''ޕްރޮޖެކްޓަށް އިތުރު މީހަކު ގެނައުމުގެ ކުރިން ތަނޫ ގާތު ބުނެލަން ބޭނުންވީ، އަހަރެން ބުނީމެއްނު އެއްވެސް ބަދަލެއް އަންނަނަމަ ތަނޫއަށް އަންގާނަމޭ...'' ޒަރާރް ބުނެލިއެވެ. ތަނާލްގެ ފަރާތުން އަމާޒުވެދާނެ ސުވާލަކަށް ޒަރާރް ހުރީ ތައްޔާރުވެގެންނެވެ.
''ކާކުތަ؟...'' އުފެދުނު ޝައުޤުވެރިކަމުގައި ތަނާލްއަށް ސުވާލުކޮށްލެވުނެވެ.
''މައި ޔަންގާރ ބްރަދާރ...'' ޒަރާރް ބުންޏެވެ.
ޒަރާރްގެ ވާހަކަ ފުރިހަމަނުވާކަން ތަނާލްއަށް ފާހަގަކުރެވުނެވެ. އިންތިޒާރުކުރެވުނީ އިތުރަށް ކިޔައިދޭނެ ވަގުތަކަށެވެ.
''އައި ހޭވް އެ ކޮމްޕްލިކޭޓެޑް ފެމިލީ ހިސްޓްރީ...'' ހަށިފުރާ ދޫކޮށްލި ފުން ނޭވާއަށް ފަހުގައި ޒަރާރް ބުންޏެވެ.
''އަޑުއަހަން މިހިރީ...'' ވާހަކަ ކުރިއަށް ގެންދިއުމަށް ތަނާލް އިޝާރާތްކޮށްލިއެވެ. ތުންތުންމަތިން ދެކެވިފައިވި ވާހަކަތަކަށް ވުރެން ބޮޑަށް އޭނަ ބޭނުންވަނީ ޒަރާރްއަށް އިތުބާރުކުރާށެވެ. ފާއިތުވި ދުވަސްތަކުގައި ޒަރާރްގެ މިޒާޖު ރަނގަޅަށް ދަސްވެފައިވީތީއެވެ.
''ހީވަނީ ކޮންމެވެސް ވަރަކަށް ތަނޫއަށް އަޑުއިވިފަހެން ހުންނާނީ، އެންމެން ވަރަށް ގަޔާވެގެން ދައްކާ ވާހަކައެއް ވިއްޔާ...'' ޒަރާރް ބުންޏެވެ. ޢާއިލާގެ ޒާތީ މަޢުލޫމާތުތައް ގިނަ މީހުނަށް އެނގޭތީ ޒަރާރްއަށް އުނދަގޫ ވެއެވެ. އޭނަގެ ދިރިއުޅުން ނިމާވަކަމެއް ނެތި އެންމެނަށް ކަޝްފުވެފައިވާތީއެވެ. ކަމުގެ ހަޤީޤަތް ނޭނގޭ ހާލުގައި ވެސް ފަތުއަޑު ކިޔާފައި ހަޤީޤަތާ ހިލާފު ވާހަކަތައް ފެތުރޭތީއެވެ. އޮފީހުގައި އެވާހަކަތައް ސިއްރިޔާތުގައި ދެކެވުނެވެ. ދޭދޭމީހުންގެ މެދުގައި ފޯރިއާއެކު ދެކެވެމުން ދަނިކޮށް، މެދުކެނޑުނީ އޭނައާއި ބައްޕަގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ނިމުމެއް އައި ހިސާބުންނެވެ. ސީ.އީ.އޯއަކަށް އޭނަ އައްޔަންކުރެވުނު ހަފްލާއަށް ތަނާލް ގޮސްފައިވުމުން، ކޮންމެވެސް ވަރަކަށް އޭނަގެ ޢާއިލީ ހަމަނުޖެހުމުގެ ހިލަން ތަނާލްއަށް އޮއްނާނީ ވެފައެވެ. އެރޭގެ ހަފްލާގައި އެންމެ ހޫނު މައުޟޫޢުއަކީ ވެސް އެއެވެ.
