ޔޫކްރެއިންގެ ވެރިރަށް ކީވްއަށް އަމާޒުކޮށް ރަޝިޔާއިން ރޭ ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި 4 މީހަކު މަރުވެ، 80 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ. މިއީ 2022 ވަނަ އަހަރު ހަނގުރާމަ ފެށުނު ފަހުން ރަޝިޔާއިން ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ.

މި ހަމަލާތަކުގައި ރަޝިޔާއިން ވަނީ 600 ޑްރޯނާއި 90 މިސައިލްގެ އިތުރުން، އަޑަށްވުރެ ބާރަށް ދަތުރުކުރާ އަދި ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ "އޮރޭޝްނިކް" ބެލިސްޓިކް މިސައިލް ބޭނުންކޮށްފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވި ގޮތުގައި، ރަޝިޔާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ކީވްގެ އިތުރުން ބީލާ ޓްސެރްކްވާ ސަހަރަށެވެ. އަދި މި ހަމަލާތަކުގައި ފެން ފޯރުކޮށްދޭ ނިޒާމުތަކަށާއި، މާރުކޭޓެއްގެ އިތުރުން އެތައް ބައިވަރު ދިރިއުޅޭ އިމާރާތްތަކަކަށާއި ސްކޫލްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޔޫކްރެއިންގެ ހާރިޖީ ވުޒާރާއާއި ވަޒީރުންގެ މަޖިލީހުގެ އިމާރާތަށްވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ވިދާޅުވި ގޮތުގައި، މިއީ ކީވްއަށް ކުރިމަތިވި ވަރަށް ބިރުވެރި ރޭގަނޑެކެވެ. އަދި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން އިމާރާތްތަކުގައި ރޯވެފައިވާ އަލިފާން ނިއްވުމާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ބުނި ގޮތުގައި ރަޝިޔާއިން ފޮނުވާލި ގިނަ ޑްރޯންތަކާއި މިސައިލްތައް ވަނީ ވައްޓާލާފައެވެ.

މި ހަމަލާތަކާ ގުޅިގެން ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، އޮރޭޝްނިކް މިސައިލް ބޭނުންކޮށްގެން ހަމަލާދީފައިވަނީ ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށާއި ހަތިޔާރު އުފައްދާ ކާރުހާނާތަކަށެވެ. އަދި މިއީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައިވާ އިރުމަތީ ޔޫކްރެއިންގެ ސަރަހައްދެއްގައި ހުރި ކޮލެޖެއްގެ ހޮސްޓެލްއަކަށް ޔޫކްރެއިނުން ދިން ކަމަށް ބުނާ ޑްރޯން ހަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މިއީ ހަތަރު އަހަރަށް ދިގުދެމިގެންގޮސްފައިވާ މި ހަނގުރާމައިގައި ރަޝިޔާއިން އޮރޭޝްނިކް މިސައިލް ބޭނުންކުރި ތިންވަނަ ފަހަރެވެ. މި ހަތިޔާރަކީ ދިފާއީ ނިޒާމުތަކަށް ހުއްޓުވަން އުނދަގޫ ބާރުގަދަ ހަތިޔާރެއް ކަމަށް ރަޝިޔާއިން ދައުވާކުރެއެވެ.