އެމެރިކާޔާއި އީރާނުގެ މެދުގައި ސުލްހަނާމާއެއް ހެދުމުގެ މަސައްކަތް ފަރުދާގެ ފުރަގަހުގައި ވަރަށް ބާރަށް ކުރިއަށްދާކަމަށް ބުނެވެއެވެ. ހަމަގައިމުވެސް ޕާކިސްތާނާއި ގަތަރާއި އޮމާނުގެ އޮފިޝަލުން އެމެރިކާގެ ވެރިރަށް ވޮޝިންޓަނާއި އީރާނުގެ ވެރިރަށް ތެހެރާނާ ދެމެދު ނިކަން ދޭތެރެ އަވަސްކޮށް ދަތުރުތަކެެއް ކުރައްވަމުން އެބަގެންދަވައެވެ. އެކަމަކު މިހަފުތާއިން ފެށިގެން ސުލްހަނާމާޔަކަށްވުރެ ބޮޑަށް ދެކެވެމުންދަނީ ހަގުރާމަ އަލުން ފެށުމުގެ ނުރައްކަލުގެ ވާހަކަތަކެވެ. ތެހެރާނާއި ވޮޝިންޓަނުން ބޮޑަށް އިވެމުންދަނީ އިންޒާރުތަކުގެ އަޑެވެ. މި ހަފުތާގެ ބުދަދުވަހު އެމެރިކާގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށްފަހު ރައީސް ޓްރަމްޕު ދެއްކި ވާހަކަތަކުން އުންމީދުގެ އަލިކަމަށްވުރެ ބޮޑަށް ލިބިގެންދިޔައީ ބިރުވެރިކަމުގެ އަނދިރިކަމެވެ. އޭނާ ދެއްކީ ކޮންވާހަކަތަކެއް ބާވައެވެ. ވަރަށް ގިނަ ވާހަކަ ވާހަކަ ދެއްކިއެވެ. ދައްކަންނުޖެހޭ ވާހަކަތައްވެސް ދެއްކިއެވެ. ބުންޏެވެ. އީރާނަކަށް ފައިސާއެއްވެސް ބަދަލެއްވެސް ނުދޭނަމެވެ. އެކައްޗެއްވެސް ނުދޭނަމެވެ.

ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ކޮންޓްރޯލް އޮތަކަ ނުދޭނަމޭވެސް ބުންޏެވެ. އީރާނުގައި ފައްކާކޮށްފައިހުރި ޔުރޭނިއަމް އަހަރެމެންނާ ހަވާލު ކުރަންވީ ކަމަށާއި އެކަމަށް އެއްވެސް ޝަރުތެއް، ހުއްޖަތެއް ދައްކައިގެން ނުވާނެ ކަމަށްވެސް ބުންޏެވެ. އެކަން ނުކުރަންޏާ ގަދަކަމުން އަހަރެމެން އެތަކެތި ފޭރިގަންނާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ. ބުންޏެވެ. އެތަކެތި އެހުރިތަނެއްގައި ބަހައްޓައިފައި ހަލާކުކޮށް ނައްތައިލާނަމެވެ. އީރާނުން އުޅެނީ މަޝްވަރާ ކުރުމުގެ ނަމުގައި ވަގުތު ހޯދަންވެގެންނެވެ. އެކަމެއް ނުވާނެއެވެ. އެމެރިކާގައި މިއަހަރުގެ ނޮވެމްބަރު މަހު މިޑްޓާރމް އިންތިޚާބު އޮންނާތީ އެއަށް އަސަރު ފޯރުވާންކަމަށްވެސް އީރާނުން އެބަހީކުރެއެވެ. މިޑްޓާރމް އިންތިޚާބުގައި ކަންކަންވާނެ ގޮތާމެދު އަހަރެންގެ ފަރުވާލެއް ފިކުރެެއް ނެތެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. އީރާނަކަށް ނިއުކުލިއަރ ބޮމެއް ނުހެދޭނެއެވެ. ހެދިޔަކަ ނުދޭނަމެވެ. މަޝްވަރާތަކުން ގޮތެއް ނުނިމުނިއްޔާ ދެންގޮތް ނިންމާނީ ހަތިޔާރުންނެވެ.

