ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިއުއެޗުއޯ) އިން ދީފައިވާ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް، ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރަން ނިންމާފައިވާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ޑަބްލިއުއެޗުއޯއިން ރާއްޖެއަށް ރިކޮމެންޑް ކޮށްފައިވަނީ 2026 ވަނަ އަހަރަށް ސިނގިރޭޓުގެ ސްޕެސިފިކް ރޭޓް ހަތަރު ރުފިޔާގައި ބެހެއްޓުމަށް ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗުއޯއިން ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑް ކުރައްވާފައި އޮތް އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް އެއީ ސްޕެސިފިކް ރޭޓް ހަތަރު ރުފިޔާ ގެ ގޮތުގައި،" އިހުސާން ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން ހަމަ ކޮންސިޑާ ކުރަމުން އަންނަ ރޭޓެއް މިހާރުވެސް."

އެ ބަދަލު ގެނައުމުގެ ކުރިން ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަޝްވަރާތަކުން ނިކުންނަ ނަތީޖާއަށް ބިނާކޮށް، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދުންފަތުގެ ޑިއުޓީއަށް އެންމެ ފަހުން ބޮޑު ބަދަލެއް ގެނައީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭރު ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރީ، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން ވޭޕް ބޭނުންކުރާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބަދަލުވެދާނެކަމަށް ކުރެވުނު ދިރާސާތަކަށް ބިނާކޮށެވެ.

އިހުސާން ވިދާޅުވީ، ޑިއުޓީ އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނެގި އުނދަގޫ ނިންމުމެއް ނަމަވެސް، އެއީ އޭރުގެ ހާލަތަށް ބަލައި ކޮންމެހެން ކުރަންޖެހުނު ކަމެއް ކަމަށެވެ. އެހެންނަމަވެސް، ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތަކީ ދިރާސާތަކުގެ އަލީގައި އަބަދުވެސް މުރާޖައާ ކުރަންޖެހޭ ކަމެއްކަމަށް އިހުސާން ވިދާޅުވިއެވެ.