ޒަރާރް އިނީ އޭނަގެ ކެބިންގައެވެ. މިއަދަށް ތާވަލްކުރެވިފައި ހުރި މަސައްކަތްތަކަށް ތައްޔާރުވުމުގެ ކުރިން، އަތުކުރީ އޮތް ކާޓިއާ ބްރޭންޑްގެ ގަޑިއަށް ނަޒަރެއް ދިނެވެ. އޭރު ގަޑިން ނުވަގަޑި ބައި ވެއްޖެއެވެ. އޭނަ އިންތިޒާރުކުރަމުން އެދަނީ ދައްޔާން އަންނާނެ ވަގުތަކަށެވެ. މިއަދު ހެނދުނުގެ ސަޔަށް ފަހު އޭނަ ދައްޔާނާއި ވާހަކަދެއްކިއެވެ. ދައްޔާން އޮތީ މިއަދު އޮފީހަށް ހާޒިރުވާނެކަމުގެ ޔަޤީންކަން ދީފައެވެ. އެކަމަކު ގަޑިޖެހިގެން ދިޔައިރު ވެސް ޚަބަރެއް ނުވިއެވެ. ލަސްވެގެން ޒަރާރް ގުޅުމުން ފޯނަށް ޖަވާބެއް ނުދިނެވެ. ކުރި މެސެޖުތައް ވެސް ބަލާފައި ނުވެއެވެ. އެކަމާ ޒަރާރް ކުޑަކޮށް ހިތްހަމަނުޖެހުނަސް، ދައްޔާންގެ އުމުރުގެ ގޮތުން ގަޑިއަށް ސަމާލުކަން ނުދެވެނީ ކަމަށް ނިންމައި ނުރުހުންތެރިކަމާއި ދުރުވިއެވެ. އޭނައާއެކު މަސައްކަތްކުރަން ދައްޔާނަށް ފަސޭހަ ވާނެހެން އިންތިޒާމުތައް ވެސް ޒަރާރް ހުރީ ހަމަޖައްސާލަ ދީފައެވެ. ވަކިން މޭޒެއް ވައްދައިދީ ބޭނުންވާނެ ވަސީލަތްތައް ވެސް ފުރިހަމަކޮށްދިނެވެ. ކުރިން މަސައްކަތްކުރި ޑިޕާޓްމެންޓްގައި ހުރި ދައްޔާންގެ ޕާސަނަލް އެއްޗިސް ވެސް ހުއްދަ ހޯދައިގެން ގެނެސްފައި ހުއްޓެވެ. ދައްޔާނާއެކު ހޭދަކޮށްލަން ލިބޭނެ ވަގުތުތަކާ މެދު އެހިތުގައި އުއްމީދުތަކެއް ވިއެވެ.

ކެބިންގެ ދޮރުގައި ޓަކިދިން އަޑަށް ޒަރާރްއަށް ދޮރާ ދިމާއަށް ބަލައިލެވުނެވެ. އޭނަ ބަލަމުން ދަނިކޮށް އެތެރެއަށް ވަނީ ދިލްފާ އެވެ.

''އިވެންޓް ޓީމާ ބައްދަލުކޮށްލަން ސާރ އެދިފަ އޮތީމަ މެނޭޖާރ އެބަ ހުރި ބައްދަލުކޮށްލަން އައިސް...'' ދިލްފާ ބުންޏެވެ.

ޒަރާރް ދޫކޮށްލީ ފުންނޭވާއެކެވެ. ދައްޔާނަށް އިންތިޒާރުކުރަން ހަދައިގެން ލަސްވެދާނެތީ، އެކަނި މީޓިންގް ފަށަން ޒަރާރް ނިންމިއެވެ.

ޒަރާރް ހުއްދަދިނުމާއެކު ދިލްފާ އަވަސްއަވަހަށް ބޭރަށް ނިކުތެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އައީ އިވެންޓް ޓީމްގެ މެނޭޖަރު ގޮވައިގެންނެވެ.

''ފަރުޒާން...'' ގޮނޑިން ތެދުވަމުން، ޒަރާރް ގޮސް މެނޭޖަރާއި ސަލާމްކޮށްލިއެވެ. އެއަށްފަހު އިޝާރާތްކޮށްލީ ސޯފާގައި އިށީނުމަށެވެ.

ސޯފާގައި އިށީނދެ ހަމަޖެހިލުމާއެކު، ފަރުޒާން އަވަސްވެގަތީ އިވްނެޓާއި ބެހޭ މައުލޫމާތު ޒަރާރްއާއި ހިއްސާކުރުމަށެވެ. ތަން ބާއްވާނެ ވެނިއުއިން ފެށިގެން، ޒީނަތްތެރިކުރެވުމަށް ބޭނުންކުރެވޭނެ ޑިޒައިނާއި، ބެކްޑްރޮޕާއި، ކޭޓެރިންގެ އިންތިޒާމުތައް ހަވާލުކުރެވޭނެ ކުންފުނިތަކަށް ދާންދެން އޮޅުން ފިލުވައި ދިނެވެ. އެއީ ޒަރާރްއަށް މުޅިން އައު ދާއިރާއަކަށް ވުމުން ފަރުޒާންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް އޭނަ ޝުކުރު އަދާކުރިއެވެ. އިވެންޓާއި ގުޅިފައި ހުރި މަސައްކަތް ގިނަކަން ވެސް އޭނައަށް ފާހަގަ ކުރެވުނެވެ. ބައެއް ކަންތަކުގައި އޭނަގެ ޚިޔާލަށް ފަރުޒާން އެދުމުން ޒަރާރް އެދުނީ އޭނައަށް ވަގުތު ދިނުމަށެވެ. ބެކްޑްރޮޕް ޒީނަތްތެރިކުރަން ބޭނުންކުރާނެ މާތަކާކުގެ ކުލައާއި، މުޅި ހަފްލާ ޒީނަތްތެރިކުރާނެ ގޮތުގެ ކުރެހުންތަކަކާއެކު ތައްޔާރުކުރެވުނު ފައިލެއް ފަރުޒާން ދިނެވެ. ހިނިތުންވުމަކާއެކު ޒަރާރް އޭގައި ހިފިއެވެ. ބުރަ މަސައްކަތްތަކެއް ކުރިއަށް އެބައޮތެވެ. އެކަމަށް ގިނަ ވަގުތު ނަގާނެކަން ވެސް ނަގައިގަނެވުނެވެ. ނަމަވެސް އޭނަ ހުރީ އެކަމުގެ ހުރިހާ އިންތިޒާމެއް އެންމެ ފުރިހަމައަށް ހަމަޖައްސަން ތައްޔާރަށެވެ. މާމަ ހިތްހަމަޖެހޭނެ އުސޫލުންނެވެ.

