އެފްރިކާ ބައްރުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ބްރެޒިލްގައި ދެ މީހަކު އެކަހެރިކޮށް ފަރުވާދޭން ފަށައިފިއެވެ. މިއީ މިފަހަރުގެ އެބޯލާ ރޯގާ އެފްރިކާއިން ބޭރަށް ފެތުރިދާނެކަމުގެ ބިރު އުފެދުނު ފުރަތަމަ ފަހަރެވެ.
ބްރެޒިލްގެ ސިއްހީ އިދާރާތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައޮ ޕައޮލޯގައި އެކަހެރިކޮށްފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އިން ދަތުރުކުރި އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އަދި ރިއޯ ޑި ޖެނެއިރޯގައި އެކަހެރިކޮށްފައިވަނީ ޔުގަންޑާއިން ދަތުރުކުރި މީހެކެވެ. މި ދެ ގައުމަކީވެސް މިހާރު އެބޯލާ ފެތުރެމުންދާ ދެ ގައުމެވެ.
ބްރެޒިލްގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ރިއޯގައި އެކަހެރިކުރި މީހާ ވަނީ އެބޯލާއަށް ނެގެޓިވްވެފައެވެ. ނަމަވެސް އޭނާގެ ގައިން މެލޭރިއާ ފެނިފައިވާތީ، ތަހުގީގުތައް ނިމެންދެން އޭނާ ހުންނާނީ ކަރަންޓީނުގައެވެ. އަދި ސައޮ ޕައޮލޯގައި އެކަހެރިކުރި މީހާގެ ގައިން މެނިންޖައިޓިސް ފެނިފައިވީ ނަމަވެސް، އެބޯލާއަށް ޓެސްޓުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައޮ ޕައޮލޯގައި ފަރުވާދެމުން އަންނަ މީހާގެ ހާލު ސީރިއަސް ވެ، މިހާރު ވަނީ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފައެވެ. ސައޮ ޕައޮލޯގެ ސަރުކާރުން ބުނެފައިވަނީ، މި ބަލި ބްރެޒިލް އަދި ދެކުނު އެމެރިކާއަށް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ މެއި މަހުގެ މެދުތެރޭގައި ވަނީ ކޮންގޯގައި ފެތުރެމުންދާ އެބޯލާ ރޯގާއަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
އެފްރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ކޮންގޯގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާކަމަށް ޝައްކުކުރެވޭއިރު، 250 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. މިފަހަރު ފެތުރެމުންދަނީ އެބޯލާގެ 'ބުންޑިބުގްޔޯ' ސްޓްރެއިން ކަމަށްވާތީ، މިއަށް ހާއްސަ ވެކްސިނެއް އަދި ފަރުވާއެއް ހޯދިފައި ނުވާކަން ޑަބްލިއުއެޗްއޯއިން ފާހަގަކުރެއެވެ. އެހެންނަމަވެސް، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވި ގޮތުގައި، ވެކްސިނެއް ނެތް ނަމަވެސް މި ބަލިން މީހުން ރަނގަޅުވުމުގެ ފުރުސަތު އެބައޮތެވެ. އަދި އެފްރިކާގައި ބައެއް މީހުން މި ބަލިން ރަނގަޅުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު