އިންޑިއާގެ 200 ކްރޯޑު ރުޕީސްގެ މަނީ ލޯންޑަރިން އަދި ފޭރުމުގެ ބޮޑު މައްސަލައިގައި، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކްލީން ފެނާންޑޭޒް އާއި މަކަރާއި ހީލަތް ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ސުކޭޝް ޗަންދްރަޝޭކަރްގެ މައްޗަށް ދައުވާ އުފުލުމަށް ދިއްލީގެ ކޯޓަކުން އަމުރުކޮށްފިއެވެ. ޕަޓިއާލާ ހައުސް ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ނިންމި މި ނިންމުމުގައި، ޖެކްލީން އާއި ސުކޭޝްގެ އިތުރުން އެހެން 15 މީހެއްގެ މައްޗަށް ވެސް އިންޑިއާގެ ޕްރިވެންޝަން އޮފް މަނީ ލޯންޑަރިން އެކްޓް (ޕީއެމްއެލްއޭ) ގެ ދަށުން ދައުވާކުރަން ވަނީ އަންގާފައެވެ.

އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އިން ތުހުމަތުކުރާ ގޮތުގައި، ދިއްލީގެ ތިހާރު ޖަލުގައި ހުރެގެން ސުކޭޝް ވަނީ ސަރުކާރުގެ އިސް އޮފިޝަލެއްގެ ގޮތުގައި ހެދިގެން، ރަންބަކްސީގެ ކުރީގެ ޕްރޮމޯޓަރެއްގެ އަންހެނުންގެ އަތުން 200 ކްރޯޑަށް ވުރެ ގިނަ ރުޕީސް ފޭރިގަނެފައެވެ. އަދި މި ފައިސާ ބޭނުންކޮށްގެން ސުކޭޝް ވަނީ ޖެކްލީންއަށް އަގުބޮޑު ހަދިޔާތަކާއި މުދާ ގަނެދީފައެވެ. އީޑީން ކޯޓަށް ހުށަހެޅި ހެކިތަކުން ދައްކާ ގޮތުގައި، ސުކޭޝްގެ ކުށުގެ ރެކޯޑުތައް އެނގުމަށްފަހު ވެސް ޖެކްލީން ވަނީ އޭނާއާ ގުޅުން ބާއްވައި، ކުށުގެ ވެށިން ހޯދި ފައިސާގެ މަންފާ ހޯދާފައެވެ.