''އަހަންނަކީ ރޫމާސް އަޑުއަހާ މީހެއް ނޫން...'' ތަނާލް ބުންޏެވެ. އޭނަގެ މަޤުސަދަކަށްވީ ޒަރާރްއަށް ބަހުގެ ޔަޤީންކަން ދިނުމެވެ.
ތަނާލްގެ ޖުމްލައިން ޒަރާރްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. މީގެ ކުރިން އެއްވެސް މީހަކަށް ކިޔާދީފައިނުވާ މާޒީގެ އަނދިރި ސަފުހާތަކަށް އަލިއަޅުވާލަން ޒަރާރް ތައްޔާރުވެލިއެވެ.
''ތަނޫ ބުނީމެއްނު އަހަންނަށް ޕެކިން އެޓޭކް ދެނެގަނެވުނީ ކިހިނެއްހޭ...'' މައުޟޫޢުއަށް ދިއުމުގެ ކުރިން ޒަރާރް ހަނދާންކޮށްލަ ދިނެވެ. އޭނަގެ ޒަމީރު އިރުޝާދުދިނީ މަންމަގެ ވާހަކަތައް ތަނާލްއާއި ހިއްސާކުރުމަށެވެ. ވޭން އެކުލެވިގެންވި އެހަނދާންތަކަށް ތަސައްލީއެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. ނާއުއްމީދުން ފުރިގެންވި އެދުވަސްތަކާއި، މަންމަގެ އުދާސްތައް ތަނާލްއަށް ތަސައްވަރުކުރެވިދާނެތީއެވެ.
''ހަނދާން އެބަހުރި...... ގާތް މީހަކަށް ދިމާވި ހާލަތެކޭ ބުނީމެއްނު...'' ރެސްޓޯރެންޓްގައި ދެކެވުނު ވާހަކަތަކަށް އަލިއަޅުވާލަމުން ތަނާލް ބުނެލިއެވެ.
''އިޓްސް މައި މޯމް...'' ތަނާލްއާއި ހަތަރުކަޅިހަމަކޮށްލަމުން ޒަރާރް ބުންޏެވެ. މަންމަގެ ނަން ދުލާހަމައަށް ގެނެވުމާއެކު، ޒަރާރްގެ މޭގައި ދިލަހޫނުކަމެއް އުފަންވިއެވެ. މަންމަގެ ހިމޭން ދުނިޔެ ލޯކުރިމަތިން ސިފަކުރެވުނެވެ. އެސްފިޔަތަކުން ނުފިލާ ކަރުނައިގެ ތެތްކަމެވެ. ހިކި އަނަރޫފަވެފައިވި ހަށިގަނޑެވެ. ނައްސި ޚިޔާލުތަކުގެ ޝިކާރައަކަށްވެފައިވި މަންމަގެ އުދާސްތަކަށް ލުޔެއް ހޯދުމުގައި ކުރިމަތިލާންޖެހުނު ނާކާމިޔާބީއެވެ.
''ޒަރާރް...'' ޒަރާރްގެ މޫނަށް ވެރިވި މޮޅިވެރިކަން ބަލަން ތަނާލްއަށް ފަސޭހައެއް ނުވިއެވެ. ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ބަރުދާސްތުކުރި، ހިތާމަތައް ސިކުނޑީގެ ލޯގަނޑަށް ތަސައްވަރުކުރެވުނެވެ. އޭނައަށް ޒަރާރްގެ މޫނުން ފެނުނީ އެހިތްދަތިކަމެވެ.
''ޒަރާރްއަށް އުނދަގޫވާނަމަ ނުބުންޏަސް ރަނަގަޅުވާނެ... އައި ކޭން އަންޑަސްޓޭންޑް...'' ތަނާލް ބުންޏެވެ. ސަމާސާތަކާއެކު ފެށުނު ވާހަކައިގެ މިސްރާބު އެފަދަ ނާޒުކު ފަތްތަރަކަށް ގޮސްފާނެ ކަމަށް އޭނައަށް ލަފާކޮށްނުލެވުނެވެ. ހިނިތުންވުމާއި އުފާވެރިކަން ފެންނަ ޒަރާރްގެ މިޒާޖާއި މުޅިން ނުބައްދަލު ސިފަތަކެއް ފެނުމުން ތަނާލް ދެރަވިއެވެ. މަދަދުޤާރަކަށްވާން އެދެވުނެވެ.
