ފިލިޕީންސްގެ އުތުރުގައިވާ އެންޖެލިސް ސިޓީގައި އިމާރާތްކުރަމުންދިޔަ ނުވަ ބުރީގެ ހޮޓަލެއް ވެއްޓި، ހަތަރު މީހަކު މަރުވެއްޖެއެވެ.
ހަބަރުތައް ބުނާގޮތުގައި އިމާރާތުގެ ދަށުވެފައިވާ ކަމަށް ބެލެވޭ 17 މީހަކު ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި އަންނަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި، ގަދަ ތޫފާނަކަށް ފަހުގައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިމާރާތުގެ ދަށުން ނެރުނު ތިން މަސައްކަތްތެރިންނާއި، ވެއްޓުނު އިމާރާތުގެ ބައިތައް ޖެހުމުގެ ސަބަބުން ކައިރީގައި ހުރި ގެސްޓްހައުސްއެއްގައި ހުރި އުމުރުން 65 އަހަރުގެ މެލޭޝިއާގެ ފަތުރުވެރިއެކެވެ. ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ގެއްލިފައިވާ 17 މީހުންނަކީ އިމާރާތުގެ ތިރީގައި ނިދާފައި ތިބި ކޮންސްޓްރަކްޝަން މަސައްކަތްތެރިންނެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ބަރު މެޝިނަރީއާއި އަތް ބޭނުންކޮށްގެން ކޮންކްރީޓުތައް ނަގަމުންނެވެ. އެންޖެލިސް ސިޓީގެ މޭޔަރު ކާމެލޯ ލަޒާޓިން ވިދާޅުވި ގޮތުގައި، މިއީ އަދިވެސް މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނެކެވެ. އަދި މަރުވެފައިވާ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތަށް މި އޮޕަރޭޝަން ބަދަލުނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރަހައްދީ ފަޔާ ބިއުރޯގެ ތަރުޖަމާނު މާރިއާ ލިއާ ސަޖިލީ ފާހަގަކުރެއްވި ގޮތުގައި، އިމާރާތުގެ ބައިތައް ހުރި ގޮތުން ކުއްލި ހަރަކާތެއްގެ ސަބަބުން އިތުރު ބައިތައް ވެއްޓުމުގެ ނުރައްކާ އޮތުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
މިހާތަނަށް 26 މީހަކު ސަލާމަތްކޮށްފައިވާއިރު، އޭގެ ތެރެއިން 10 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ފިލިޕީންސްގެ ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުންނެވެ. އަދި އިމާރާތްކުރުމުގެ ސަލާމަތީ މިންގަނޑުތަކާ ހިލާފުވެފައިވޭތޯ ބަލަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް