރަށް ހިފަހައްޓައިގެން ހުރީ ރުޅި ކޮންޓްރޯލްކުރަން އުޅޭ އުސޫލުންނެވެ. ލަސްކުރަން ހަދައިގެން ބައްޕަ އިތުރަށް ރުޅިގަދަވެދާނެތީ ދައްޔާން އެތެރެއަށް ވަނެވެ.

*****

ދައްޔާންގެ އިންތިޒާރުގައި މަސްރޫރު އިނީ ކެބިންގައި ހުރި ބްލެކް ވުޑްގެ މޭޒު ދޮށުގައެވެ. ކަޅުކުލައިގެ ބޮޑު ލެދާރ ގޮނޑީގައި އިންއިރު އޭނަގެ ހައިބަތު އަންގައިދެއެވެ. މޭޒުމަތީ އުޅަނބޮށި ވިއްދާލައި، ދެއަތްތިލަ ޖޯޑުކޮށްލަމުން އޭނަ ބަލަމުން ދިޔައީ ދައްޔާނަށެވެ. ދައްޔާނާ މެދު ވިސްނާވިސްނާ އޭނަގެ ބޯފަޅައިގެންދާ ހިސާބަށް ހިނގައްޖެއެވެ. ފިރިހެންދަރިފުޅު ހަލާކުގެ ތެރެއަށް ވެއްޓިގެންދާ މަންޒަރު ބެލުން އޭނައަށް ފަސޭހައެއް ނޫނެވެ. އަޒީލާގެ ނުފޫޒުން ދައްޔާން ސަލާމަތް ކުރާން ފިޔަވަޅުއަޅަންޖެހޭ ހިސާބަށް ގޮސްފިއެވެ. ދެމަފިރިންގެ ދެމެދުގައި އޮތް ފިނި ހަނގުރާމައިގެ އަސްލަކީ ވެސް އެއެވެ. ޒަރާރްގެ ދަށުން މަސައްކަތްކުރަން ފެށުމުން، ދައްޔާނަށް ހެޔޮ ބަދަލެއް އައިސްފާނެކަމަށް މަސްރޫރު ހުރީ އުއްމީދުކޮށްގެންނެވެ. ނަމަވެސް އެކަން ވެގެން ދިޔައީ އަވާމެންދުރަކަށެވެ. ޒަރާރް ކިތަންމެ މަސައްކަތެއް ކުރިޔަސް ދައްޔާން އެއްބާރުލުން ނުދޭނަމަ އެކަށީގެންވާ ނަތީޖާއެއް ނުނިކުންނާނެ ހެއްޔެވެ؟

މަސްރޫރުގެ ހުރިހާ ވެސް ހިތްހަމަޖެހުމަކީ މިހާރު ޒަރާރް އެވެ. ދުލުން ބުނަން ފަސްޖެހުނުކަމުގައި ވިޔަސް މެއެވެ. ކޮންމެވެސް ދުވަހަކުން އެހިތްވަރާއި ނަސީބު އޭނައަށް ލިބޭނެކަމަށް މަސްރޫރު ހުރީ އުއްމީދުކޮށްގެންނެވެ.

ކުރިމަތީ ހުރި ގޮނޑީގައި ދައްޔާނު އިށީންނަންދެން މަސްރޫރު ބެލިއެވެ. ރުޅިއަޔަސް އެކަމުގެ ހޫނު ދައްޔާނަށް އަމާޒުކުރުން އެއީ ބުއްދިވެރިކަމެއް ނޫންކަން ވިސްނުމާއެކު، މަސްރޫރު ބެލީ ފިނި ހިތަކާއިގެން ވާހަކަ ދެއްކޭތޯއެވެ. ދައްޔާން ރުޅި އައިސްފިނަމަ އެދެވޭ ނަތީޖާއެއް ނުނިކުންނާނެތީއެވެ. މިހާރު ވެސް ޢާއިލާ ތެރޭގައި އޮތް ހަމަނުޖެހުން ވަކި ކުޑައެއް ނޫން ވިއްޔާއެވެ. ދައްޔާނަކީ ރުޅި އައިސްފިނަމަ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ފަސްޖެހޭނެ ކުއްޖެއް ނޫންކަން މަސްރޫރު ރަނގަޅަށް ދަނެއެވެ.

