(22 މެއިގެ އަދަދާ ގުޅޭ)

އިރުކޮޅެއްގެ ފަހުން ރަންބީރު އޮންނެވީ އޭނާގެ މޭޒުބާންގެ ގަނޑުވަރުގެ ކޮޓަރިކޮޅެއްގައި ގަދަ އަވަހާރަފުޅުގައެވެ. ޕޫރަންޗަންދު މަތީބުރީގެ ކޮޓަރިއެއްގައި އޭނާގެ އަނބިކަނބަލުންނާ ވާހަކަފުޅު ދައްކަވަމުން ގެންދަވަނީއެވެ. "ކަލާނގެ ކިބަފުޅަށް ޝުކުރު ހުއްޓެވެ. އަޅުގަނޑުމެންގެ ނޯކަރުން ކުރެ އެކަކަށް ވެސް އޭނާ އޮޅުމެއް ނުފިލިއެވެ. ޖޭކްރިޝަނަކީ ވަރަށް ގޮތްކުޑަ ބޭފުޅެކެވެ. އޭނާއަށް މޯހަންޗަންދުގެ ދަރިކަލުން އަޅުގަނޑުމެންގެ ގާތުގައި މަޑު ކުރެއްވިކަން އެނގިވަޑައިގެންފި ކަމުގައި ވާނަމަ މުޅި ޢުމުރަށް އަޅުގަނޑުގެ ދުޝްމަނަކަށް ވެވަޑައިގެންފާނެއެވެ. މިހާރު އަޅުގަނޑު އެންމެ ފިކުރު ބޮޑު ވަނީ ހެނދުނު ރަންބީރު ތެދު ވެވަޑައިގަތުމުން އޭނާގެ ގަނޑުވަރު ވީރާނާ ވި ވާހަކަ ދަންނަވާނެ ގޮތަކާ މެދުގައެވެ. އޭނާ ފަރީއްކުޅުއްވާން އިންނެވި އިރު ވެސް އެ ވާހަކަ ދަންނަވައިފާނަމޭ އެތައް ފަހަރަކު އަޅުގަނޑުގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ މޫނުފުޅު ފެނުމުން އަޅުގަނޑަށް އެއްގޮތަކަށްވެސް އެ ވާހަކަ ދަންނަވާކަށެއް ނުކެރުނެވެ. އަނެއްކާ ހުރިހައި ކަމެއް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައި ވެސް އޭނާ އެ ރަށަށް ވަޑައިގަންނަވާން އުޅުއްވައިފާނެތި ވެސް އަޅުގަނޑު ބިރު ގަނެއެވެ. އަޅުގަނޑަށް އޭނާއާ އެހީ ވެވޭނެ ނަމަ ހާދަ ރަނގަޅޭ ހިތަށް އަރައެވެ. ނަމަވެސް ޖޭކްރިޝަން ކަހަލަ ބޭފުޅަކާ ދުޝްމަން ވުމަކީ ފަރުބަދައެއްގައި ބޯތެޅުން ކަހަލަ ކަމެކެވެ."

އަމީރު ޕޫރަންޗަންދުގެ އަނބިކަނބަލުން ވިދާޅުވިއެވެ. "މަނިކުފާނު ފިކުރުފުޅު ބޮޑު ނުކުރައްވާށެވެ. އަޅުގަނޑު ކޮންމެވެސް އެހެން ދިމާޔަކަށް ވަޑައިގަތުމަށް އޭނާއަށް ނަސޭހަތްޕުޅު އަރުވައިފާނަމެވެ."

އިރަށް ދޮން ކޮށްލުމާ އެކު އަމީރު ޕޫރަންޗަންދާއި އޭނާގެ އަނބިކަނބަލުން ރަންބީރު އޮންނެވި ކޮޓަރިކޮޅަށް ވަދެވަޑައިގެންފިއެވެ. ޕޫރަންޗަންދުގެ އަނބިކަނބަލުން ވިދާޅުވިއެވެ. "މަނިކުފާނު މީނާޔަށް އަހެއް ތައްޔާރު ކުރައްވާށެވެ. އަޅުގަނޑު މީނާ ހޭފުޅު އަރުވައިފައި ވިސްނައިދޭނަމެވެ."

