ދިރާގާއި ވަށްމާފުށީގެ ފަރާތުން ތިން ނަސީބުވެރިއަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން އެޑްވެންޗާ މުޅިން ހިލޭ ތަޖުރިބާކުރުމުގެ ފުރުސަތު ދޭ ސޯޝަލް މީޑިއާ ގިވްއަވޭގައި ބައިވެރިވުމުގެ ސުންގަޑި މިއަދަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން ކޮންމެ ނަސީބުވެރިއަކަށް ވެސް ވަށްމާފުށީގެ ޒިޕްލައިން ދެ މީހަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ގިވްއަވޭގައި ބައިވެރިވުމަށް ދިރާގު، ޒިޕްލައިން އެމްވީ އަދި ވިޒިޓް މާފުށީގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކޮށް، ގިވްއަވޭގެ ހާއްސަ ޕޯސްޓް ޝެއާކޮށް، އެ ޕޯސްޓުގެ ކޮމެންޓް ސެކްޝަނުގައި ތިން ރައްޓެހިން ޓެގްކުރަން ޖެހެއެވެ. މީގެ އިތުރުން އެ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ޝެއާކޮށް ދިރާގާއި ޒިޕްލައިން އެމްވީ ޓެގްކުރަން ޖެހެއެވެ.

ދިރާގުން ބުނީ ދާދި ފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައިފައިވާ ކަމަށެވެ. މި ޕާޓްނާޝިޕްގެ ދަށުން އެލީޓް މެންބަރުންނަށް ވަށްމާފުށީގެ ހިދުމަތްތަކުން ފަސް އިންސައްތަ ޑިސްކައުންޓް ލިބޭ އިރު، އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗަރުން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. ބުކިންގް ހަދާއިރު ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑް ދައްކާލުމުން މި ޑިސްކައުންޓްތައް ބޭނުންކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ދިރާގުގެ އެލީޓް ކްލަބް ޕްރޮގްރާމަކީ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އަގުހުރި އޮފާތަކުގެ ޒަރީއާ އިން ކަސްޓަމަރުންގެ ދިރިއުޅުން ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ ގުޅުން ވަރުގަދަކުރުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ދިރާގުން ބުނެއެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.