އެމެރިކާއާއި އީރާނާ ދެމެދު ގަލްފު ސަރަހައްދުގައި ބަދަލުކުރަމުންދާ ހަމަލާތައް އިތުރަށް ގޯސްވެ، ދެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެން ފަށައިފިއެވެ. މިއަދުވެސް ދެ ގައުމުން ވަނީ އެއް ގައުމު އަނެއް ގައުމުގެ އަމާޒުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
ފަހުގެ ސެޓެލައިޓް މަންޒަރުތަކުން ދައްކާ ގޮތުގައި، އީރާނުން ދިން ހަމަލާތަކުގައި މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ 20 އަސްކަރީ މަރުކަޒަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި އެމެރިކާގެ ރާޑަރު ސިސްޓަމްތަކާއި، މުއާސަލާތީ ވަސީލަތްތަކުގެ އިތުރުން އަސްކަރީ މަތިންދާބޯޓުތަކާއި ތެޔޮ ރައްކާކުރާ ގުދަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިއީ ކުރިން އަންދާޒާކުރެވުނު ވަރަށްވުރެ މާ ބޮޑު ގެއްލުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އެމެރިކާއިން އީރާނުގެ ގޯރުކް އަދި ގޭޝްމް ސަރަހައްދުގައި ހުންނަ ރާޑަރާއި ޑްރޯން ކޮންޓްރޯލްކުރާ މަރުކަޒުތަކަށް ހަމަލާދިނީ އަމިއްލަ ދިފާއުގައެވެ. މި ހަމަލާތަކުގެ މައިގަނޑު މަގުސަދަކީ ގަލްފު ކަނޑުގެ މަގުން ދަތުރުކުރާ އާގުބޯޓުފަހަރަށް އޮތް ނުރައްކާ ކުޑަކުރުން ކަމަށް އެމެރިކާގެ ދިފާއީ އޮފިޝަލުން ފާހަގަކުރެއްވިއެވެ.
މިކަމަށް ރައްދުދީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނީ، އެމެރިކާއިން އީރާނުގެ ސިރިކް ރަށަށް ދިން ހަމަލާއަށް ރައްދުދިނުމުގެ ގޮތުން އެމެރިކާގެ ވައިގެ މަރުކަޒަކަށް ހަމަލާދީފައިވާނެ ކަމަށެވެ. އަދި އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ، މުޅީން ތަފާތު އަދި ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އައިއާރުޖީސީން ވަނީ ދީފައެވެ. އީރާނުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ ގައުމުގެ އަމާޒަކީ އެމެރިކާގެ ނުފޫޒު ސަރަހައްދުގައި ކުޑަކުރުމެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާއާއި އީރާނާ ދެމެދު ފެށިފައިވާ މި ހަނގުރާމައިގެ ސަބަބުން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ދެ ފަރާތުން ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓުމަކަށް ނައިސް ދިގުލައިގެން ދިއުމަކީ ސަރަހައްދީ ހަމަނުޖެހުން އިތުރަށް ގޯސްވެ، ދުނިޔޭގެ އިގުތިސޯދަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ގަލްފް، މެދުއިރުމަތި
ގަލްފް، މެދުއިރުމަތި
ގަލްފް، މެދުއިރުމަތި
ގަލްފް، މެދުއިރުމަތި