ވަދާއުގެ ސަލާން ބަދަލުކޮށްފައި ފަރުޒާން ދިޔައީ، މަޝްވަރާކޮށްލަން އެދޭނަމަ އޭނައަށް ގުޅުމަށް އެދިފައެވެ. ފަރުޒާންއާއެކު ކެބިންގެ ދޮރާ ހަމައަށް ޒަރާރް ދިޔައެވެ.

ފަރުޒާން ނިކުމެގެން ދިއުމާއެކު ޒަރާރް އިށީނީ ސޯފާގައެވެ. އަތުގައި އޮތް ފައިލު ހުޅުވަމުން ބަލަން ފެށިއެވެ. އެވަގުތު އޭނައަށް މޮޅު ޚިޔާލެއް އައެވެ. ވިސްނުމަކާ ނުލައި ފަޓުލޫނުގެ ޖީބުން ފޯނު ނެގިއެވެ. ފަސޭހަކަމާއެކު ތަނާލްގެ މެސެޖު ތްރެޑް ހުޅުވާލިއެވެ. އިވެންޓްގެ ތީމަކަށް ނަގަން ހުރި ކުލަތަކުގެ ފޮޓޯއެއް ނަގައި ތަނާލްއަށް ފޮނުވާލިއެވެ.

''މިތަނުން ކޮން ކުލައެއްތަ ކަމުދަނީ؟...'' ޒަރާރް ލިޔުނެވެ. ފޮޓޯގައި ހުރީ ގަދަ ނޫކުލައާއި، ކްރީމް ކުލައިގެ އިތުރުން އޮލިވް ފެހިކުލައެވެ. ތަނާލްގެ ޖަވާބެއްގެ އިންތިޒާރުގައި ފައި ތަޅުވާލަތަޅުވާލަ އިންދާ ތަނާލްގެ މެސެޖެއް ލިބުނެވެ.

''އިވެންޓަކަށް ތައްޔާރުވަނީތަ؟...'' ތަނާލް ވެސް ކޮށްލީ ސުވާލެކެވެ.

''ގުޅަންތަ؟...'' މެސެޖުން ވާހަކަދެއްކުމަށްވުރެން ބޮޑަށް ޒަރާރް ބޭނުންވީ ތަނާލްއަށް ގުޅާށެވެ. އެހެންކަމުން ހުއްދައަށް އޭނަ އެދުނެވެ. ރައްދުގައި ލިބުނީ ތަނާލްގެ ފޯން ކޯލެކެވެ. ޒަރާރްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ހުދު ދަތްތައް ފެންނަވަރުގެ ރީތި ހިނިތުންވުމެކެވެ. ފިރިހެންވަންތަ މޫނަށް ދިރުން ލިބުނު ކަހަލައެވެ.

''ދެން ބުނެބަލަ، އޭރުން އިނގޭނީ ޗޫޒް ކުރަން...'' ތަނާލް ބުންޏެވެ.

''މާމަ ބާއްވަން އުޅޭ ޗެރިޓީ އިވެންޓަކަށް ތައްޔާރު ވަނީ، ތިން ހަފްތާ ތެރޭ ރެޑީ ވާން އެބަޖެހޭ، އަހަންނަށްވުރެން މިކަމުގަ ތަނޫގެ އެކްސްޕީރިއެންސް ހުންނާނެތީ މިއަހާލީ...'' ޒަރާރް ބުނެދިނެވެ.

''އެހެންވިއްޔާމު ކްރީމް ކުލަ ރަނގަޅުވާނީ، އޭރުން ދެން އިތުރަށް ނަގާ ޑިޒައިންތަކާއި، ބެކްޑްރޮޕާއި ފްލޯރަލް އެރޭންޖްމެންޓްތަކާ ގުޅުވާލަން ފަސޭހަވާނެ...'' ތަނާލް ބުނެލިއެވެ.

''މިކަމާ ހަވާލުވިއިރު ނޭނގޭ އެހާ ގިނަ ކަންތަކެއް ހުރެދާނެޔޭ...'' ޒަރާރް ބުނެލިއެވެ. ފައިލު ހުޅުވާލުމުން ހަޤީޤަތުގައި ވެސް ޒަރާރްގެ ބޮލަށް ބަރުވިއެވެ. އެކަން ޒަރާރްގެ އަޑުން ތަނާލް ދެނެގަތެވެ.

''އައި ކޭން ހެލްޕް...'' ތަނާލް ހުށަހެޅިއެވެ.

''އައި ކާންޓް ޕޮސިބްލީ އާސްކް ޔޫ...'' ޒަރާރް މަނާވެގަންނަން އުޅުނެވެ.

''އުހޫނ، ދެން ނޫނެކޭ ނުބުނެވޭނެ، އަހަރެން ބޭނުން ޒަރާރްއަށް އެހީވާން، އެހެން ނޫނަސް މިވަގުތު އިތުރު މަސައްކަތެއް ވެސް ނެތް، އެންމެ ފަހުގެ ޓާސްކް ވެސް ޒަރާރްއާ ހަވާލުކުރެވިއްޖެ...'' ތަނާލް ބުނެލިއެވެ.

''އެހެންވިއްޔާމު އޯކޭ، މެންދުރު ގަޑީގަ ފްރީ ވާނެތަ؟...'' ޒަރާރް ހުރީ ތަނާލްއާއި ބައްދަލުކުރާ ހިތުންނެވެ.

''ޑިޕެންޑްސް...'' ތަނާލްގެ ރާގުން ޒަރާރްއާއި ސަމާކޮށްލަން އުޅޭކަން ހާމަކޮށްދިނެވެ.

''ކޮންކަމަކަށް؟...'' ޒަރާރްއަށް ހެވުނެވެ.

''ބިލް ދައްކާނަން ދޯ؟...'' ތަނާލް އަހާލިއެވެ.

''ހޫމްމްމް...'' ވިސްނާކަމަށް ޒަރާރް ހެދުނެވެ. ''ތަނޫ ބުނީމަ ދައްކަންތާ ޖެހޭނީ...''

''އަހަރެން އަދި ނުބުނަމެއްނު...'' ތަނާލް ބުނެލިއެވެ.

''އެހެންވީމަ ރިކުއެސްޓެއްދޯ؟...'' ދަތްދޮޅީގައި އަތްވިއްދާލަމުން ޒަރާރް އެހިއެވެ. ''އަހަރެން ބިލާ ހަވާލުވާނަން، ބޭނުމީ ތަނޫ އަހަންނާއެކު ދިއުން...''

''ތިހެންވީއިރު މެންދުރަށް ފްރީވާނެ...'' ތަނާލް ހެމުންހެމުން ބުނެލިއެވެ. އެއީ ރީތި ހީނލުމެކެވެ. ޒަރާރްއަށް އިނދެވުނީ އެހުނުމުގެ ތެރެއަށް ގެއްލިފައެވެ. ހޭވެރިކަންވީ ތަނާލް ގޮވާލުމުންނެވެ.

''މެންދުރުދޯ، އާނ!... ކާން ގޮއްސަ ތަނޫއަށް އިވެންޓް ޓީމުން ތައްޔާރުކުރި ފައިލު ދައްކާލާނަން...'' ޒަރާރް ބުންޏެވެ.

ފޯނު ކޯލަށް ޒަރާރް ގެއްލިފައި ވަނިކޮށް ކެބިންގެ ދޮރު ހުޅުވާފައި ދައްޔާން ވަނެވެ. އޭނަ ހުރީ ހުދުކުލައިގެ ގަމީހަކާއި ގަދަ ނޫކުލައިގެ ފަޓުލޫނެއްގައި ބެގީކޮށްފައެވެ. ކަރުގައި ޓައީއެއް ނެތެވެ. މޭމަތިން ދެ ގޮށް ނައްޓާފައި ހުރީ ބައިމަތި ފުޅާ ހަށިގަނޑު ހާމަކުރަންށެވެ. ގަމީހުގެ އަތުކުރި ވެސް އުޅަނބޮއްޓާ ހަމައަށް އޮޅާފައެވެ.

ފޯނުން ވާހަކަދަމުން ދިޔަ ޒަރާރްއަށް ބަލަހައްޓައިގެން ދައްޔާން ހުއްޓެވެ. ޒަރާރްގެ ހިނިތުންވުމާއި، އަޑުގައިވި އުފާވެރިކަމުން ދައްޔާނަށް ދެލޯ ހަނިކޮށްލެވުނެވެ. އޭނަގެ ނަޒަރުގައި އެފަދަ އުފާވެރިކަމެއް ޒަރާރްއަށް ހައްޤެއް ނޫނެވެ. އޭނަގެ ހަމަޖެހުން ނަގާލާފައި ޒަރާރްއަށް ހިތްހަމަޖެހުމާއެކު އުޅެވިދާނެކަމަށް ޒަރާރް ހީކުރަނީ ހެއްޔެވެ؟ އެހެން ކަންތައް ވެއްޖެނަމަ އެއީ ކުށްހީއެކެވެ. ހިތި ގޮތަކަށް ޒަރާރްގެ ފަރާތުން ބަދަލު ހިފަން ދައްޔާން ހުރީ ކެތްމަދުވެފައެވެ. އޭނަގެ މިނިވަންކަމަށް ހުރަސް އެޅީތީއެވެ. މަންމަގެ ރުޅިވެރިކަމުގެ އަމާޒުފައްޗަކަށް އޭނަ ހެދީތީއެވެ. ބައްޕަގެ ދެލޮލުން ފެންނަ ނުރުހުމުގެ އިލްޒާމު ވެސް އެޅުވުނީ ޒަރާރްގެ ބޮލުގައެވެ. ދުނިޔެމަތިން އޭނައަށް ލައްވާފައި ހުރި މުސީބާތެކެވެ. މިހުރިހާ އަހަރު ދުރުގައި އުޅުނު ގޮތަށް ނޫޅެވުނީ ކީއްވެގެން ހެއްޔެވެ؟

''ބާއްވަނީ އިނގޭ... ފަހުން ޚަބަރެއް ވާނަން...'' މީހެއްގެ ހިލަންވުމާއެކު އަމިއްލަ ދުނިޔެއިން ޒަރާރްއަށް ނިކުމެވުނެވެ. ފޯނު ކޯލު ކުރުކޮށްލެވުނީ އެހިސާބުންނެވެ.

