ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްސްގެ އާ ވެރިޔާ މުހައްމަދު އައުދާ، ގައްޒާ ސިޓީއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލައިފިއެވެ.

އަންގާރަ ދުވަހު ދިން މި ހަމަލާގައި އޭނާގެ އަނބިކަނބަލުންނާއި ދެ ދަރިން ވެސް ޝަހީދުވެފައިވާކަން ހަމާސްއިން ވަނީ އިއްޔެ ކަށަވަރުކޮށްދީފައެވެ.

އައުދާ މި މަގާމާ ހަވާލުވެވަޑައިގަތީ، އޭނާގެ ކުރިން އެ މަގާމުގައި ހުންނެވި އިއްޒުއްދީން އަލްހައްދާދު މި މަހުގެ 15 ވަނަ ދުވަހު އިސްރާއީލުގެ ހަމަލާއެއްގައި އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އޭނާ އަވަހާރަކޮށްލާފައިވަނީ މަގާމާ ހަވާލުވެވަޑައިގަތްތާ އެންމެ 11 ދުވަސް ފަހުންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އައުދާއަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި، އަދި ހަމާސްގެ ޖާސޫސީ ގޮފީގެ ވެރިޔާއެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވި ގޮތުގައި، އައުދާ އަވަހާރަކޮށްލުމަކީ ހަމާސްގެ އަސްކަރީ ގާބިލުކަން އަލުން ބިނާކުރުމަށް އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހުރަހެކެވެ. އަދި އޮކްޓޯބަރު 7 ގެ ހަމަލާގައި ބައިވެރިވި އެންމެން ހޯދައި ނައްތާލާނެ ކަމުގެ އިންޒާރު އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ.

މި ހަމަލާއާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައުދާއަކީ ފާއިތުވި 30 އަހަރު ދުވަހު އެ ޖަމާއަތުގެ އަސްކަރީ ހަރަކާތްތަކުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އިސްރާއީލުގެ މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ފިނޑި އަމަލެއް ކަމަށް ސިފަކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމުގެ ޖިހާދު ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އައުދާ އަވަހާރަކޮށްލުމަކީ ހަމާސްގެ ލީޑަރޝިޕަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ސަބަބަކީ އޭނާއަކީ ހަނގުރާމައިގެ ކުރިން އެ ޖަމާއަތުގެ އަސްކަރީ މަތީ މަޖިލީހުގައި ތިއްބެވި ލީޑަރުންގެ ތެރެއިން ދުނިޔޭގައި ހުންނެވި އެންމެ ފަހު އެއް ބޭފުޅާއަށް ވުމެވެ. މި ހާދިސާއާ ގުޅިގެން ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.