އަދިވެސް ބުންޏެވެ. ފެބްރުއަރީ އަށާވީހުގައި އަހަރެމެން ފެށި މަސައްކަތް ހަމައެވާނުގައި ނިންމައިލާކަށް އަހަރެމެން ޖެހިލުމެއް ނުވަމެވެ. ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމަށް އޮމާނާއެކު އީރާނުން ހަދަން އުޅޭ ޑީލަކަށްވެސް އަހަރެމެން ފުރުސަތެއް ނުދޭނަމެވެ. އެޒާތުގެ ޑީލެއް އޮމާނުން ހަދައިފިނަމަ އޮމާނުވެސް ގޮއްވައިލާނަމެވެ. ސުންނާފަތިކޮށްލާނަމެވެ. އެކަން އޮމާނުންވެސް ދަންނަންވާނެއެވެ. ކޮންމެއަކަސް މިޒާތަކުންގޮސް ޓްރަމްޕު ވަނީ ލައްކަ ގިނަ ވާހަކަ ވާހަކަ ދައްކައިފައެވެ. މިޑްޓާރމް އިލެކްޝަނާމެދު ފަރުވާލެއްނެތޭ، ވަރިހަމަޔޭ ބުނެފިއެވެ. އެހެންބުނިއިރު ޓްރަމްޕުގެ ސިޔާސީ ކުރިމަގު އޮތީ އެ އިންތިޚާބާ ގުޅިފައެވެ. ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީއަށް މަޖިލީހުގެ ދެ ގޭގެ އަޣުލަބިއްޔަތު ގެއްލި އެ ދެތަނުގެ ކޮންޓްރޯލް އިދިކޮޅު ޑިމޮކްރަޓިކް ޕާޓީއަށް ލިބުމާއެކު އެންމެ އަވަހަށްވެސް ފަށާނެ މަސައްކަތަކީ ޓްރަމްޕު މަގާމުން ވަކިކުރުމުގެ މަސައްކަތެވެ. އޭނާގެ ފިޔަކޮށައިލުމުގެ މަސައްކަތެވެ. އެއީ ސިއްރުވެފައިއޮތް ކަމެއްވެސް ނޫނެވެ.

ދެންއެބުނީ އޮމާނުވެސް ގޮއްވައިލާނެ ވާހަކައެވެ. އޮމާނަކީ އެމެރިކާގެ މިތުރެކެވެ. އެމެރިކާ ބުނީމާ ބުނިހައިގޮތަކަށް އަމަލުކުރަމުން އަންނަ ކިޔަމަންތެރި އެކުވެރިއެކެވެ. ހިތަށް ބަހެއްވެސް އެރުވުމަކާނުލައި އެބުނީ އޮމާނު ވުޖޫދުން ފޮހެލާނެ ވާހަކައެވެ. މިހުންނަނީ ގައުމެއްގެ ވެރިޔަކު ދެއްކުން އެކަށީގެންވާ ކަހަލަ ވާހަކަތަކެއް ނޫނެވެ. މިޒާތަށް ވާހަކަ ދައްކާ ވެރިޔަކު ހުންނަ ގައުމަކާއެކު ޑީލެއް ހަދަން ރުހޭނީ ކޮން ގައުމެއް ބާވައެވެ. އެކަހަލަ ވެރިޔަކަށް އިތުބާރުކުރާނީވެސް ކޮން ގައުމަކުން ބާވައެވެ. އެމެރިކާގެ ހުންގާނުގައި ޓްރަމްޕު ހުރިހާ ދުވަހަކު ދުނިޔޭގެ އެއްވެސް ބަޔަކަށް އެމެރިކާޔާއެކު ކަމެއް ކުރުމަށް އެއްބަސްވެވިދާނެ ބާވައެވެ. އެމެރިކާގެ ޑިޕްލޮމަސީ ވިއްކަން ޚާރިޖީވަޒީރު މާކޯ ރޫބިއޯމެން އެކުރާ މަސައްކަތް އެއްވެސް ބަޔަކު ބަލައިގަންނާނެ ބާވައެވެ. ނޫނެކެވެ. ހިޔެެއްނުވެއެވެ. އެކަމަކު އަދި އެހެން ކަމެއްވެސް އެބައޮތެވެ. އެއީ ޓްރަމްޕު ދައްކާ ވާހަކަތަކާއި އެމެރިކާގެ އަސްލު ނިޔަތް ދިމާނުވުމުގެ މައްސަލައެވެ.

އެމެރިކާގެ އެކިފަންތީގެ އޮފިޝަލުން އީރާނަށް އަންގަމުންދާ ކަމަށް ބުނެވެނީ ރައީސް ޓްރަމްޕު ދައްކާ ވާހަކަތަކާމެދު ފަރުވާލެއް ނުބެހެއްޓުމަށެވެ. އަޅާނުލުމަށެވެ. ކެމެރާގެ ކުރިމަތީގައި ޓްރަމްޕު ދައްކާ ވާހަކަތަކަކީ މީޑިޔާގައި ޓްރަމްޕު ކުޅޭ ސިޔާސީ ކުޅިވަރެއް ކަމަށާއި އެއީ އެމެރިކާގެ ހަގީގީ ޕޮލިސީއާ ގުޅުންހުރި ކަމެއް ނޫންކަމަށްވެސް އެމެރިކާގެ އޮފިޝަލުން މައުލޫމާތުދޭ ކަމަށް ބުނެވެއެވެ. ހަމަގައިމުވެސް ޓްރަމްޕުގެ މިޒާތުގެ ވާހަކަތަކާމެދު އީރާނުން ދެކެނީ އެގޮތަށެވެ. ސިޔާސީ ލީޑަރަކަށްވުރެ ބޮޑަށް ބަލަނީ އެކްޓަރެއް ކަމުގައެވެ. ދެންއޮތީ މަޝްވަރާތައް ފޭލްވެ ހަގުރާމަ އަލުން ފެށިއްޖެނަމަ ކަންކަން ބަދަލުވެގެން ފުރޮޅިގެން ހިނގައިދާނެ ގޮތްގޮތާމެދު އުފެދިފައިވާ ބިރުވެރިކަމުގެ ސުވާލެވެ. އީރާނު އެއޮތީ އެއްވެސް ޝައްކެއްނެތް މިންވަރަށް އެ ހާލަތަށް ތައްޔާރުވެގެންނެވެ. އީރާނުގެ އިންގިލާބީ ގާޑުން އެތިބީ ހަގުރާމައިގެ އައު ފިޔަވައްސަކަށް ތައްޔާރު ވެގެންނެވެ. އެކަން ސިއްރު ކުރުމެއްވެސް ނެތެވެ.

ހަގުރާމަ އަލުން ފެށިއްޖެނަމަ ދެން ބޭނުންކުރާނީ ކުރިން ބޭނުން ނުކުރާ އައު ހަތިޔާރާއި އައު އުކުޅުތައް ކަމަށްވެސް އިންގިލާބީ ގާޑުން ދަނީ ބުނަމުންނެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި އުތުރުކޮރެޔާގެ މިސައިލް ޓެކްނޮލޮޖީގެ އެހީގައި އެންމެދުރު ރާސްތާގެ މިސައިލްވެސް އީރާނުން މިހާރު ވަނީ އުފައްދައިފައެވެ. މާނަޔަކީ އެމެރިކާގެ ނިއުޔޯކާއި ބޮސްޓަނާއި ވޮޝިންޓަން ކަހަލަ ސަހަރުތަކަށްވެސް ފޯރާނޭ ހަތިޔާރު އީރާނުން ލިބިގަތުމެވެ. އެހެންކަމަށްވަނީވިއްޔާ ހަގުރާމައިގެ އައު ފިޔަވަހިވާނީ ދެމިއޮތުމާއި ނެތިދިއުމުގެ ސުވާލާ ގުޅިފައިވާ ފިޔަވައްސަކަށެވެ. މީގެކުރިން ފެނިފައިވާ ހަގުރާމަތަކާއި މުޅިން ތަފާތު ފިޔަވައްސަކަށެވެ. އެޒާތުގެ ފިޔަވައްސަކުން ސުންނާފަތި ވެގެންދާނީ ހަމައެކަނި އީރާނެއް ނޫނެވެ. މުޅި މެދުއިރުމައްޗެވެ. އެހެންވީމާ ސައުދީއަރަބިޔާއާއި އެމިރޭޓްސްއާއި ގަތަރު ފަދަ ގައުމުތަކުން އެ ހާލަތު ގެންނާކަށް ރުހުމެއް ނުދޭނެއެވެ. ނުވެސް ދެވޭނެއެވެ. މިކަންކަމަށް ރިއާޔަތްކުރާއިރު ގަބޫލުކުރެވޭ ހަގީގަތަކީ އީރާނު އެދޭ ޝަރުތުތަކަށް އެއްބަސްވެގެން ޑީލެއް ހެދުން ފިޔަވައި އެހެންގޮތެއް އެމެރިކާއަކަށް ނެތްކަމުގައެވެ. ޓްރަމްޕު ދައްކަމުން ގެންދާ ވާހަކަތަކާއި ހަގީގަތާ އެއްވެސް ގުޅުމެއް ނެތްކަމުގައެވެ.