''ދަރިފުޅާ...'' މަސްރޫރު ގޮވާލިއެވެ. ''ދޮންބެއާއެކު މަސައްކަތްކުރަން ލިބުން އެއީ ދަރިފުޅަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް... އަމިއްލަ ހުނަރާއި ޤާބިލިއްޔަތުކަން ރަނގަޅުކުރަން ލިބިގެންދާނެ، ދޮންބެ ދޭ އިރުޝާދުތައް ދަރިފުޅު އަޑުއަހާނެކަމަށް ބައްޕަ މި ބަލަނީ...''

ދައްޔާން ހީކުރި ފަދައިން ރުޅިވެރިކަމާއި ނުރުހުންތެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ބައްޕަގެ މޫނުން އޭނައަށް ނުފެނުނެވެ. ހައިރާންކަމެއްގެ ތެރޭގައި ވަނިކޮށް ރުޅިއާދެވުނީ ޒަރާރްއަށް ހުޝާމަދުކުރީތީއެވެ. އެތެރެއަށް އެހޫނުގަނޑު އޮއްބާލަމުން ބޯޖަހާލިއެވެ.

ވާހަކަ ދިގުކުރުމުގެ ބަދަލުގައި ދިއުމުގެ ހުއްދަ ބައްޕަ ދިނުމާއެކު، އަވަސްއަވަހަށް ދައްޔާން ބޭރަށް ނިކުތެވެ. ސަރައްކާލީގައި މަޑުކޮށްގެން ހުރީ ޒަރާރްގެ ކެބިންއަށް ނުވަންނަން ހުވާކޮށްގެންނެވެ. ފޯނު ނަގައި އެކުވެރިންނަށް މެސެޖެއް ކޮށްލިއެވެ. ޖަވާބެއް ނުލިބި ވަގުތު ދިގުލާން ފެށުމުން ދައްޔާނަށް މަޖުބޫރުވީ ޒަރާރްގެ ކެބިންއަށް ވަންނާށެވެ.

*****

ހޮޓެލްގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލުކުރެވުނު ކުންފުންނާއެކު ހަދާފައި އޮތް އެއްބަސްވުން ރިވިއުކުރަން އުޅުނު ޒަރާރްއަށް ދައްޔާން ފެނުނެވެ. ލެޕްޓޮޕްގެ ސްކްރީނާއި ވަކިކޮށްލި ނަޒަރު އޭނަ ހުއްޓާލީ ދައްޔާނަށެވެ.

ދައްޔާންގެ މޫނުން ފެނުނު ޝުޢޫރުތަކުން ޒަރާރް ހައިރާންވިއެވެ. މަސައްކަތް މަޑުޖައްސާލަމުން، ކޮޅަށް ތެދުވެގެން ދައްޔާންގެ ގާތަށް ޒަރާރް ހިނގައިގަތެވެ.

''ރަނގަޅުތަ؟، ބަލިނަމަ ރެސްޓެއް ނަގާލިޔަސް ރަނގަޅުވާނެޔޭ...'' ކަންބޮޑުވުމާއެކު ޒަރާރް ބުންޏެވެ.

''އައިމް ނޮޓް ސިކް... ޖަސްޓް ހޭ.........'' ބުނަން އުޅުނު ޖުމްލަ ފުރިހަމަނުކޮށް ދައްޔާން ހުއްޓާލީ ޒަރާރްއަށް ފަހުމުނުކުރެވޭނެތީއެވެ.

ދައްޔާނަށް ބަލަހައްޓައިގެން ޒަރާރްއަށް ހުރެވުނެވެ. އަނގައިން ބުނުމެއް ނެތި ދައްޔާން ދާން އުޅުމުން އެގޮތް ޒަރާރްއަކަށް ކަމަކު ނުދިޔައެވެ.

