ޗައިނާގެ ކުންފުނިތަކާއި ވިޔަފާރިވެރިންގެ އަބުރުކަތިލުމަށް އިންޓަނެޓުގައި ހިންގާ އަމަލުތައް ހުއްޓުވުމަށްޓަކައި، ޗައިނާގެ ސައިބަސްޕޭސް އެޑްމިނިސްޓްރޭޝަނުން ދެ މަސްދުވަހުގެ ގައުމީ ކެމްޕޭނެއް ފަށައިފިއެވެ. މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ އޮންލައިންކޮށް ވިޔަފާރިތަކަށް އޮންނަ އިތުބާރު ގެއްލުވާލުމަށް ކުރާ މަސައްކަތްތައް ހުއްޓުވައި، ވިޔަފާރީގެ މާހައުލު ރަނގަޅުކުރުމެވެ.
މި ކެމްޕޭނުގެ ދަށުން، ވީބޯ އަދި ޑޯޔިން ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން، ކުންފުނިތަކާ ގުޅޭގޮތުން ފަތުރާ ދޮގު މައުލޫމާތާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ބަދުނާމުކުރުމުގެ ޕޯސްޓުތައް ވަގުތުން ނެގުމަށް ވަނީ އަންގާފައެވެ. މިފަދަ ކަންކަން ނުހުއްޓުވާ ޕްލެޓްފޯމުތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.
ޗައިނާގެ ސައިބަރސްޕޭސް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ކެމްޕޭނުގައި ހާއްސަ ސަމާލުކަމެއް ދޭނީ ކުންފުނިތަކުގެ އަބުރުކަތިލައިގެން ނާޖާއިޒު ފައިދާ ހޯދާ އިންފްލުއެންސަރުންނާއި އެކައުންޓުތަކަށެވެ. މީގެ ތެރޭގައި ކުންފުނިތަކުގެ އާ އުފެއްދުންތައް ނެރޭ ވަގުތުތަކުގައާއި، މާލީ ރިޕޯޓުތައް އާންމުކުރާ ދަނޑިވަޅުތަކުގައި ގަސްތުގައި ނުރަނގަޅު މައުލޫމާތު ފަތުރާ ފަރާތްތައް ހިމެނެއެވެ. މީގެ އިތުރުން، ފައިސާ ދީގެން ނެގެޓިވް ހަބަރުތައް ޕްރޮމޯޓުކުރުމާއި، ކުންފުނިތަކުގެ އުފެއްދުންތަކާ ގުޅޭގޮތުން ދޮގު ރިވިއު ލިޔާ ފަރާތްތައް ވެސް މި ކެމްޕޭނުގެ ދަށުން ހޯދައި ފިޔަވަޅު އަޅާނެއެވެ.
މި ފިޔަވަޅުތަކަކީ ޕްލެޓްފޯމުތަކުގެ ޒިންމާދާރުކަން އިތުރުކޮށް، ކޮންޓެންޓް މެނޭޖުކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ފާހަގަކުރެއެވެ. އަދި މިއީ ޗައިނާގެ އަމިއްލަ ވިޔަފާރިތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، އިގުތިސާދީ ކުރިއެރުމަށް މަގުފަހިކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ބައެއް ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ކެމްޕޭނުގެ ސަބަބުން ވިޔަފާރިވެރިންނަށް އޮންލައިންކޮށް ކުރިމަތިވާ ފުރައްސާރަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