''ނޫން، އަހަރެން ބޭނުން ބުނެދޭން، އައި ތިންކް ޔޫ ކޭން އަންޑަސްޓޭންޑް ހާރ ޕެއިން... އަހަރެން ތަނޫއަށް އިތުބާރުކުރަން....'' ފަނޑު ހިނިތުންވުމަކާއެކު ޒަރާރް ބުނެލިއެވެ.
ޒަރާރްގެ ދެލޮލުން ތަނާލްއަށް ފެނުނީ ހިތާމައިގެ އޮޔެވަރެވެ. ހަމައެއާއެކު އޭނައަށް ކުރާ އިތުބާރު ވެސް އެދެލޮލުން ރަމްޒުކޮށްދިނެވެ. ތަނާލްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނަ ހަމައެކަނި ބޯޖަހާލީއެވެ.
''މަންމައާއި ބައްޕަ ޑިވޯސްވީ އަހަރެންގެ އުމުރުން ދިހަ އަހަރުގަ، އޭގެ ކުރިން ދެމީހުން ވަރަށް އުފަލުގަ އުޅުނީ، ބައްޕަގެ އެފެއާރ މަންމައަށް އެނގުނުއިރުގަ މަންމަ އިނީ ބަލިވެ، ކޮއްކޮއަކު ލިބެން އުޅެތީ އަހަރެން ހުރީ ވަރަށް އުފަލުން، ކޮންމެ ދުވަހަކު އަހަން ކޮއްކޮ ފެންނާނީ ކޮން ދުވަހަކުންހޭ، މަންމަ ވަރަށް އުފާވާނެ އެސުވާލުކުރުމުން، އަބަދު ބުނާނެ ކޮއްކޮއަށް ރަނގަޅު ބޭބެއަކަށް އަހަރެން ވާނެޔޭ، އައި ވޯޒް ވެރީ އެކްސައިޓެޑް ޓު މީޓް ހިމް، އެކަމަކު ކޮއްކޮއާ ބައްދަލުކުރުމުގެ ނަސީބެއް ނުލިބުނު، ބައްޕަގެ ހަޤީޤަތް އެނގުމުން މަންމައަށް ލިބުނު ޝޮކުގައި ސްޓްރޯކެއް ޖެހުނީ، ސްޓްރޯކްގެ ސަބަބުން ކޮއްކޮގެ ފުރާނަ ސަލާމަތެއް ނުކުރެވުނު، ހޮސްޕިޓަލުގައި ވަރަށް ގިނަ ދުވަހު ބާއްވައިގެން މަންމަ ރަނގަޅުވީ... އައި... އައި ތޯޓް އައި ވޯޒް ގޮނަ ލޫޒް ހާރ...'' މޭގައި އުފެދިގެން އައި ހައިޖާންގަނޑުގެ ސަބަބުން ޒަރާރްގެ އަރުބެދުނެވެ. އެވަގުތު މޭޒުމަތީ އޮތް ޒަރާރްގެ އަތުގައި ތަނާލް ހިފާލައިފިއެވެ. ހިތްވަރުދިނުމުގެ އިޝާރާތަކެވެ.
ޝުކުރުވެރިކަމުގެ ހިނިތުންވުމެއް ޒަރާރް ދިނެވެ. ނަމަވެސް އެހިނިތުންވުމުގެ އަސަރު ލޮލުން ފާޅެއް ނުވިއެވެ. އެދެލޮލުން ރަމްޒުކޮށްދެނީ އެދުވަހު މަންމަގެ ފުރާނައާ މެދު އުފެދުނު ބިރުވެރިކަމާއި ސިހުމެވެ. ކިތަންމެ އަހަރެއް ވިޔަސް އެއަނދިރި ދުވަސްތައް އޭނަގެ ހަނދާނުން ފިލާ ނުދާނެއެވެ.