''ދޮންބެއަށް ހީވަނީ ދާންއަށް ބޭނުންވަނީ ކޮފީއެއްހެން...'' ޒަރާރް ބުނެލިއެވެ. އޭނަ އުޅުނީ ދައްޔާން ލައްވާ ވާހަކަދައްކުވާށެވެ. އެކަމުން ދައްޔާން ރުޅި އައިސްފާނެކަމަކަށް ޒަރާރް ހިޔެއް ނުކުރެއެވެ.

ކުއްލިޔަކަށް ޒަރާރްގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލަމުން ދައްޔާން ހަށަން ބަނދެލިއެވެ. އަތުގައި ހުރި ބާރެއްލާފައި ގެނައި އެހަރަކާތުގައި ވަނީ ރުޅިވެރިކަމެވެ. އެފަދަ ކަމަކަށް ޒަރާރް ހުރީ ވިސްނައިގެނެއް ނޫނެވެ. އޭނަގެ ބެލެންސް ގެއްލުނެވެ. ވެއްޓުމުގެ ކުރިން ފައިތިލަ ސާބިތުކުރެވުނީ ނަސީބަކުންނެވެ. ސިހުމުގެ އަސަރާއެކު ދައްޔާނަށް ބަލަން ޒަރާރް ހުއްޓެވެ.

''ދާން؟...'' ޒަރާރްއަށް ގޮވާލެވުނެވެ. ދައްޔާންގެ ފަރާތުން އޭނައަށް ފާހަގަކުރެވުނު ރުޅިވެރިކަމުގެ އަސްލު ދޭހަކުރަން ޒަރާރް ނުކުޅެދުނެވެ. އޭނަގެ ފުށުން ދައްޔާން ނުރުހޭ ފަދަ ކަމެއް ކުރެވިފައިވޭތޯ ސިކުނޑިއަށް ބާރުލިއެވެ. ނަމަވެސް ސިކުނޑީގެ ހުސްކަމުން އެއްޗެއް ފަހުމެއް ނުވިއެވެ.

''ވަޓްސް ރޯންގް؟...'' ކުރިއަށް ޖެހިލަމުން ޒަރާރް ސުވާލުކޮށްލިއެވެ. އޭނަގެ ފިޔަވަޅުތައް މަޑުޖެހިލީ ދައްޔާން ދިން ރުޅިވެރިކަމުގެ ނަޒަރުންނެވެ. ލޯ ނިވާކޮށްގެން ހުރި އަވިއައިނު ދައްޔާން ނެގީ ޒަރާރްއަށް ކުރާ ނަފުރަތު ހާމަކުރާށެވެ.

''އެވްރީތިންގް...'' ދަދްތަކަށް ބާރުލަމުން ދައްޔާން ބުނީ މަޑުންޏެވެ. އިންތިހާއަށް ރުޅިއާދެވުނުކަމުގައި ވިޔަސް އޭނަ ވާހަކަދެއްކީ މަޑުންނެވެ. ހަމަނުޖެހުންގަނޑެއް ހިނގައިގެން ބައްޕަ އައިސްފާނެތީއެވެ.

''ދޮންބެއަށް ކިޔާދީބަލަ...'' ޒަރާރް އެދުނެވެ. ވަމުންދާ ގޮތެއް ނޭނގޭތީ ޒަރާރް ހާސްވިއެވެ. ދައްޔާނަށް އެހިވާން އޭނަ ބޭނުމެވެ. ކަމެއް ގޯސްކޮށް އުޅޭނަމަ އެކަމެއް ހައްލުކޮށްދޭން ވެސް މެއެވެ.

''ދޮންބެ؟... ހެހެހެ، ވަޓް އެ ޖޯކް...'' މަލާމާތުގެ ހުނުމަކާއެކު ދައްޔާން ބުނެލިއެވެ.

''ޑިޑް އައި ޑޫ ސަމްތިންގް؟، ދާން ބުނީމައެއްނު އެނގޭނީ، ހެލްޕް މީ އަންޑަސްޓޭންޑް...'' މަޑުމައިތިރިކަމާއެކު ޒަރާރް ބުނެލިއެވެ. އޭނަ ހުރީ ދައްޔާންގެ ބަސްތަކުން ދެރަވެފައެވެ.

''ހަމަ ނޭނގިގެންތަ އަހަނީ!...'' މުށްކަވާލި އަތުގެ ހޫނު ހަމަލާއެއް ޒަރާރްގެ މޫނަށް އަމާޒުކޮށްލަން ދައްޔާންގެ ހިތަށް އެރިއެވެ.

''އާދެބަލަ...'' ޒަރާރް އުޅުނީ ދައްޔާނުގެ ރުޅި ފިނިކުރެވޭތޯއެވެ. ރުޅީގެ ސަބަބުން ބުނެވޭ އެއްޗެއް ރޭކާނުލަނީ ކަމަށް ޒަރާރް ނިންމިއެވެ. އެއީ ނިއުޅެމުންދާ މަންޒަރުތައް ފަހުމުކުރަން އޭނަގެ ޒަމީރު ދެއްކި ބަހަނާއެކެވެ. ކުއްލިޔަކަށް ދެބެއިންގެ ދެމެދަށް ވެރިވި ހީނަރުކަމާ ކުރިމަތިލާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ.

ދައްޔާންގެ ދެލުކުރިއަށް އައި ބޭއަދަބީ ބަސްތައް ބޭރުކުރުމުގެ ކުރިން ރައިހާން ގުޅައިފިއެވެ. ވަގުތުން ދައްޔާން ފޯނު ނެގިއެވެ. ޒަރާރްއަށް ފަސްދެމުން ހިނގައިގަތީ ބޭރަން ނިކުންނާށެވެ.

''ދާން!، މަޑުކޮށްބަލަ...'' ދައްޔާނަށް ގޮވަމުން ޒަރާރް ވެސް ދޮރާ ހަމައަށް ދިޔައެވެ. ދައްޔާން ނުކުތުމާއެކު ހާސްކަމާއެކު މޫނުގައި ފިރުމާލެވުނެވެ. އިސްތަށިގަނޑުގައި އަތްފުނާއަޅާލުމާއެކު ތަރުތީބު ގެއްލިއްޖެއވެ. އެއިން ކަމަކަށް އޭނަގެ ސަމާލުކަމެއް ނެތެވެ. ދައްޔާނާ މެދު ޒަރާރް ހުރީ ފިކުރުބޮޑުވެފައެވެ. އެހާ ގަދަޔަށް ރުޅިއައުމުގެ ފަހަތުގައި ސަބަބެއް އޮންނާނެތީއެވެ.

''އަނެއްކާ އަހަރެން ދެކެތަ؟...'' އެސުވާލު އަމިއްލަ ޒަމީރާކޮށްލެވުނެވެ. އެއާއެކު ދެފަރާތަށް ބޯހޫރާލެވުނެވެ. އެހަޤީޤަތް ޤަބޫލުކުރަން އޭނަގެ ނަފުސު ދެކޮޅު ހެދީއެވެ. އެތައް ބަހަނާއެއް ދައްކަމުން ގޮސް ގޮނޑީގައި އިށީނެވެ. އިރުކޮޅެއްކޮށްފައި ދައްޔާނަށް ގުޅައިލިއެވެ.

ރިންގުވެފައި ފޯނު ކެނޑުނީއެވެ. ދެވަނަ ފަހަރަށް ގުޅުމުން ފޯނު ނިއްވާލީއެވެ.

''ފަހުން ވާހަކަދައްކާނީ... ރުޅި އައިސްފަ ހުރީމަ އެގޮތަށް ވާހަކަ ދެއްކީ...'' ޒަރާރްއަށް ބުނެވުނެވެ. ނިތުގައި ބޮޑުވާ އިނގިލި ހިންގާލަމުން ފުން ނޭވާއެއް ދޫކޮށްލީ ކުރަން ހުރި މަސައްކަތްތައް ގިނަކަމުންނެވެ. މެންދުރު އޮތް މީޓިންގްއަށް ފަހުގައި، ހަވީރު އިވެންޓް ޓީމާއެކު ވެނިއު ބަލައިލަން ދާން އެބަޖެހެއެވެ. ތަނާލް މަތިން ޒަރާރް ހަނދާންވީ ދެނެވެ. އަވަސްއަވަހަށް ތަނާލްއަށް މެސެޖެއް ފޮނުވާލިއެވެ.

(ނުނިމޭ)