މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރިސޯޓު ކުލީގެ ގޮތުގައި 46.4 މިލިއަން ޑޮލަރު (715 މިލިއަން ރުފިޔާ) ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ލިބުނު 582 މިލިއަން ރުފިޔާއާ އަޅާބަލާއިރު 23 ޕަސަންޓުގެ ކުރިއެރުމެކެވެ.

ދައުލަތަށް ޓެކްސްގެ ބޭރުން ވަންނަ ޖުމްލަ އާމްދަނީގެ 27 ޕަސަންޓް ހިއްސާކުރަނީ ރިސޯޓުތަކުގެ ކުލިން ލިބޭ ފައިސާއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފައިސާ ލިބިފައިވަނީ މާޗް މަހުގައެވެ. އެ މަހު 440 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭޕްރީލް މަހު 129 މިލިއަން، ޖެނުއަރީ މަހު 90 މިލިއަން އަދި ފެބްރުއަރީ މަހު 19 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ރިސޯޓުތަކުން ދައުލަތަށް ލިބެންޖެހޭ ބޮޑު އަދަދެއް ނުލިބި ހުރިކަން އޮޑިޓް ރިޕޯޓުތަކުން ހާމަވެއެވެ.

މީރާގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބައޮތެވެ. މިއީ ދައުލަތަށް ލިބެންޖެހޭ ޖުމްލަ ފައިސާގެ 45 ޕަސަންޓެވެ. މީގެ އިތުރުން، 2021 އިން 2023 އަށް ރިސޯޓު ކުލީގެ ގޮތުގައި ލިބެންޖެހޭ އަދަދު 38 ޕަސަންޓް ދަށްވެފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

މީގެ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ 2022 ވަނަ އަހަރު ރިސޯޓުތަކަށް ދިން ލުއިތަކުގެ ސަބަބުން 4.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހޭ ގޮތަށް ބަދަލުވުމެވެ.

އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި، ރިސޯޓުތަކުން ދައްކަންޖެހޭ ކުއްޔަށް ތަކުރާރުކޮށް ލުއި ދިނުމާއި ޖޫރިމަނާތައް މައާފްކޮށްދިނުމުގެ ސަބަބުން، ކުލި ނުދައްކާ ތިބުމަށް ރިސޯޓުތަކުގެ ވެރިންނަށް ހިތްވަރު ލިބެމުންދެއެވެ. މިއީ ދައުލަތުގެ އާމްދަނީއަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.