ފިތުނަ ފަސާދަ އުފައްދައިގެން ވެރިކަންކުރާ ޕީއެންސީ މެންބަރުން ބައިބައި ނުކުރެވޭނެ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދުރޭ މިހެން ވިދާޅުވީ، "ޕީއެންސީގެ ސެނެޓުން ރައީސް މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލައި އެމަނިކުފާނުގެ ނުފޫޒު ކުޑަކޮށްފި" މި ސުރުހީގެ ދަށުން "އަދަދު" ނޫހުން ލިޔެފައިވާ ލިޔުމަކާ ގުޅިގެންނެވެ.

އެ ލިޔުމުގައި ވަނީ ރައީސް މުއިއްޒުގެ މަގުބޫލުކަން އާންމުންގެ މެދުގައި ދަށްވަމުންދާ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، ޕީއެންސީގެ އެތެރޭގެ މަސްލަހަތަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފި ކަމަށެވެ.

ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމަށް، ދާދިފަހުން ބޭއްވި ޕީއެންސީގެ ސެނެޓް ބައްދަލުވުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސެނެޓުގެ ތާއީދު ނުލިބުނުކަމަށް، ޕީއެންސީގެ ސީނިއާ ބައެއް މެންބަރުން އަދަދު ނޫހަށް މައުލޫމާތު ދީފައިވާ ކަމަށްވެސް އެ ލިޔުމުގައިވެއެވެ.

"އަދަދު" ނޫހުގެ އެ ލިޔުމުގައިވާ ކަންތައްތަކާބެހޭގޮތުން އަދުރޭގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމަން ރިޔާސަތުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުށަނާޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

"ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ހިންގާ ޕާޓީއެއް. ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުވެ،" އަދުރޭ ވިދާޅުވިއެވެ.

އެ ލިޔުމުގައިވާ ވާހަކަތަކަކީ ދޮގެއްކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުވެސް ވަނީ ވިދާޅުވެފައެވެ.

ފަލާހު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު ބޭނުނުންފުޅުނުވާ އެއްވެސް ކަމެއް ޕީއެންސީ ސެނެޓްގައި އަދި ލީޑާޝިޕްގައި ވެސް ނުހިނގާނެ ކަމަށެވެ.

"އެއަށްވުރެ ރައީސް މުއިއްޒު ދެކެ އަޅުގަނޑުމެން އެންމެން މާ ލޯބިވޭ، އެމަނިކުފާނަށް އަޅުގަނޑުމެން އެންމެން މާ އިތުބާރުކުރަން. މިހެން މިކަން އޮތްނަމަވެސް އަބަދުވެސް ރައީސް މުއިއްޒު އިސްކުރައްވަނީ ޕާޓީގެ އަސާސީގަވައިދާއި ހެދިފައިވާ އުސޫލުތައް އަދި މަޝްވަރާގެ ރިވެތި ސިފަ. ރައީސް މުއިއްޒު ނިމިގެންދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމުގައި ވަކިކަމެއް ވަކިގޮތަކަށް ކުރައްވާކަށް ހުށަނާޅުއްވާ. މުޅި ބައްދަލުވުމުގައިވެސް ހުރިހާކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް،" ފަލާހު ވިދާޅުވިއެވެ.