ޕޫރަންޗަންދު ތިރިޔަށް ފައިބައިވަޑައިގެން، ގަނޑުވަރުގެ ގޯތިތެރެޔަށް ނުކުމެވަޑައިގަތުމާ އެކު ނޯކަރެއް ކުރިފުޅުމައްޗަށް ހުއްޓި ދެއަތް ޖޯޑު ކޮށްފައި ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! ރޭގައި މަނިކުފާނު އަވަހާރަފުޅަށް އޮންނަވަނިކޮށް އަސްވާރެއް އައެވެ. އޭނާ އަޅުގަނޑުމެންނާ ސުވާލު ކުރިއެވެ. ކަލޭމެންގެ އަމީރުގެ އަރިހުގައި ހުރި މެހުމާނަކީ ކާކުހެއްޔެވެ؟ އަޅުގަނޑު އަހަންނަކަށް ނޭނގެޔޭ ބުނުމުން އޭނާ މަނިކުފާނުގެ ފައިވާންފުޅު ދެކޭން އުޅުނެވެ. ނަމަވެސް މަނިކުފާނު އަވަހާރަފުޅަށް އޮންނަވަނިކޮށް ދެންނެވުން ރަނގަޅު ކަމުގައި އަޅުގަނޑަށް ނުފެންނާތީ އެ ވާހަކަ ބުނުމުން އޭނާ ބުންޏެވެ. "އަސްލުގައި އަހަރެން ހޯދާން ބޭނުން ވަނީ ކަލޭގެ އަމީރުގެ އަރިހުގައި ހުރި މެހުމާނެވެ." އަޅުގަނޑު ޖަވާބު ދިނީމެވެ. އޭނާ އޮންނެވީ މެހުމާންސަރާއަކު ނޫނެވެ. ގަނޑުވަރުގެ އެތެރޭގައެވެ. އަޅުގަނޑަކަށް މި ވަގުތަކު އެތަނަކަށް ނުވަދެވޭނެއެވެ. ކަލޭ އަހަރެމެންގެ ގާތުގައި ރޭ ކޮށްލައިފައި ހެނދުނު އޭނާއާ ބައްދަލު ވާށެވެ. ނަމަވެސް އޭނާ ތިމަންނާ ވަރަށް ދުރަށް ދާން ޖެހެޔޭ ބުނެފައި ހިނގައްޖެއެވެ. އޭނާ ނުކުތުމުން އަޅުގަނޑު ދޮރޯށިތެރެއިން ސިއްރުން ބަލައިލި އިރު ތަންކޮޅެއް ދުރުގައި ދެ ސަވާރުން މަޑު ކޮށްލައިގެން ތިއްބެވެ. އެބައިމީހުން އިރުކޮޅަކު ވާހަކަ ދައްކާން ތިބެލައިފައި ހިނގައްޖެއެވެ. އަޅުގަނޑަށް އެބައިމީހުންނާ މެދު ޝައްކު ވެގެން، ހުރިހައި ނޯކަރުންނަށް ހުޝިޔާރު ވެތިބޭން އަންގައިފައި ރަށުތެރޭގައި ބުރު ޖަހައިލީމެވެ. ރަށުގެ މީހުންނަށް ވެސް ރޭގަނޑު ވިސްނައިގެން ތިބުމަށް އެންގީމެވެ. ރަށުތެރޭގެ ބައެއް މީހުން އަޅުގަނޑު ގާތު ބުނި ގޮތުގައި ތަންކޮޅެއް ކުރީން ތިން އަސްވާރުން މި ރަށުން ބޭރު މީހަކު ދުށްތޯ އެމީހުންނާ ސުވާލު ކޮށްހެދިއެވެ."

"ކަލޭ ތިޔަ ހެދީ ވަރަށް ބޮޑު ގޯހެކެވެ. އަހަންނަށް ތިޔަ ޚަބަރު ވަގުތުން ދޭން ޖެހޭނެއެވެ. ދެން އަވަހަށް ގޮސް އަސްގުދަނުން ރަނގަޅު އަހެއް ގެންނާށެވެ." މިހެން ވިދާޅުވެފައި ޕޫރަންޗަންދު ދުވެވަޑައިގެންފައި ވަޑައިގެން ރަންބީރުގެ ކޮޓަރިކޮޅަށް ވެދެވަޑައިގެން މާނޭވާފުޅު ލައްވަމުން ވިދާޅުވިއެވެ. "ރަންބީރެވެ! މަނިކުފާނު އަވަހަށް ވަޑައިގަންނަވާށެވެ. ރޭގައި މަނިކުފާނު ހޯދާން އަސްވާރުންގެ ބަޔަކު އައެވެ. މަނިކުފާނު އެބައިމީހުން މަނިކުފާނުގެ ފަހަތްޕުޅުން އަންނަ ވާހަކަ ވިދާޅުނުވީ ކީއްވެގެންތޯއެވެ؟"

އަމީރުގެ އަނބިކަނބަލުން ވިދާޅުވިއެވެ. "ރަންބީރު އަޅުގަނޑު ގާތު ހުރިހައި ވާހަކައެއް ވިދާޅުވެއްޖެއެވެ. ޖޭކްރިޝަންގެ މީހުން އޭނާގެ ފަހަތްޕުޅުން މި ހިސާބަށް އައީކަމުގައި ވުން އެކަށީގެން ވެއެވެ. ނަމަވެސް މިހާރު ރަންބީރުގެ ފުރާނަފުޅު ސަލާމަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ."

ޕޫރަންޗަންދު ރަންބީރާ ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "މަނިކުފާނު މަނިކުފާނުގެ ރަށަށް ވަޑައިގަތީތޯއެވެ؟"

"އާދޭހެވެ! އަޅުގަނޑު މި އައީ މަރުގެ ތުންފަތްމަތީން ސަލާމަތް ވެގެންނެވެ. ނަމަވެސް ޖޭކްރިޝަންގެ މީހުން އަޅުގަނޑު ހޯދާން މި ހިސާބަށް ވެސް އަންނާނެޔެކޭ އަޅުގަނޑު ހިއެއް ނުކުރަމެވެ."

"މަނިކުފާނު ތިޔަ ވަޑައިގަތީ ޖޭކްރިޝަންގެ އަތްޕުޅުދަށުން ސަލާމަތް ވެވަޑައިގެން ކަމުގައި ވާނަމަ ހަނދުމަފުޅު ކުރައްވާށެވެ. މިހާރު އޭނާގެ މީހުން މި ރަށް ވާނީ ވަށައިލައިފައެވެ. މަނިކުފާނު ވަޑައިގެންފައި އަޅުގަނޑުގެ ގާތުގައި ހުރިހައި ވާހަކައެއް ވިދާޅުވި ނަމަ، މިހާރު އަޅުގަނޑު މަނިކުފާނު އެތައް ކޯހެއްގެ ދުރަށް ފޮނުވައިލައިފީމުހެވެ. އަވަހަށް އަޅުގަނޑާ އެކު ވަޑައިގަންނަވާށެވެ."

+ + + +

ރަންބީރު އެއްވެސް އެއްޗެކޭ ވިދާޅުނުވެ އަމީރުގެ ފަހަތްޕުޅުން ވަޑައިގެންފިއެވެ. އަސްގުދަނުގެ ކުރިމަތީގައި ނޯކަރެއް އަހެއް ގޮވައިގެން ހުއްޓެވެ. ރަންބީރު ވަޑައިގެން އަހުގެ ލަގަނުގައި ހިއްޕަވައިފައި އޭނާގެ މޭޒުބާނާ ދިމާޔަށް ވިދާޅުވިއެވެ. "އަޅުގަނޑަށް މުޅި ޢުމުރުގައި ވެސް މަނިކުފާނުގެ ހެޔޮފުޅުކަމުގެ ބަދަލު އަދައެއް ނުކުރެވޭނެއެވެ."

"އަޅުގަނޑު މި އަދާ ކުރަނީ ރާޖުޕޫތެއްގެ ވާޖިބެވެ. ކަލާކޮށްޓަކައި އަވަހަށް ވަޑައިގަންނަވާށެވެ. މިއީ ވާހަކަފުޅު ދައްކަވާންވީ ވަގުތެއް ނޫނެވެ. މަގުމަތީން މީހަކު މަނިކުފާނުގެ ފަހަތްޕުޅުން ދާ ނަމަ، ދެކުނު އިރުމަތީން ޖަންގައްޔަށް ވެދެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވާށެވެ."

ރަންބީރު އަހުގެ ރިކާބުގައި ފައިންޕުޅު އެޅުއްވިތަނާ، ރަށުތެރެއިން ކުއްތާތައް ހޭރޭން ފެށި އަޑާއި އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވޭން ފަށައިފިއެވެ. ދޮރޯށްޓާ ދިމާއިން މީހަކު ދުވެފައި އައިސް ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! ހަތިޔާރު އެޅި އަސްވާރުންގެ ބަޔަކު ގަނޑުވަރުގެ ވަށައިގެން އެބަ ޖަމާ ވެއެވެ. އެއް ބަޔަކު ދޮރުމަތީގައި އެބަ ތިއްބެވެ. އަޅުގަނޑު ދޮރެއް ނުހުޅުވީމެވެ. ހީވަނީ އެބައިމީހުން ގަނޑުވަރަށް އަރައިގަންނާން އުޅެނީހެންނެވެ."

"އެމީހުން އައީކަން ނޭނގެއެވެ." ޕޫރަންޗަންދު ކަންބޮޑު ވެވަޑައިގެން ވިދާޅުވިއެވެ.

ރަންބީރު އެއްވެސް ޖެހިލުން ވެވަޑައިގަތުމެއް ނެތި ކަނޑިކޮޅު އުރައިން ދަންމަވައިގެން އަހުގެ ކޮލީގައި ފައިންޕުޅުން ޖައްސަވައިފިއެވެ. ހަވޭލީން ނުކުމެވަޑައިގަތުމާ އެކު، ރަންބީރަށް އޭނާގެ ވާތްޕުޅު ފަރާތުން ގޯޅިއެއްގެ ތެރެއިން ސަވާރުންގެ ބަޔަކު ފެނިވަޑައިގެންފިއެވެ. އޭނާ ކަނާތްޕުޅު ފަރާތުގައި އޮތް ހަނި ގޯޅިއަކާ ދިމާޔަށް އަސް އަނބުރުއްވައިލައްވައިފިއެވެ. އަސްވާރުން ހަޅޭއްފަޅޭއް ލަވަމުން އޭނާގެ ފަހަތްޕުޅުން އަސް ދުއްވައިލައިފިއެވެ. އިރުކޮޅެއްގެ ފަހުން ހަތަރު އަނގޮޅިއަކާ ހަމައިން ހަނި ދެ ގޯޅިއެއްގެ ތެރެއިން އެއް ގޯޅިން ރަންބީރަށް އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. އޭނާ އަވަހަށް އަނެއް ގޯޅީގެ ތެރެޔަށް ވެދެވަޑައިގެންފިއެވެ. އިރުކޮޅެއްގެ ފަހުން އޭނާއަށް އެ ގޯޅީން ނުކުމެވަޑައިގެންނެވި، ހާމަ ތަނަކާ ހަމަޔަށް ވަޑައިގެންނެވުނު އިރު، އަސްވާރުންގެ ތިން މީހުން ދުނިދަނޑީގައި ދުނި ރުވައިގެން ތިއްބެވެ. އޭނާ އަސްދާނުގޮނޑީގައި އޮށޯ ވެވަޑައިގެން ދުނިން ސަލާމަތް ވެވަޑައިގަތުމަށް މަސައްކަތް ކުރެއްވިއެވެ. ދެ ދުނި އޭނާގެ ގައިކޮޅުގެ މަތީން ހިނގައްޖެއެވެ. އެއް ދުނި އޭނާގެ ކަނދުރާފުޅާ ދިމާއިން މުލައްދަނޑިފުޅުގެ ހަމުގައި ބީހެމުން ހިނގައްޖެއެވެ. އެޔަށްފަހު މާ ގިނަ އިރެއް ނުވެ އެއް އަސްވާރު އޭނާގެ ބާރު ފޯރުއްވޭ ހިސާބަށް އަތުވެއްޖެއެވެ. ރަންބީރު ކަނޑިއެތިފަހަރަކުން އޭނާ އަސްމަތީން ވައްޓަވައިލައްވައިފިއެވެ. އޭނާގެ ދެ އެކުވެރީން ކަނޑި އުރައިން ދަމައިނުގަނެވިގެން އުޅެނިކޮށް ރަންބީރު އެމީހުން ފަސް ދެއްވައިފައި ވަޑައިގެންފިއެވެ. އެ ހިސާބުން ރަށުގެ އެކި މަގުމަގާއި އެކި ދިމަދިމާއިން ތިރީހަކަށް ސަވާރުން އޭނާގެ ފަހަތްޕުޅުން އަސް ދުއްވައިލައިފިއެވެ.