''މަންމަ ދޫކޮށްލީ ތިން މަސް ދުވަހު ހޮސްޕިޓަލުގައި ބޭއްވުމަށްފަހުގަ، ޝީ ވޯޒް ނެވާރ ދަ ސޭމް، އޭރު މަންމަގެ ހާލަތު އަހަންނަށް ވިސްނައިގަންނަން އުނދަގޫވި، އެކަމަކު އަހަރެން ބޭނުންވި މަންމައަށް އެހީވާން، މަންމަގެ ހިތާމަތަކަށް ލުޔެއް ގެނެސްދޭން، ޝީ ޔޫސްޑް ޓު ލަވް ސްޓާރގޭޒިންގް، ޕެނިކް އެޓޭކް ޖެހޭއިރުގަ މަންމައާއެކު ތަރިތައް ގުނަން އަހަރެން ފެށީ އެހެންވެގެން، މަންމަ ވަރަށް ފަސޭހައިން ހަމައަކަށް އެޅޭނެ... ސިވިޔާރ ޑިޕްރެޝަންގަ މަންމަ އުޅުނީ، މަންމަ ނިޔާވީ އެކަމުން އަރައިނުގަނެވި... މަންމައަށް ދިމާވި ހާލަތުން ބައްޕަ ދެކެ ވަރަށް ރުޅި އައި، އެކަމަކު މަންމަ އަހަންނަށް ނަސޭހަތް ދިނީ ރުޅިއާއި ނަފުރަތާ ދުރުވާން، މަންމަ އެދުނީ ބައްޕައާއި އަޒީލާއަށް މަޢާފްކޮށްދޭން، އެދުވަހު އެނގުނު މަންމައަށް ލިބިފައިވަނީ ސާފު ހިތެއްކަން، އަހަރެން ބޭނުންވަނީ މަންމަ ފަދަ މީހަކަށް ވާން، މަންމަ ފަދައިން ކެތްތެރިވާން... ހުރިހާ ކަމެއްގެ ތެރެއިން ހިނިތުންވެލަން މަންމަ މަސައްކަތްކުރި...'' ޒަރާރް ބުންޏެވެ.
''ތަނޫ؟...'' ތަނާލްގެ ދެލޮލުން ނީރާލި ކަރުނަތައް ފެނި ޒަރާރް ކަންބޮޑުވިއެވެ. އޭނައަށް ކުރިއަށް ޖެހިލެވުނެވެ. އޭރު ވެސް ޒަރާރްގެ އަތުން ތަނާލް ދޫކޮށްނުލައެވެ. އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރެވުނުކަން ތަނާލްއަށް ރޭކާލާ ހެނެއް ހިޔެއް ނުވެއެވެ. އެހެނަސް، ތަނާލްގެ އަތްތިލައަށް މަޑުމަޑުން ޒަރާރް ފިތާލިއެވެ.
''އައެމް ސޮރީ ޔޫ ހެޑް ޓު ގޯ ތްރޫ ދެޓް...'' ނޭފަތް ދަމާލަމުން ތަނާލް ބުންޏެވެ. ޖަޒުބާތުގައި ބެހެވުނީ ޒަރާރްގެ އަޑުގައިވި ފުން އަސަރުތަކުންނެވެ. ޒަރާރްގެ ކެތްތެރިކަމަށް ސާބަސް ދޭހާ ވިއެވެ. ޒަރާރްގެ މަންމަގެ ސަބަބުން މިއަދު ޒަރާރް ވެފައި އެވަނީ ދުރުވިސްނޭ ހަރުދަނާ ޝަހުސިއްޔަތެއްގެ ވެރިޔަކަށެވެ.
''ހުރިހާ ކަމެއް ހިތާމަވެރިޔެއް ނޫނޭ، އައި ހެޑް އެ ގުޑް ޗައިލޑް ހޫޑް...'' މާހައުލަށް ވެރިވި ސީރިޔަސްކަން ކަނޑުވާލުމަށް ޒަރާރް ބުންޏެވެ. ރަހުމާއާއި އަލީގެ ފަރާތުން ލިބުނު ލޯތްބާއި، ކުލުނާއި އޯގާތެރިކަމަށް ވެސް ޒަރާރް އަލިއަޅުވާލިއެވެ. ގިލަންވެރިކަމުގެ ހިޔަނިން ނިކުމެވޭ ދުވަސްތަކުގައި މަންމަގެ ފަރާތުން ލިބުނު އަގުނުކުރެވޭނެ ނަސޭހަތްތައް ހިއްސާކުރިއެވެ.