ޒަރާރްގެ ޖުމްލައަށް ދައްޔާންގެ ޝައުޤުވެރިކަން ދަމައިގަތެވެ. ޒަރާރް އެކޮޅުން ވާހަކަދައްކާ މީހަކު ހޯދުމުގެ އަޒުމު ހިތުގައި އާލާ ވިއެވެ. އަންހެންކުއްޖެއްކަން އޭނައަށް ޔަޤީން ވިއެވެ. ހާއްސަގުޅުމެއް އެދުމެދުގައި އޮތުމުން އެކަމުގެ ހަޤީޤަތް ހޯދަން އަތުކުރި އޮޅާލިއެވެ. ޒަރާރްގެ ބަލިފަޔެއް ވާނަމަ ހޯދުމަށްޓަކައެވެ.

''ދާން...'' ޒަރާރް ގޮނޑިން ތެދުވިއެވެ. ގަޑިއަށް ފަރުވާތެރި ނުވިޔަސް، ދައްޔާނަށް ހޫނު މަރުޚަބާއެއް ކިޔަން ޒަރާރް އަވަސްވެގަތެވެ.

''ޒަރާރް...'' ގަސްދުގައި ޒަރާރްއާއި ދައްޔާން މުހާތަބުކުރީ ނަމުންނެވެ. އޭނަގެ ބޭބެއަށް ވިޔަސް އެއީ ދައްޔާން ޤަބޫލުކުރަން ދެކޮޅުހަދާ ހަޤީޤަތެވެ. ލޭގެ ގުޅުމަށް ކުޑަމީސްކުރީ އެހެންވެއެވެ. ފާޑެއްގެ ފޫހިކަމެއް ހިތުގައި އުފެދުނެވެ.

ދައްޔާންގެ ބީރަށްޓެހިކަމަށް ޒަރާރް ސަމާލުކަމެއް ނުދިނެވެ. އެދުރުކަމަށް ނިމުމެއް ގެންނަން އަމިއްލަ ނަފުސަށް ވަޢުދުވެފައިވީތީއެވެ. ޒަރާރް ޤަބޫލުކުރާ ގޮތުގައި ދައްޔާންގެ ނުރުހުންތެރިކަމަކީ އަހަރުތަކެއް ވަންދެން ދުރުގައި ތިބުމުން އުފެދިފައި އޮތް ކަމެކެވެ. ދުރުކަމާއި، ބީރައްޓެހިކަމުގެ އެފާރަށް ކެތްތެރިކަމާއި ހިތްތިރިކަމުން ނިމުމެއް ގެނެވިދާނެކަމަށް އުއްމީދުކުރެވުނެވެ. ވަގުތު ނެގިޔަސް އެކަމުގައި ދެމިހުންނަން އޭނަ ބޭނުމެވެ.

''ކޮފީއެއް ބޭނުންތަ؟...'' ޒަރާރް އެހިއެވެ.

''މިވަގުތަކު ނޫން!...'' ރުންކުރުކަމާއެކު ދައްޔާން ބުނެލިއެވެ. ''ނައިސް ކެބިން...''

ޒަރާރްގެ ކެބިންއަށް ދައްޔާން ބަލައިލީ ހަސަދަވެރިކަމާއެކުގައެވެ. މަންމަގެ ބަސް ޤަބޫލުކޮށް ދައްޔާން ދެކޭ ގޮތުގައި މިއަދު ޒަރާރް އެހުރި މަޤާމުގައި ހުންނަން ޖެހޭނީ އޭނައެވެ. އެއީ އޭނަގެ ހައްޤެކެވެ. ރުޅިވެރިކަމުގެ ހޫނު މޭގައި އުތުރިއަރަން ފެށުމާއެކު ދިގު ނޭވާއެއް ދޫކޮށްލެވުނެވެ. ޒަރާރްއާއި ނަޒަރު ސީދާ ކުރުމެއް ނެތި އޭނަ ގޮސް ހުއްޓުނީ ޒަރާރްގެ މޭޒު ކައިރިއަށެވެ. ލެދާރ ގޮނޑީގެ ފަހަތުން ހުއްޓެމުން އޭނަ ބަލައިލީ ޒަރާރް އަށެވެ. ހިމޭންކަމާއެކު ޒަރާރްއަށް ބަލަން ހުރެފައި ހިނިތުންވެލީ މަކަރުވެރިކަމާއެކުގައެވެ.

''އިޒް ދެޓް މައި ވޯކް ސްޓޭޝަން؟...'' ކެބިންގެ ދޮރުން ވަދެގެން އަންނަ އިރުގައި، ވާތްފަރާތަށް ވާހެން ހުރި މޭޒަށް އިޝާރާތްކޮށްލަމުން ދައްޔާން ބުންޏެވެ.

''އަހަންނާއެކު ދާން މަސައްކަތްކުރާނެތީ ކެބިން ހިއްސާކުރާ ގޮތަށް ނިންމީ...'' ޒަރާރް ހުރީ ހިނިތުންވެލައިގެންނެވެ. ''ދާންގެ އެއްޗިސް މިކޮޅަށް ގެންނަންވެގެން އެހީމެއްނު؟...''

''އެހިންތަ؟، އަހަރެން ހަނދާނެއް ނުވޭ...'' ފަރުވާކުޑަކަމާއެކު ދައްޔާން ވާހަކަދެއްކިއެވެ. ޒަރާރް ބުނާ ކޮންމެ އެއްޗަކީ އެއްކަންފަތުން ވައްދާފައި އަނެއްކަފަތުން ނެރެލާ ބަސްތަކެވެ. ރުހުމުގައި ޒަރާރްއާއި ވާހަކަދައްކަން ވެސް އޭނަ ބޭނުމެއް ނުވެއެވެ. މިހާރު އެކުޅޭ ތަމްސީލަކީ މަންމަ އޭނައަށް ކުރި މަޖުބޫރީއެވެ.