ރަންބީރު ގާތްގަނޑަކަށް ދެ ކޯހެއްހައި ހިސާބަށް ވަޑައިގެންނެވި އިރު، ފަހަތްޕުޅުން އަންނަ މީހުންނަށް ވުރެ ވަރަށް ބޮޑު ތަން ކުރިޔަށް ނުކުމެވަޑައިގެންނެވިއްޖެއެވެ. އަނެއްކާވެސް ބައި ކޯހެއްހައި ހިސާބަށް ވަޑައިގެންނެވުނުތަނާ އޭނާއަށް ވާއަތްޕުޅު ފަރާތުންނާއި ކަނާތްޕުޅު ފަރާތުން ކުޑަކުޑަ ދެ އަވަށް ފެނިވަޑައިގެންފިއެވެ. ކުރިފުޅުމަތީގައި އޮތީ ވަރަށް ބޮޑު ބޯ ޖަންގައްޔެކެވެ. އެއީ އޭނާގެ އެންމެ ފަހުގެ އުއްމީދެވެ. އޭނާ އެއް އަވަށެއްގެ ކައިރީން ވަޑައިގަންނަވަނިކޮށް ކުއްލިޔަކަށް އަށް ސަވާރުންގެ ޖަމާޢަތެއް ފެނިވަޑައިގެންފިއެވެ. ރަންބީރު ހަނި މަގު ދޫ ކޮށްލައްވައިފައި އެއް ފަރާތަކުން އެބައިމީހުންގެ އަތްދަށުން ނުކުމެވަޑައިގެންނެވޭތޯ ބެއްލެވިއެވެ. ނަމަވެސް އެބައިމީހުން ވަރަށް އަވަހަށް އޭނާގެ މަގު ބައްދައިލައިފިއެވެ. މިހާރު ރަންބީރަށް ހާމަ މައިދާނެއްގައި އެބައިމީހުން ފަހަތުން ފިލުވައިލެއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވެއެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ރަށާ ދިމާޔަށް އަނބުރައިލައްވައިފައި ގަސްތައް ގިނަ ބަގީޗާއެއްގެ ތެރެއިން ލައްވައިފައި ވަޑައިގެން ޖަންގައްޔަށް ވަދެވަޑައިގެންފިއެވެ. އަސްވާރުންގެ އާ ޖަމާޢަތް އޭރު ވެސް އޭނާގެ ފަހަތްޕުޅުން އާދެއެވެ. އެބައިމީހުން މަސައްކަތް ކުރަނީ ދެ ފަރާތުން ރަންބީރު ވަށައިލެވޭތޯއެވެ. ޖަންގަލީގެ ގަސްގަހާގެއްސަށް ރަންބީރަށް ޙިމާޔަތް ދެވޭނެ ހިސާބު އަދި ތަންކޮޅެއް ދުރެވެ. ދެ އަސްވާރުން ރަންބީރުގެ ކަނާތްޕުޅު ފަރާތުން ވަށައިލައިފައި ކުރިޔަށް އަރައިފިއެވެ. އެބައިމީހުން ކުއްލިޔަކަށް އެނބުރިފައި އޭނާއާ ޙަމަލަ ދީފީއެވެ. ރަންބީރު އެއް ސަވާރު ޤަތުލު ކުރައްވައިފިއެވެ. ދެވަނަ މީހާ ބިރުން އެއް ފަރާތަކަށް އަރައިފިއެވެ. އެހައިތަނުން ދެން ތިބި މީހުން އައިސް އޭނާ ވަށައިލައި، އެކަކު އަނެކަކަށް އިސް ވެ ޙަމަލަ ދިނުމަށް އިޝާރާތް ކުރާން ފަށައިފިއެވެ.

ސަވާރުންގެ މީހަކު ބުނެފިއެވެ. "ދެން ސަލާމަތް ވެވަޑައެއްނުގެންނެވޭނެއެވެ. އަވަހަށް ކަނޑިކޮޅު އެއްލައިލައްވާށެވެ."

"ކަލޭމެންގެ ތެރެއިން އަހަރެން ކަނޑި އެއްލައިލާތަން ދެކޭން ތިބެވޭނީ ދާދި މަދު މީހަކަށެވެ." މިހެން ވިދާޅުވެފައި ރަންބީރު އަހުގައި ފައިންޕުޅުން ޖައްސަވައިފިއެވެ. އޭނާ އެއް ފަރާތަކަށް ޙަމަލަ ދެއްވައިފިއެވެ. އޭނާގެ އަތްޕުޅުދަށު ވި ސަވާރު އަހާއިގެން ފުންމައިގެން އެއް ފަރާތަކަށް އަރައިފިއެވެ. ރަންބީރު އަނެއްކާވެސް އެމީހުންގެ ގޮނީގެ ތެރެއިން ނުކުމެވަޑައިގެންފިއެވެ. އަސްވާރުން އެކަކު އަނެކަކަށް އެއްޗެތި ގޮވަމުން އޭނާގެ ފަހަތްޕުޅުން އަސް ދުއްވައިލައިފިއެވެ. ސަވާރުންގެ އެކަކު ރަންބީރާ ކައިރި ކޮށްފައި ފަހަތްޕުޅުން ލޮންސި ޖަހާން ތައްޔާރު ކޮށްލިތަނާ، ކުރިމަތީން ގަސްތަކެއްގެ ތެރެއިން ވައި ކަފައިލައިފައި އައި ދުންޏެއް އެމީހާގެ މެޔަށް ހެރިއްޖެއެވެ. އެޔަށްފަހުގައި ވިދިވިދިގެން އެތައް ދުންޏެއް އަތުވެއްޖެއެވެ. އިތުރު ތިން ސަވާރުން މަރު ވެގެން ވެއްޓިއްޖެއެވެ. ދެން ތިބި މީހުން އަސް އަނބުރައިލައިފައި ހަޅޭއްލަވަމުން ޖަންގަލީން ބޭރަށް ނުކުމެއްޖެއެވެ. އޭރު ޖޭކްރިޝަންގެ ލަޝްކަރުގެ ދެން ތިބި މީހުން ވެސް ޖަންގަލީގެ ކައިރިޔަށް އަތުވެއްޖެއެވެ. ޕިޔާރޭލާލް ލަޝްކަރުގެ ކޮމާންޑަރެއްގެ ހައިސިއްޔަތުން އަހަމުން ގެންދިޔައީ އެބައިމީހުންގެ ޢަދާވާތްތެރިޔާ ހުންނެވީ ގިނިކަންޏާއެއް ނޫންކަމާއި، މި ޖަންގަލީގެ ކޮންމެ ގަހެއްގެ ދަށުގައި އޭނާގެ ދުނިދަނޑިވެރިޔަކު ފިލައިހުރި ޚަބަރެވެ.

ރަންބީރު އޭނާގެ އަސް މަޑު ކޮށްލައްވައިފިއެވެ. އޭނާ ޙައިރާންފުޅު ވެވަޑައިގެން އެތަންމިތަން ހޯއްދަވާން ފަށްޓަވައިފިއެވެ. އެ ވަގުތު ޒުވާނެއް ދުނިދަނޑިއެއް ހިފައިގެން ގަސްތަކުގެ ތެރެއިން ނުކުމެ ހީނލައިފައި ރަންބީރާ ދިމާޔަށް އަތުވެއްޖެއެވެ.

"މަނިކުފާނުގެ ފަހަތްޕުޅުން އަންނަނީ ކިތައް މީހުންތޯއެވެ؟" ޒުވާނާ ސުވާލު ކުރިއެވެ.

"ތިރީހަކަށް ސާޅީހަކަށް މީހުންނެވެ." ރަންބީރު ޖަވާބު ދެއްވިއެވެ.

"އަޅުގަނޑަށް ހީވާ ގޮތުގައި ދެން ތިބި މީހުން ޖަންގައްޔަށް ވަނުމުގެ ކުރީގައި ވަރަށް ގިނަ އިރު ވިސްނާނެއެވެ. މަނިކުފާނު އަޅުގަނޑުގެ ފަހަތުން ވަޑައިގަންނަވާށެވެ." މިހެން ބުނެފައި އެ ކާކުކަން ނޭނގޭ މީހާ އެއް ފަރާތަކަށް ހިނގައިގެންފިއެވެ. ރަންބީރު އެއްވެސް ސުވާލެއް ކުރެއްވުމެއް ނެތި އޭނާގެ ފަހަތުން ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ތަންކޮޅެއް ދުރުގައި ގަހެއްގައި ބަނދެފައި އޮތް އަހެއް އޮތެވެ. އެމީހާ އަސް މޮހައިލައިފައި އަހަށް ސަވާރު ވެއްޖެއެވެ.

ބައިކޯހެއްހައި ހިސާބު ކަޑައްތު ކުރުމަށް ފަހު، އޭނާގެ އަހުގެ ދުވެލި މަޑު ކޮށްލައިފައި ރަންބީރަށް ދެންނެވިއެވެ. "މަނިކުފާނުގެ އަސްކޮޅު ވަރަށް ވަރުބަލި ވެއްޖެހެން ހީވެއެވެ. ދެން އެސޮރު ހިތް އެދޭ ވަރަކަށް ދުވުނަދެއްވާށެވެ."

(ނުނިމޭ)