''އަހަރެން ބޭނުންވަނީ މާޒީ ހަނދާންނައްތާލަން، ބައްޕައާއި އަޒީލާއަށް މަޢާފްކުރަން... ދައްޔާނަށް ރަނގަޅު ބޭބެއަކަށް ވާން... އަހަރެން އަބަދު ބޭނުންވި ކޮއްކޮ އަހަންނަށް ލިބެން...'' އުއްމީދުން ފުރިގެންވި ހިނިތުންވުމަކާއެކު ޒަރާރް ބުންޏެވެ.
''ތަނޫއަށް އެނގޭތަ، ރާއްޖެ އައުމުގެ ކުރިން އަހަރެން ހުރީ ބައްޕަ ކަންތައް ކޮށްފާނެ ގޮތަކާ މެދު ނުތަނަވަސްވެފަ، އެހާ ގިނަ އަހަރު ދުރުގައި ހުރެވުމުން ކަންތައް ވެދާނެ ގޮތެއް ނޭނގޭތީ، އަހަރެން އައުމުން ބައްޕަ ރުޅި އައިސްފާނެ ކަމަށް ވެސް ހީކުރެވުނު، ޔޫ ނޯ؟، އައި ޔޫސްޑް ޓު ރިޒެންޓް ހިމް، އެކަމަކު އެރުޅިވެރިކަމާ ދުރުވުމުން ހަޤީޤަތުގަ މީހާއަށް ލުޔެއް ލިބުނު... މިހާރު ބައްޕައާ އޮތް ރިލޭޝަން ވެސް ރަނގަޅު ވެއްޖެ، މާމަގެ ވަރަށް ބޮޑު އެދުމެއް ޢާއިލީ ގުޅުންތައް ރަނގަޅުވުން، ހާއްސަކޮށް ދައްޔާންއާ، އަހަރެން ވެސް ބޭނުންވާ ގޮތަކީއެއީ...'' ޒަރާރް ބުންޏެވެ. މޭގައި ވަންހަނާވެފައިވި ބިރުވެރިކަމާއި ސިއްރުތައް ތަނާލްއާއި ހިއްސާކުރަން ޒަރާރް ފަހެއް ނުޖެހުނެވެ.
ތަނާލްއަށް އެއްކަމެއް ވަރަށް ސާފު ވިއެވެ. ޕްރޮޖެކްޓަށް ދައްޔާން ގެންނަން ޒަރާރް ގަސްދުކުރި ސަބަބެވެ. އެކުގައި ހޭދަކުރެވޭ ވަގުތު ގިނަވުމުން ޒަރާރްގެ ހުވަފެންތައް ހާސިލުކުރެވިދާނެ ކަމަށް ޒަރާރް ދެކެމުންދާ ކުލަ ރީތި ހުވަފެންތަކެވެ. ޢާއިލީ ހަމަނުޖެހުންތަކަށް ނިމުމެއް އަންނާނެ ދުވަހަކަށް ކުރަމުންދާ އިންތިޒާރެވެ. އޭނަގެ އިއުތިރާޒެއް ނެތްކަން ތަނާލް ހާމަކުރިއެވެ. އޭނައަށް ވެދެވެން އޮތް އެހީއެއް ޒަރާރްއަށް ފޯރުކޮށްދޭން ތަނާލް ހުރީ ތައްޔާރަށެވެ. ހަމައެއާއެކު ޒަރާރްގެ ކޮއްކޮއަށް ދައްޔާން ވުމުން، ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ. ޒަރާރް ފަދަ ހިތްހެޔޮ ޒުވާނަކަށް ވެދާނެކަމަށް ހީކުރެވުނެވެ.
