ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު ދިވެހި ހާޖީ ވެސް އަރަފާތު ބިމަށް ގޮސްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހެނދުނު ވިދާޅުވެފައިވަނީ، ދިވެހި ހައްޖުވެރިންގެ ތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ގޮސްފައިވާ ކަމަށާއި އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާ ދެވެމުންދާ ކަމަށެވެ.
އޭގެ ފަހުން މިނިސްޓަރު ޝަހީމް މީޑިއާތަކަށް ވިދާޅުވީ މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ހާޖީގެ ހާލުވެސް މިހާރު ރަނގަޅު ކަމަށާއި ހައްޖު ކޯޕަރޭޝަނުން ވަނީ މިއަދު އޭނާ ވެސް އަރަފާތަށް ގެންގޮސްފައި ކަމަށެވެ.
"ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެންމެހައި ދިވެހި ހާޖީންގެ ހާލު ރަނގަޅު. މިހާރު އެންމެހައި ހާޖީން ވަނީ އަރަފާތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ އިރު، ހައްޖު ކޯޕަރޭޝަންގެ އިތުރުން ދިވެހިރާއްޖޭގެ ހައްޖު މިޝަންގެ ބޭފުޅުންވެސް ދަނީ މައްކާ އަދި މަޝާއިރުތަކުގައި ހަރަކާތްތެރިވަމުންނެވެ. ދިވެހި ހައްޖުވެރިންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް އަވަސް ފަރުވާ ދިނުމަށްޓަކައި ދިވެހި ކްލިނިކްތައްވެސް ވަނީ ގާއިމުކޮށްފައެވެ.
އަރަފާތު ބިމުގައި އިރުއޮއްސުމާ ހަމައަށް މަޑުކުރުމަށްފަހު، ދެން ހައްޖުވެރިން މިސްރާބު ޖަހާނީ މުޒްދަލިފާއަށް ދިއުމަށެވެ. އެއަށްފަހު ޖަމްރާއަށް ހިލައުކުމާއި، ގުރުބާންކުރުން ފަދަ ހައްޖުގެ އެހެނިހެން މުހިންމު މަރުހަލާތައް ކުރިއަށް އޮތް ދުވަސްތަކުގައި ފުރިހަމަކުރާނެއެވެ. ދިވެހި ހުރިހާ ހައްޖުވެރިންނަށްވެސް ދަތިކަމެއް ނެތި މި އަޅުކަންތައް ފުރިހަމަކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގައި ތިބި ދިވެހި އޮފިޝަލުން ދަނީ ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންނެވެ.
ރާއްޖެއިން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު