ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި މިހާރު ފެތުރެމުންދާ އެބޯލާ ރޯގާގައި ބަލިޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދަކަށް އަރާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ. މި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވެދެއްވުމުގެ ގޮތުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވަނީ ބުރާސްފަތި ދުވަހު އެ ގައުމުގެ ވެރިރަށް ކިންޝާސާއަށް ވަޑައިގެންފައެވެ.

ޑަބްލިއުއެޗްއޯގެ ހައި ތްރެޓް ޕެތޮޖެންސް ޓީމުގެ އާނައިސް ލެގާންޑް ވިދާޅުވި ގޮތުގައި، މަރުގެ ނިސްބަތް މިހާ މައްޗަށް ދާނެކަމަށް ލަފާކޮށްފައިވަނީ ކަށަވަރުކުރެވިފައިވާ ކޭސްތަކަށް ބިނާކޮށެވެ. މިއީ ވަރަށް ބޮޑު އަދަދެއް ކަމަށާއި، މީގެ މާނައަކީ ބަލިޖެހޭ ކޮންމެ ދިހަ މީހެއްގެ ތެރެއިން ފަސް މީހުން މަރުވުމުގެ ފުރުސަތު އޮތުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މެއި 27 ވަނަ ދުވަހު ޑީއާރުސީގެ ސިއްހީ މަރުކަޒަކުން ފަރުވާ ހޯދަމުންދިޔަ މީހަކު ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މިއީ މި ފަހަރުގެ ރޯގާގައި ބަލިން ރަނގަޅުވިކަން ކަށަވަރުކުރެވުނު ފުރަތަމަ މީހާއެވެ.

ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި، މި ބަލިމަޑުކަމުގެ އަސްލު މިންވަރު މިހާރު އަންދާޒާ ކުރެވޭ ވަރަށްވުރެ މާ ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ، ބަލި ފެތުރެމުންދާތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އެކަން ދެނެގަނެވިފައި ނުވުމެވެ. ޓެޑްރޯސް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، މި ބަލިމަޑުކަން ހުއްޓުވިދާނެ ކަމަށާއި، ދަތުރުފަތުރުކުރުން މަނާކުރުމަކީ އެންމެ އެކަށީގެންވާ ހައްލު ނޫންކަމަށެވެ. ކޮންގޯގެ ރައްޔިތުންނަށް ދެއްވި ހާއްސަ މެސެޖެއްގައި، އެންމެން ގުޅިގެން މިކަމުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ދެއްވައި، އޭނާއަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މެއި 15 ވަނަ ދުވަހު މި ރޯގާ ފެތުރެން ފެށިކަން އިއުލާނުކުރި ފަހުން، ޑީއާރުސީގައި އެބޯލާ ޖެހިގެން 10 މީހުން މަރުވެފައިވާކަން ކަށަވަރުކުރެވިފައިވާއިރު، އިތުރު 223 މީހަކު މަރުވެފައިވަނީ މި ބަލީގައި ކަމަށް ޝައްކުކުރެވެއެވެ. އަދި ބަލިޖެހިފައިވާ ކަމަށް ކަށަވަރުކުރެވިފައިވާ މީހުންނާއި ޝައްކުކުރެވޭ މީހުންގެ ޖުމްލަ އަދަދު ވަނީ 1،000 އަށްވުރެ މައްޗަށް ގޮސްފައެވެ.