''އިރާދަކުރެއްވިއްޔާ ޒަރާރްގެ ހުވަފެންތައް ހަޤީޤަތަކަށްވާނެ...'' މޭޒުމަތީ ހުރި ޓިޝޫ ހޯލްޑަރުން ޒަރާރް ނެގި ޓިޝޫގައި ތަނާލް ހިފިއެވެ. ލޮލުން ފޭދުނު ކަރުނަ ފޮހެލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
''ތަނޫގެ މޭކަޕް ހަޑިކޮށްލެވުނީދޯ، ސޮރީ އިނގޭ، އަހަރެން ހިޔެއް ނުކުރަން އެހާ ހެވީ ޓޮޕިކަކަށް ގޮސްފާނެޔޭ...'' ސަމާސާއަކުން ތަނާލް ހަމައަކަށް އަޅުވަން ޒަރާރް އުޅުނެވެ.
''އަސްލުވެސް ހަޑިވީތަ؟...'' ޒަރާރްގެ ސަމާސާއާއި ބައިވެރިވަމުން ތަނާލް ބުނެލިއެވެ. އެވަގުތު ދެޒުވާނުންގެ ހުނުމުގެ އަޑު ފަޒާއަށް ފެތުރުނެވެ.
''އައިސް ކިއުބުތައް ވިރިއްޖެދޯ؟...'' ކުރިމަތީ ހުރި ބުއިމަށް އިޝަރާތްކުރަމުން ޒަރާރް ބުނެލިއެވެ.
''ގޯހެއް ނޫން...'' ފުޅާ ހިނިތުންވުމަކާއެކު ބޯބާ ޓީގެ ރަހަ ބަލަމުން ތަނާލް ބުންޏެވެ.
''ތަނޫގެ ކޮއްކޮއެއް ހުރޭތަ؟...'' އެމެރިކާނޯ ބޮމުން ޒަރާރް އެހިއެވެ.
''އުހޫނ...'' ތަނާލް ބުނެލިއެވެ. އޭނަގެ ޢާއިލާގެ މަޢުލޫމާތުތައް ޒަރާރްއަށް ތަނާލް އޮޅުންފިލުވައިދިނެވެ. ނަމަވެސް ހިދާންގެ ނަން ދުލާ ހަމައަށް ގެނައުން އޭނައަށް ފުރަތަމަ ފަސޭހައަށް ނުވިއެވެ. ޒަރާރްގެ މާޒީއާއި ގުޅިފައިވާ އެތައް ވާހަކައެއް ހިއްސާކުރުމުން، އޭނަގެ ހަޔާތުގައި ކުރިމަތިލާން ޖެހުނު އެންމެ ހިތާމަވެރި ހާދިސާ ހިއްސާކުރަން ޒަމީރު ގޮވާލިއެވެ. ހުރަހަކާނުލައި އޭނަގެ ވާހަކަތައް ޒަރާރް އަޑުއަހާނެކަމުގެ ޔަޤީންކަމާއެކުގައެވެ.
''ޒަރާރް، ކޭން އައި ޝެއާރ ސަމްތިންގް؟...'' ތަނާލް އެހިއެވެ.
ތަނާލްގެ މޫނަށް ޒަރާރްގެ ނަޒަރު ހުއްޓުނެވެ. އޭނައަށް ފެނުނީ މީގެ ކުރިން ދެކެފައިނުވާ ޝުޢޫރުތަކެކެވެ. އޭނައާއި ހަތަރުކަޅި ހަމަކުރަން ތަނާލްއަށް އުނދަގޫވެފައިވާ ކަހަލައެވެ. ލިބުނު ހައިރާންކަމުގައި ނިތަށް ރޫތަކެއް އަރައިފިއެވެ. ހިމޭންކަން ދިގުލާން ފެށިއެވެ.