''އާދެބަލަ، ދޮންބެ ހުންނާނީ ދާންއަށް ފަސޭހަވާނެހެން ހުރިހާ އެއްޗެއް ގެނެސްދީފަ، ދޮންބެ މި ވިސްނަނީ ކެބިންއަށް ކޮފީ މެޝިނެއް ވެސް ގެންނަން، އެކަމާ ދާން ބުނަނީ ކީކޭ؟...'' ޒަރާރް ބުނެލިއެވެ. އޭނަ ހުއްޓުނީ ދައްޔާންގެ މޭޒު ކުރިމައްޗަށެވެ.

އުފާވެރިކަމުގެ ޒަރެއްގެ މިންވަރު ވެސް ދައްޔާންގެ މޫނަކުން ނުފެނުނެވެ. ބުމަ ކައިރިކޮށްގެން ހުރެފައި އޭނަ ޒަރާރްގެ ގާތަށް އައެވެ. އޭނަ ހުރީ އެތަނުން ދާން ބޭނުންވެފައެވެ. ގިނަ އިރު ހުންނަން ވެއްޖެނަމަ ރުޅިވެރިކަން ވަންހަނާކުރަން އުނދަގޫވެދާނެއެވެ. އޭރުން މަންމަގެ ނުރުހުމާ ކުރިމަތިލާން ޖެހޭނެއެވެ. އޭނައަށް ވަކި ކަންތައްތަކެއް ކުރުމަށް މަންމަ އޮތީ ޝަރުތުކޮށްފައެވެ. މަންމަގެ ރޭވުމާ އެއްގޮތަށް ނުގޮސްފިނަމަ ދެރަ ލިބޭނީ އޭނަ އަށެވެ. އެއްވެސް ދިމާއަކުން އޭނައަށް ސަލާމަތެއް ނެތެވެ. އެކަމާ ހުރެ ދައްޔާން އެތެރެއިން އަނދަން ފެށިއެވެ. ޕްރެޝަރު ބޮޑުވެފައި ހުރި އަލިފާން ފަރުބަދައަކާ ތަފާތެއް ނެތެވެ. ފަޅައިގެން ދާނީ ކިހިނެއް ކޮން އިރަކު ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޒަރާރްގެ މުޅި ދިރިއުޅުން އަނދާއަޅިއަށް ހަދާނެ ކަމެވެ.

''ޕްރޮޖެކްޓްގެ ކަންތައް ފަހުން ދާންއަށް ކިޔާލަދޭނަން... ހިނގާބަ ދޮންބެއާއެކު ކުޑަ ބްރޭކެއް ނަގާލަމާ، މިތާ ތިރީގަ ހުންނާނެ ބޭކަރީއެއް، އެތަނުން އެއްޗެއް ކާން ދަމާ...'' ޒަރާރް އެދުނެވެ.

ފާޑަކަށް ބަލަން ހުރެފައި ދައްޔާން ބޯޖެހިއެވެ. ޒަރާރް އޭނައާއެކު ވަގުތު ހޭދަކުރަން މަސައްކަތްކުރާތީ ދައްޔާނަށް ވީ މަޖާ ކަމަކަށެވެ. ޒަރާރް ތަޅުވާލެވޭނެ އުކުޅެއް އޭނައަށް ލިބުނެވެ. އެއާއެކު ތުންފަތް ދެމިލީ ވިހަ ހިނިތުންވުމަކުންނެވެ.

''އިފް ޔޫ އިންސިސްޓް...'' ދައްޔާން ހިނގައިގަތީ ޒަރާރްގެ ފަހަތުންނެވެ.

ބޭރަށް ނިކުންނަމުން ދިލްފާ ގާތު ބްރޭކެއް ނަގާ ވާހަކަ ޒަރާރް ބުންޏެވެ. އޭރު ދައްޔާން ހުރީ ލިފްޓް ކައިރީގައެވެ. ފޯނާ ކުޅެން ހުރެފައި ރިސެޕްޝަން މޭޒަށް އަވަސް ނަޒަރެއް ދިނެވެ. އޭނަގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ދިލްފާއެވެ. އޭނަ އައި އިރުގައި ދިލްފާ ފެންނާކަށް ނެތެވެ. ރިސެޕްޝަނުގައި އިނީ ހަމައެކަނި ޔުމްނާ އެވެ.

ދިލްފާއާ މެދު ދައްޔާނުގެ ހިތުގައި އުފެދުނު ޝައުޤުވެރިކަމާ ގުޅުނީ މުޅިން އެހެން ސަބަބަކާއެވެ. ދިލްފާ އަކީ އޭނައަށް ކަމުދާ އުމުރުގެ އަންހެނެކެވެ. ޒުވާން އުމުރުގެ އަންހެންކުދިންނަށް ވުރެން ބޮޑަށް އޭނަގެ ޝައުޤު ހުންނަނީ އޭނައަށް ވުރެން ދޮށީ އަންހެނުންނަށެވެ. ބުރުސޫރަ ބަލައިލަން ރީތިއްޔާ އެފުދުނީއެވެ. ދިލްފާގެ ހަށިގަނޑުގެ ވަނާތަކަށް ވެސް ދައްޔާން ބެލިއެވެ. ސިންގާއަކު ޝިކާރައަކަށް ފާރަލާ އުސޫލުންނެވެ.

ލިފްޓް އައުމުން ދައްޔާންގެ ފަހަތުން ޒަރާރް ލިފްޓަށް އެރިއެވެ. އެވަގުތު ތަނާލްގެ މެސެޖެއް ޒަރާރްއަށް ލިބުނެވެ. މެންދުރުގެ ކެއުމަށް ގަޑިއާއި ތަން ކަނޑައެޅުމަށް އެދިއެވެ.

''ތަނޫއަށް ކަމުދާ ތަނެއް ރަނގަޅުވާނެ...'' ޒަރާރް ލިޔުނެވެ.

ޒަރާރްއާއި ތަންކޮޅެއް ފަހަތުގައި ހުރި ދައްޔާން، ފޯނާއި ކުޅޭ ކަމަށް ހެދެމުން ކުރިއަށް ޖެހިލައި ޒަރާރްގެ ފޯނަށް ބަލައިލިއެވެ. ވަކި އެއްޗެއް އޭނައަށް ފަހުމުކުރެވޭ ވަރެއް ނުވިއެވެ. އެއަށްވުރެ ކުރިން ޒަރާރް ފޯނުގެ ސްކްރީން ނިއްވާލައިފިއެވެ.

''ހޫމްމްމް، އިންޓްރެސްޓިންގް، ބިޓެއް ހުންނަނީތަ؟، އަނެއްކާ ކާކުބާ؟، ގައިމު މިކޮޅަށް އައިތާ ގިނަ ދުވަހެއް ނުވޭ، މިތާ މަސައްކަތްކުރާ ކުއްޖެއްބާ؟...'' ދައްޔާނަށް އޭނަގެ ޒަމީރާއި ސުވާލުކޮށްލެވުނެވެ. ލޮލުގެ ހިމަކޮޅުން ޒަރާރްއަށް ދައްޔާން ބެލިއެވެ. އޭނައަށް ވުރެން ޒަރާރް ދިގު ވުމުން އެކަމާ ވެސް ހިތްހަމަނުޖެހުނެވެ. ހުރިހާ ކަމެއްގައި ޒަރާރްއާއި ވާދަކޮށް ކުރި ހޯދަން އޭނަ ބޭނުމެވެ.

*****

މެންދުރެވެ. ތަނާލް އިނީ ސޯލްޓް ކެފޭގެ އޯޕެން އޭރިޔާގައި ހުރި މޭޒެއްގައެވެ. ދުވަހަކީ ހޫނު ދުވަހެކެވެ. ވިލާތައް މަދުވެފައި ވައިރޯޅިތައް ހިނދި ދުނިޔެމަތި ހިމޭން ކުރުވާފައި އޮތެވެ. ތަނާލް ބަލަމުން ދިޔައީ ދުރުދުރަށް ދާންދެން ފެތުރިފައިވި ކަނޑަށެވެ. އެކަނޑުގައި ދަތުރުކަމުންދާ އުޅަނދުފަހަރަށެވެ. އެއުޅަނދެއްގެ މަންޒިލާ މެދު އޭނަ ވިސްނިއެވެ. ޚުދު އޭނަގެ ހަޔާތުގެ މަންޒިލާ މެދުގައި ވެސް ފިކުރު ހިންގާލެވުނެވެ. ދިއިރުޅުމަށް ކުރިމަތިވި ހީނުކުރާ ފަދަ ޒަލްޒަލާއާއެކު، ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް ތަސައްވަރުކޮށްލެވުނެވެ. މިއަދު އާދެވިފައި ހުރި ހިސާބަށް އޭނައަށް އާދެވުނީ ކެތްތެރިކަމާއެކުގައެވެ. އެފަދަ ޚިޔާލެއްގައި ވަނިކޮށް އުޑުގައި ދަތުރުކުރަމުން ދިޔަ ވިލާގަނޑަކަށް ތަނާލްގެ ނަޒަރު ހުއްޓުނެވެ. އެމަންޒަރުން އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ގެނެސްދިނެވެ. އެއާއެކު މޮޅިވެރިކަމުގެ އަނދިރިކަމަށް ނިމުމެއް އަތުވެއްޖެއެވެ.

''ސޮރީ އިނގޭ، ޓްރެފިކްގެ ސަބަބުން ލަސްވީ...'' ޒަރާރްގެ އަޑާއެކު ތަނާލްއަށް ބަލައިލެވުނެވެ. ކުރިމައްޗަށް ވާހެން ހުރި ގޮނޑީގައި ޒަރާރް އިށީނެވެ. ހޫނުގެ ސަބަބުން ޒަރާރް ހުރީ ދާހިތްލާފޯވެފައެވެ. ލައިގެން ހުރި ގަމީހުން އެކަން ހާމަކޮށްދެއެވެ. ނިއްކުރީގައި ވެސް ދަލުގެ އަސަރު ހުއްޓެވެ.

''އެތެރެއަށް ދާންވީ ދޯ؟...'' ތަނާލް އިޝާރާތްކޮށްލިއެވެ. ފިނިކޮށްލަން ޒަރާރް ބޭނުންވާނެކަމަށް ހީކޮށްފައެވެ.

''ޔެސް!، މިއަދު ވަރަށް ހޫނު ދުވަހެއް...'' ޒަރާރް އަވަސްއަވަހަށް ބުންޏެވެ. ގޮނޑިން ވެސް ތެދުވެއްޖެއެވެ. ޒަރާރްއަށް ބަލަމުން ދިޔަ ތަނާލްއަށް ހެވުނެވެ.

އޭސީގެ ފިނީގައި އިށީނދެވުމާއެކު ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލެވުނެވެ. ފިނިކަމުން ލިބުނު އަރާމާއެކު، ޒަރާރް ދެލޯ މަރާލިއެވެ. ތަނާލް ބަލަމުންދާކަން ޒަރާރްއަށް އިހުސާސް ކުރެވުމާއެކު އެއް ލޯހުޅުވާލިއެވެ.

''ތަނޫގެ ދުވަސް ދަނީ ކިހިނެއް؟...'' ހަށިގަނޑު ސީދާކޮށްލަމުން ޒަރާރް އެހިއެވެ.

''ގޯހެއް ނޫން...'' ތަނާލް ބުނެލިއެވެ. އެއާއެކު ޒަރާރް އެއްބުމަ އަރުވާލިއެވެ.

''ހުރިހާ ކަމެއް ވެސް ރަނގަޅޭ، ސަމާސާއެއްކޮސްލެވޭކަށް ވެސް ނޯވެޔޭ... ދެން ދައްކަބަލަ، އަހަރެން ބޭނުން ޒަރާރްގެ އިވެންޓް ޓީމުގެ ސެލެކްޝަންސް ބަލައިލަން...'' ތަނާލް ބުންޏެވެ.

ވެއިޓަރު އައުމުން ކެއުމަށް އޯޑަރު ކުރެވުނެވެ. އޭނަ ގެނައި ފައިލު ޒަރާރް ހުޅުވާލީ ދެނެވެ. ތަނާލްގެ ޚިޔާލު ބޭނުންވާ ކަންތަކާ ގުޅިގެން މަޝްވަރާ ކުރެވުނެވެ. ހަފްލާގެ ތީމާއި ޒީނަތްތެރިކުރުމަށް ބޭނުންކުރެވޭ ހުރިހާ އެއްޗެއް ތަނާލް އެދުނު ފަދައަކުން ކުރިއަށް ގެންދަން ޒަރާރް ހުރީ ތައްޔާރަށެވެ. ކޮންމެ ކަމެއް ނިންމުމަކަށްފަހު އެކަމާ ގުޅުވައިގެން ހަފްލާއަށް ގެނެވޭނެ ފުރިހަމަކާ ގުޅިގެން ތަނާލް އިތުރު މަޢުލޫމާތު ދެއެވެ. ވާހަކައިގައި އިނދެފައި ޒަރާރްގެ ގާތަށް ތަނާލް ގޮނޑި ކައިރިކޮށްލިއެވެ. ތަނާލްގެ ފަރާތުން ޒަރާރްއަށް ފެނުނީ މުޅިން ތަފާތު މިޒާޖެކެވެ. އެބަދަލު ޒަރާރްއަށް ކަމުދިޔައެވެ. ހިނިތުންވުމަކާއެކު ތަނާލްގެ ވާހަކަތައް އަޑުއަހަން ޒަރާރް އިނެވެ.

''ފްލޯރަލް އެރޭންޖްމެންޓް ނަގާއިރު ބައެއް ފަހަރު މާތަކާ ގުޅިފައި ހުންނަ މާނަތަކަށް މީހުން ސަމާލުކަން ދޭނެ...'' ތަނާލް ބުނެލިއެވެ.

''ތަނޫ އެފަދަ ކަންތައް ޤަބޫލުކުރަންތަ؟...'' ޝައުޤުވެރިކަމާއެކު ޒަރާރް އެހިއެވެ.

''އެހެނެއް ނޫން، ދެން ހުންނާނެތާ އެކިމީހުންގެ އެކި ވިސްނުން، މާތަކަ ގުޅިފައި ހުންނަ މާނަތައް ބައެއްފަހަރު ފުންވެގެންދޭ...'' ދުރު ހަނދާނެއް ތަނާލްގެ ސިކުނޑީގައި ކުރެހުނެވެ. އޭނައާއި ހިދާންގެ ކައިވެންޏަށް ތައްޔާރުވި ދުވަސްކޮޅެވެ. މާތަކާއި ގުޅިގެން ކުރެވުނު މަޝްވަރާތަކެވެ. ލޯބީގެ އާލަމުގައި ފިޔަޖަހަމުން ދިޔަ އެޖާދުވީ ދުވަސްތަކެވެ. މޮޅިވެރިކަމުގެ ހިޔަނި ތަނާލްގެ ދެލޮލަށް އެޅުން ނެގީ ހިނދުކޮޅެކެވެ.

''ތަނޫ؟...'' ތަނާލްގެ ހިމޭންކަމުން ޒަރާރް ސުވާލު އުފެދުނެވެ. އެމޫނުން ފެނުނު ޝުޢޫރުތައް ދެނެގަންނަން ޒަރާރްއަށް އުނދަގުލެއް ނުވިއެވެ.

''ބްރޭކެއް ނަގާލަމާ...'' ފައިލު ލައްޕާލަމުން ޒަރާރް ބުނެލިއެވެ. މާޒީގެ އުދާސްތައް ތަނާލްގެ ދެލޮލުން ފާޅުވުމުން ޒަރާރް ދެރަވިއެވެ. އެހިތާމަތަކަށް ލުޔެއް ގެނެސްދެވޭނީ ކިހިނެއް ހެއްޔެވެ؟ ތަނާލްގެ މާޒީއާއި ގުޅިގެން އިތުރަށް ސުވާލުކުރަންވީ ހެއްޔެވެ؟ ފިރިމީހާގެ މަރުން ތަނާލްއަށް ކޮށްފައިވާ ފުން އަސަރުތައް ޒަރާރްއަށް ފާހަގަ ކުރެވުނެވެ. އޭނަގެ ހިތަށް ތަކުލީފު ލިބުނީ ތަނާލްގެ ހަޔާތުން ހިދާންއަށް ދެވިފައިވާ ހާއްސަ މަޤާމު ފަހުމުވުމުންނެވެ. އޭނަގެ ޚިޔާލުތައް ގެންދަން އުޅުޏު ރާސްތާ ޒަރާރްއަށް ކަމަކުނުދިޔައެވެ. އެއާއެކު ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ.

