ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްއާ އެކު އެއްވެސް މަސައްކަތެއް ކުރުން، ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯޔީސް (އެފްޑަބްލިއުއައިސީއީ) އިން މަނާކޮށްފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ފަރްހާން އަހްތަރު ޑައިރެކްޓުކުރާ ފިލްމު 'ޑޮން 3' އިން ރަންވީރު ކުއްލި ގޮތަކަށް ވަކިވުމާ ގުޅިގެން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

އެފްޑަބްލިއުއައިސީއީގެ ޗީފް އެޑްވައިޒަރު އަޝޯކް ޕަންޑިތު ވިދާޅުވި ގޮތުގައި، ފަރްހާން އަހްތަރުގެ އެކްސެލް އެންޓަޓެއިންމަންޓުން ޝަކުވާ ހުށަހެޅީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ. ފިލްމުގެ ޝޫޓިން ފަށަން އެންމެ ތިން ހަފުތާއަށް ވެފައި ވަނިކޮށް ރަންވީރު ވަކިވުމުން، ޕްރީ-ޕްރޮޑަކްޝަނަށް ހަރަދުކުރި 45 ކްރޯޑު ރުޕީސްގެ ގެއްލުންވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މައްސަލަ ހައްލުކުރުމަށް އެފްޑަބްލިއުއައިސީއީއިން ރަންވީރަށް ތިން ފަހަރެއްގެ މަތިން ނޯޓިސް ފޮނުވި ނަމަވެސް އޭނާ އިޖާބަދީފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި މައްސަލަ ހައްލުވަންދެން އެފްޑަބްލިއުއައިސީއީގެ ހަތަރު ލައްކައަށްވުރެ ގިނަ މެމްބަރުން ރަންވީރާ އެކު އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް އެ އިދާރާގެ ރައީސް ބީއެން ތިވާރީ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ކިތަންމެ ބޮޑު ތަރިއަކަށް ވިޔަސް ގަވާއިދުތަކަށްވުރެ މައްޗަކަށް ނުދެވޭނެކަން އިންޑަސްޓްރީއަށް އަންގައިދޭން ޖެހެއެވެ.

މިކަމާ ގުޅިގެން ރަންވީރުގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ މައްސަލަތައް ހައްލުކުރަންވާނީ އިހުތިރާމާއި ގަދަރުވެރިކަމާއެކު ކަމަށެވެ. އަދި ކޮންޓްރެކްޓާ ގުޅޭ މައްސަލަތައް ނިންމުމަކީ އެފްޑަބްލިއުއައިސީއީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށްވެސް އޭނާގެ ޓީމުން ފާހަގަކޮށްފައިވެއެވެ.

މި ނިންމުމަކީ ގާނޫނީ ގޮތުން ރަންވީރަށް ފިލްމު ކުޅުން މަނާ ކުރެވޭނެ ނިންމުމަކަށް ނުވި ނަމަވެސް، ފިލްމީ މަސައްކަތްތެރިންގެ އެހީތެރިކަމާ ނުލައި ޝޫޓިންތައް ކުރިއަށް ނުގެންދެވޭނެތީ، މީގެ ސަބަބުން އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.