''އަހަންނަށް ޕެނިކް އެޓޭކް ޖެހެން ފެށީ މީގެ އަހަރެއް ކުރިން ދިމާވި އެކްސިޑެންޓަކަށް ފަހު... މައި ހަޒްބެންޑް ޑައިޑް އިން ދި ކްރޭޝް... އަހަންނަށް އެހަޤީޤަތާ ކުރިމަތިލާން ވަރަށް އުނދަގޫވި، ހިތަށް އެރީ ކިހިނެއްހެއްޔޭ ކުރިއަށް ދާނީ، މުޅި މުސްތަޤުބަލު އެމީހަކާއެކު ހޭދަކުރަން ނިންމި ބައިވެރިޔާއާއި ނުލައި އުޅޭނީ ކިހިނެއްހޭ، ތަޤުދީރާ މެދު އަހަރެން ޝަކުވާކުރިން، ކަރުނައާއި އެކަނިވެރިކަމުގެ ތެރޭގައި ދުވަސްތައް ހޭދަކުރިން، މަރުވާނެނަމައޭ ވެސް ހިތަށް އެރި، އެކަމަކު އެއީ ވޭން ބަރުދާސްތުކުރަން އުނދަގޫވުމުން އުފަންކުރުވި ގޯސް ޚިޔާލުތަކެއް، ތެރެޕީ ނަގަން ފެށީ އެހިސާބުން... ކުރި ހިތްވަރުން ކުރިއަށް ދިއުމުގެ ފުރުސަތު ލިބިއްޖެ... އަހަރެން އެކުވެރިޔަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ހުއްޓާ ޒަރާރްއާއި ބައްދަލުވީ... އައިމް ހެޕީ ވީ މެޓް ދެޓް ނައިޓް...'' ތަނާލް ބުންޏެވެ. ހިދާންގެ ވާހަކަތައް ކިޔައިދެވުމާއެކު ނަސުފަށް ހަމަޖެހުން ގެނެސްދިވެ. މިހާރު އެދެމެގައި އެއްވެސް ސިއްރެއް ނުވެއެވެ.
''ތަނާލްއާއި އަހަރެން ބައްދަލުވުމަށް ތަޤުދީރުގަ ލިޔެވިފަ އޮތީމަ އެރޭ ދިމާވީ... އަހަންނާ ތި ވާހަކަ ހިއްސާކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ، ތަނޫ ވަރަށް ހިތްވަރުގަދަ...'' ޒަރާރް ބުންޏެވެ. ތަނާލް ހުސްކޮށްކުރިކަން އެނގުމުން ޒަރާރް އުފަލެއް ނުވިއެވެ. އެއާ ޚިލާފަށް ތަނާލް އިން ނާޒުކު ހާލަތު ދެނެގަވުމުން އެއަންހެންކުއްޖާއާއި މެދު ހިތުގައި އުފެދުނީ މުޅިން ތަފާތު އިހުސާސެކެވެ. މޭގެ ފުނުގައި ރިހުމެއް އުފެދުނެވެ. ތަނާލް އުފުލަމުން އެދަނީ އޭނައަށް ފަހަރެއްގައި ވެސް ދެނެނުގަނެވޭނެ ފަދަ ގިލަންވެރިކަމެކެވެ. ހަޔާތުގެ ބައިވެރިޔާއާއި ކުއްލިޔަކަށް ވަކިވާން ޖެހުމަކީ ވޭނާއި ކެކުޅުން އެކުލެވިގެންވާނެ ކަމެކެވެ. ޚުދު އޭނަގެ މަންމަގެ ދިރިއުޅުމަށް އައި ހީނަރުކަމުގެ އަސްލަކީ ވެސް އެއެވެ. އޭނައަށް ވެދެވެން އޮތް ގޮތަކުން ތަނާލްއަށް އެހީވުމަށް ޒަރާރް ގަސްދުކުރިއެވެ. ރަނގަޅު އެކުވެރިޔެއްގެ މަޤާމުގައި ހުރެގެން އެލަނޑުދަނޑިތައް އޭނައަށް ހާސިލްކުރެވިދާނެއެވެ.
''ދެން މިއެކުވެރިކަމަށް ބަދަލެއް ނާންނާނެ އިނގޭ، ހުރިހާ އެއްޗެއް ހިއްސާކުރެވިއްޖެއެއްނޫންތަ؟...'' ޒަރާރް ބުނެލިއެވެ. މައުނަވީ ހިނތުންވުމަކާއެކު ތަނާލްއަށް ޒަރާރް ބަލައިލި އެވެ.
ބުއިންތަކަށް ފަހު ގޮނޑުދޮށުގައި ހުރި ހިލައިގެ ގޮނޑިއެއްގައި އިށީންނަމުން ތަރިތައް ބަލަން ޒަރާރްއާއި ތަނާލް ތިއްބެވެ. އެހިސާބުގައި މީހުން މަދުވުމުން، ދެޒުވާނުންނަށް ވެސް އެކަނިވެލުމުގެ ފުރުސަތު ލިބުނެވެ. އޭރު ނޭނގުނުކަމުގައި ވިޔަސް، ހަޔާތުގެ ސަމުގާ އޮތީ ދާންވީ މަންޒިލާ ސީދާ ވެފައެވެ. އެކަނިވެރިކަމުގެ އިހުސާސްތައް ތަޤުދީރުގެ ވާފަށުން ގުޅުވާލަދީފިއެވެ.
*****
''މިރެއަށް ޝުކުރިއްޔާ...'' އެޕާޓްމެންޓް ހުންނަ ފްލެޓް ކަރިރިއަށް ކާރު މަޑުކޮށްލުމާއެކު، ޒަރާރްއާއި ވަދާއުގެ ސަލާން ބަދަލުކޮށްލަމުން ތަނާލް ކާރުން ފޭބިއެވެ. ޒަރާރްއާއެކު ހޭދަކުރެވުނު ވަގުތުތަކުން ތަނާލް ހުރީ އުފާވެފައެވެ. ސިކުނޑީގެ ހާސްކަމާ ދުރުވެވިއްޖެއެވެ. އިމާރާތުގެ މައި ދޮރުން ވަނުމުގެ ކުރިން ފަސްއެނބުރި ބަލައިލިއެވެ. ޒަރާރްއަށް އަތުން ހަނާއަޅާލަމުމަށްފަހުގައި އެތެރެއަށް ވަނެވެ.
ތަނާލް ވަންނަން ދެކަށް ކާރުގެ ހުންގާނުގައި އަތް އަޅުވައިގެން ބޯއަރިކޮށް ޒަރާރް ބެލިއެވެ. ލޯކުރިމަތިން ތަނާލްގެ ގެއްލުމާއެކު އެދެލޮލުން ފާޅުވީ ތަފާތު ޖަޒުބާތެކެވެ. ސިކުނޑީގައި އުފެދުނު ޚިޔާލުތަކުން މިރެއާ މެދު އޭނައަށް ފުންކޮށް ވިސްނާލެވުނެވެ. އަމިއްލަ ހިތުގައި އުތުރިއަރަމުންދާ ޖަޒުބާތުތަކާ ދުރުވުން އެއީ އެންމެ ބުއްދިވެރި ގޮތެވެ.
''ތަނޫއަށް މިވަގުތު ބޭނުމީ އެކުވެރިޔެއް، އަހަންނަކަށް ނޭނގޭ ތަނޫ ފެނުމުން އަހަންނަށް މިވާ ގޮތެއް ބުނެދޭކަށް، މީގެ ކުރިން އަންހެންކުއްޖަކު ފެނުމުން ނުއުފުދޭ ވަރުގެ ޝައުޤުވެރިކަމެއް އުފެދިއްޖެ، އެއީ ކީއްވެގެންބާ؟... ކޮންމެ ގޮތަކަށް ވިޔަސް އަހަރެން އެބަޖެހޭ މިކަމާ ދުރުވާން، އައި ހޭވް ޓު ލެޓް ގޯ އޮފް ދިން އިންފެޗުއޭޝަން...'' ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު އަމިއްލަ ނަފުސަށް ޒަރާރް ބުނެލިއެވެ. ކާރުގެ ހުންގާނުގައި ނިއްކުރި ޖައްސާލަމުން ދެލޯ މަރައިލެވުނެވެ. އެގޮތުމުގެ މަތިން އިރުގަނޑެއް ފާއިތުވެގެން ދިޔަ އެވެ. ގެއަށް ދިއުމަށްޓަކައި ކާރު ދުއްވާލީ މުޅިން އެހެން އަޒުމަކާއެކުގައެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ކޮބާވާހަކަ
ފާތު - 4 ހަފްތާ ކުރިން
އަނެއް ޕާޓު އަވަހަކޮށް ގެނެއްސަދީބަލަ ހާދާހާ ރީއްޗޭ! ލަވް ދިސް
ލެމަން - 4 ހަފްތާ ކުރިން