ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަނބުރާ ފޮނުއްވާލައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ހުށަހަޅުއްވި އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން ވޯޓުދިން 68 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް އޮފީހުން މިރޭ ބުނީ، ރައީސް އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، އެ ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައި ކަމަށެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސްވަނީ ނިންމަވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އެހެންކަމުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލާ މެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ވަނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް މިރޭ އަނބުރާ ފޮނުއްވާފައެވެ" ރައީސް އޮފީހުން ބުންޏެވެ.
އެ ބިލުގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތް ދިނުމަށް ކަނޑައަޅަން ޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ހަދަން ޖެހޭނެކަމަށްވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާ ގޮތުން، ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް އޯގަން ޑޯނާ ޓްރާންސްޕްލާންޓު ކުރުމަށެވެ. ހަދިޔާ ކުރެވޭނީ އެއް ވައްތަރެއްގެ ދެ ގުނަވަން ހުންނަ ގުނަވަންތަކާއި އެ ގުނަވަނުން ބައެއް ނެގި ނަމަވެސް، ރީޖެނެރޭޓް ވާ ގުނަވަންތައް ކަމަށެވެ. ނަމަވެސް މީހެއްގެ އޯވަރީއެއް ނުވަތަ ޓެސްޓިކަލެއް ޓްރާންސްޕްލާންޓް ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ގުނަވަން ހަދިޔާކުރާ ފަރާތްތަކުގެ ވަކި ޝަރުތުތަކެއް ވެސް ހުންނަން ޖެހެއެވެ. އެއީ ދިވެއްސަކަށް ވުން، 18 އަހަރު ވެފައިވުން، އަމިއްލަ އިހުތިޔާރުގައި އެކަމަށް ރުހިގެން ގުނަވަން ހަދިޔާކުރުން އަދި ބުއްދި ސަލާމަތުން ހުރުމެވެ. ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ ފަރާތްތަކުގެ ގުނަވަން ހަދިޔާ ނުކުރެވޭނެކަމަށް ބިލުގައި ބުނެފައިވެއެވެ.
އެ ބިލުގައިވާ ގޮތުން، އެ ހިދުމަތަށް ހާއްސަ ކައުންސިލަކާއި ކޮމިޓީއެއް ވެސް އުފައްދަން ޖެހެއެވެ. "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލު"ގެ ނަމުގައި އުފައްދާ ކައުންސިލުގެ މަސްއޫލިއްޔަތުތަކަކީ ގަވާއިދު ހެދުމަށް އިރުޝާދުދީ، ހިދުމަތް ދިނުމަށް ހުއްދަދިނުމާއި، ހުއްދަ ބާތިލުކުރުމާއި، ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި އޮތޮރައިޒޭޝަން ކޮމިޓީން މަސައްކަތް ކުރަމުންދޭތޯ ބެލުމެވެ. އަދި ހިދުމަތްދޭ މަރުކަޒުތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ބަލާނީވެސް އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ"ގެ މަސްއޫލިއްޔަތުތަކަކީ، ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުމެވެ. އެ ކޮމިޓީއަށް ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ކޮންމެ ހޮސްޕިޓަލެއްގައި ގާއިމުކޮށްފައިވާ "ކުލިނިކަލް ކޮމިޓީ" އާއި "އެތިކްސް ކޮމިޓީ" އިން ބަލަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ވަނީ ހިމަނައިފައެވެ. އެގޮތުން ޓްރާންސްޕްލާންޓު ކުރުމަށް ހުއްދަދިނުމަށް ވަކި އިޖުރާތްތަކެއް ފުރިހަމަ ކުރަން ޖެހެއެވެ.
އެ ބިލުގެ ދަށުން ރުހުން ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓު ކުރުން އަދި ގުނަވަނުގެ ވިޔަފާރި ކުރުމަކީ ގާނޫނީ ކުށެކެވެ. އެގޮތުން އެ ކުށްތައް ކޮށްފި ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ. އެ ޖޫރިމަނާތަކާ އެކު، ބައެއް ކުށްތަކުގައި އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބިލުގައިވެއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު