މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 38 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 27 މިލިއަން ރުފިޔާއާ އަޅާބަލާއިރު 40 ޕަސަންޓުގެ ކުރިއެރުމެކެވެ.

އެ މުއްދަތުގެ ތެރެއިން ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ވަދެފައިވަނީ ނިމިދިޔަ އޭޕްރީލް މަހުގައެވެ. އެ މަހު އެކަނިވެސް 20 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.

އިގްތިސޯދީ ގޮތުން ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަތަރު މަހު ދައުލަތަށް ވަތް ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރަށްވުރެ ދެ ބިލިއަން ރުފިޔާ އިތުރުވެފައެވެ. ނަމަވެސް، ވަކިވަކި މަސްތަކަށް ބަލާއިރު އޭޕްރީލް މަހު ލިބުނު ޖުމްލަ އާމްދަނީ ވަނީ އޭގެ ކުރީ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު ދަށްވެފައެވެ.

މިއަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީ ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓީޖީއެސްޓީ ދަށްވުމެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ މީގެ އަސަރު ފޯރާފައެވެ.

އޭޕްރީލް މަހުގެ ނިޔަލަށް ލިބުނު އާމްދަނީގެ ތެރޭގައި 660,000 އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.