ކާއެއްޗެހި އައުމުން ކެއުމަށް އިންސާފުކުރެވުނެވެ. އެދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ޒަރާރް އިނީ މައުޟޫޢުގެ ނާޒުކުކަމުން ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ބުނެވޭ އެއްޗަކުން ތަނާލްގެ މާޔޫސްކަން އިތުރުވެދާނެތީ އެވެ.

''ބޭނުންތަ އިވެންޓަށް އަންނަން؟...'' ޒަރާރް ދަޢުވަތު ދިނެވެ. އޭނަގެ ސިކުނޑިއަށް އައި ހަމައެކަނި އެއްޗަކީ އެއެވެ.

އުލުގައި އޮޅަން އުޅުނު ސްޕެގެޓީކޮޅު ތަށީގެ ތެރެއަށް ދޫކޮށްލަމުން ތަނާލް އިސްއުފުލާލިއެވެ.

''ޒަރާރްގެ ދަޢުވަތެއް ވީމަ ޤަބޫލުކުރަންތާ ޖެހޭނީ...'' ހިނިތުންވެލަން ތަނާލް މަސައްކަތްކުރިއެވެ.

''އައިމް ސީރިޔަސް...'' ތަނާލް ސަމާސާކުރަން އުޅޭތީ ޒަރާރްއަށް ބުނެވުނެވެ. ތަނާލްގެ ހިތާމަތައް އޭނައާއި ހިއްސާކުރުމަށް ވެސް އެދުވުނެވެ. ޒަރާރްގެ މޫނުނުން އެކަމުގެ ލިސާންތައް ފާޅުކޮށްދިނެވެ.

''އަހަރެން ވެސް...'' ތަނާލް ބުނެލިއެވެ. ކެއުން މަޑުޖައްލާފައި ޒަރާރްއަށް ތަނާލް ބަލައިލިއެވެ. ''މާތަކުގެ ވާހަކަ ދެކެވުނީމަ ހަނދާންވީ ކައިވެންޏަށް ތައްޔާރުވި ދުވަސްތައް...''

''ތަނޫ...'' ހިތްވަރުދޭ ފަދައަކުން ޒަރާރް ގޮވާލިއެވެ. ''ވުޑް ޔޫ ލައިކް ޓު ޝެއާރ ވިތް މީ...''

ފަނޑު ހިނިތުންވުމަކާއެކު ތަނާލް ބޯޖެހިއެވެ. އަދި އޭނަގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހުގެ ހަނދާންތައް ޒަރާރްއާއި ހިއްސާކޮށްލިއެވެ. އެހިނދު ތަނާލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

މޭޒުމަތީ ހުރި ފެންޖަގުން ތައްޓަކަށް ފެންއަޅައި ތަނާލްގެ އަތަށް ޒަރާރް ދިއްކޮށްލިއެވެ.

''ތެންކިއު ފޯރ ދެޓް، އައި ފީލް ބެޓާރ...'' ފެންތަށިން ކޯވަރެއް ބޮމުން ތަނާލް ބުނެލިއެވެ.

ތަނާލް ހަމަޖެހުމުން ޒަރާރްއަށް ހިނިތުންވެވުނެވެ. އެހިސާބުން އިވެންޓްގެ މަޝްވަރާތައް މެނދުކަނޑާލަން އުޅުނަސް ތަނާލް އެއްބަހެއް ނުވިއެވެ. އެންމެފަހުން ޒަރާރް ހަތިޔާރު ބެހެއްޓީ ތަނާލްގެ ބޯހަރުކަމުންނެވެ.

''ޒަރާރްއަށް މިތަނުން ކަމުދަނީ ކޮންކަހަލަ މަލެއްތަ؟...'' ފައިލަށް އިޝާރާތްކޮށް ތަނާލް އެހިއެވެ. އެއާއެކު ފުން ވިސްނުމަކަށް ޒަރާރް ގެއްލުނެވެ. ޖަވާބެއްގެ އިންތިޒާރުގައި ތަނާލް އިނީ ޒަރާރްގެ މޫނަށް ނަޒަރު ހުއްޓައިގެންނެވެ.

''ޕިއަނީޒް...'' ޒަރާރް ބުނެލިއެވެ.

''އިންޓްރެސްޓިންގް...'' ތަނާލް ބުންޏެވެ.

''ކޮންކަމަކާ؟...'' ލިބުނު ހައިރާންކަމުގައި ޒަރާރްއަށް އެއްބުމަ އަރުވާލެވުނެވެ.

''ޕިއަނީޒް ރިޕްރެޒެންޓް ނިއު ބިގިނިންގްސް...'' ތަނާލް ބުނެދިނެވެ. އޭނައާއި ޒަރާރްގެ އެކުވެރިކަން ފަދައިންނެވެ.

''އަލަށް މިއެނގުނީ، ދެން މަލުގެ މައުލޫމާތު ހޯދަން އަންނާނީ ތަނޫ ގާތަށް...'' ޒަރާރް ބުނެލުމާއެކު ތަނާލްއަށް ހެވުނެވެ. ތުންފަތް މަތީގައި އަތް ހުރަސްކޮށްލެވުނީ ކާން އިނުމުންނެވެ. ތަނާލްއަށް ބަލަމުން ޒަރާރްއަށް ވެސް ހެވިއްޖެއެވެ. މެންދުރުގެ ކެއުން ނިމުނީ އުފާވެރި މާހައުލެއްގެ ތެރޭގަ އެވެ.

(ނުނިމޭ)