ދުނިޔޭގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "ސްޓާ ވޯސް" ގެ ފުރަތަމަ ފިލްމު އެޑިޓުކޮށްގެން އޮސްކާ އެވޯޑު ހާސިލުކުރި މާޝިއާ ލޫކަސް އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. އޭނާ މަރުވީ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރިފައިވާ ކެންސަރު ބަލީގައި ކަމަށް އާއިލާއިން ބުނެފައިވެއެވެ.

މާޝިއާ މަރުވީ މިދިޔަ ބުދަ ދުވަހު އެމެރިކާގެ ކެލިފޯނިއާގެ ރާންޗޯ މިރާޖްގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި، އާއިލާގެ މެންބަރުންގެ ހާޒިރުގައެވެ. އޭނާއަކީ ސްޓާ ވޯސް އުފެއްދި ޑައިރެކްޓަރު ޖޯޖް ލޫކަސްގެ ކުރީގެ އަންހެނުންނެވެ. ސްޓާ ވޯސްގެ ފުރަތަމަ ތިން ފިލްމު އުފެއްދުމުގައި މާޝިއާ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. ފިލްމުގެ ވާހަކަ އޮމާންކަމާއެކު ގެނެސްދިނުމާއި، ފިލްމަށް ޖަޒުބާތީ ފުންމިން ގެނެސްދިނުމުގައި އޭނާގެ ހިއްސާ ބޮޑުކަމަށް ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

އެމެރިކާގެ މީޑިއާތަކަށް އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާޝިއާއަކީ ފިލްމީ ދާއިރާގައި އަންހެނުންނަށް މަގުކޮށައިދިން ނަމޫނާ ޝަހުސިއްޔަތެއް ކަމަށެވެ. ސިނަމާގެ ތާރީހުގައި އެންމެ ނުފޫޒުގަދަ އެއް އެޑިޓަރުގެ ގޮތުގައި އޭނާ ފާހަގަކުރެވޭނެ ކަމަށާއި، ފިލްމު އެޑިޓިންއަކީ ކޮބައިކަން އޭނާ އަލުން ތައާރަފުކޮށްދިން ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އޭނާގެ މަސައްކަތްތައް ފާހަގަކުރެވިފައިވަނީ ޖަޒުބާތީ ގޮތުން މުއްސަނދި، އިންސާނިއްޔަތުކަން އެކުލެވޭ މަސައްކަތްތަކެއްގެ ގޮތުގައެވެ. މަންޒަރެއްގެ އަސްލު ހޯދައި، ސްކްރީނަށް ދިރުމާއި ސާފުކަން ގެނެސްދިނުމުގެ އާދަޔާހިލާފު ހުނަރެއް އޭނާގެ ކިބައިގައި ހުރި ކަމަށް އާއިލާއިން ފާހަގަކުރިއެވެ.

މާޝިއާއަށް އޮސްކާ އެވޯޑު ލިބުނީ 1977 ވަނަ އަހަރު ނެރުނު "ސްޓާ ވޯސް" (ފަހުން ނަން ބަދަލުކުރި: އަ ނިއު ހޯޕް) އެޑިޓުކޮށްގެންނެވެ. މި އެވޯޑު އޭނާއާ ހިއްސާކުރީ ރިޗަޑް ޗޫ އަދި ޕޯލް ހާޝްއެވެ. ފިލްމުގެ އެންމެ ފަހު މަންޒަރު ކަމަށްވާ "ޑެތު ސްޓާ" ގެ ހަނގުރާމައިގެ މަންޒަރުތައް އެކުލަވާލުމުގައި މާޝިއާ ކުރި ބުރަ މަސައްކަތަށް ޖޯޖް ލޫކަސް ވަނީ ތައުރީފުކޮށްފައެވެ. ފިލްމު ނެރުނު ދުވަސްވަރު ރޯލިން ސްޓޯން މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ޖޯޖް ލޫކަސް ބުނެފައިވަނީ، އެ މަންޒަރުތަކަކީ ވަރަށް އުނދަގޫ މަންޒަރުތަކެއް ކަމަށާއި، ޕައިލެޓުން ވާހަކަދައްކާ 40،000 ފޫޓުގެ ފްޓޭޖް ހުރި ކަމަށެވެ. ހަނގުރާމައިގެ މަންޒަރެއްގެ ތެރެއަށް ފިލްމުގެ އަސްލު ވާހަކަ ގެނެސްދިނުމަކީ އޭގެ ކުރިން އެއްވެސް މީހަކު ކުރި ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ.

1945 ވަނަ އަހަރު ކެލިފޯނިއާގެ މޮޑެސްޓޯއަށް އުފަންވި މާޝިއާ ގްރިފިން، އޭނާގެ ކެރިއަރު ފެށީ ފިލްމު ލައިބްރޭރިއަނެއްގެ ގޮތުގައެވެ. 1969 ވަނަ އަހަރު ޖޯޖް ލޫކަސްއާ ކައިވެނިކުރުމަށްފަހު، އޭނާގެ ކުރީގެ ފިލްމުތައް ކަމަށްވާ "ޓީއެޗްއެކްސް 1138" އަދި "އެމެރިކަން ގްރެފިޓީ" ގައި މަސައްކަތްކުރިއެވެ. މީގެ ތެރެއިން އެމެރިކަން ގްރެފިޓީން އޭނާއަށް އޮސްކާ ނޮމިނޭޝަނެއް ލިބުނެވެ. މީގެ އިތުރުން މަޝްހޫރު ޑައިރެކްޓަރު މާޓިން ސްކޯސޭސީގެ 1970 ގެ އަހަރުތަކުގެ ފިލްމުތައް ކަމަށްވާ "އެލިސް ޑަޒަންޓް ލިވް ހިއަރ އެނީމޯ"، "ޓެކްސީ ޑްރައިވަރ" އަދި "ނިއު ޔޯކް، ނިއު ޔޯކް" އެޑިޓުކުރުމުގައިވެސް އޭނާ ބައިވެރިވިއެވެ. ފަހުން 1980 ވަނަ އަހަރުގެ "ދަ އެމްޕަޔަރ ސްޓްރައިކްސް ބެކް" އަދި 1983 ވަނަ އަހަރުގެ "ރިޓާން އޮފް ދަ ޖެޑައި" ގައިވެސް އޭނާ މަސައްކަތްކުރިއެވެ.

ޖޯޖް ލޫކަސްއާއި މާޝިއާ 1981 ވަނަ އަހަރު އަމަންޑާ ނަމަކަށް ކިޔާ ކުއްޖަކު އެޑޮޕްޓުކުރިއެވެ. 14 އަހަރުގެ ކައިވެންޏަށްފަހު 1983 ވަނަ އަހަރު އެ ދެމީހުން ވަރިވިއެވެ. އޭގެ ފަހުން ސްކައިވޯކަރ ރާންޗްގެ ޕްރޮޑަކްޝަން މެނޭޖަރެއް ކަމަށްވާ ޓޮމް ރޮޑްރިގޭޒްއާ އޭނާ ކައިވެނިކުރިއެވެ. އެ ކައިވެންޏަށް އޭމީ ނަމަކަށް ކިޔާ އަންހެން ކުއްޖަކު ލިބުނެވެ.