ހުޅުމާލެ ފޭސް 1 ގައި ކުރިން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންކުރި އިމާރާތް، ހުޅުމާލެ ޖަލުގެ އާ ޔުނިޓެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ހުންނަ އެ އިމާރާތަކީ މިހާރު ހުޅުމާލެ ޖަލުގެ 6 ވަނަ ޔުނިޓެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ޖަލު ޔުނިޓު ހުންނަނީ ދެ ފްލޯއަށް ކަމަށާއި، އެތަނަކީ 149 މީހުންގެ ޖާގައިގެ ތަނެއް ކަމަށެވެ.

ޖަލު ޔުނިޓްގެ ފަސް ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބޮލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ފުރަތަމަ ބެޗްގެ 16 ގައިދީން އިއްޔެ އެ ޔުނިޓަށް ވަނީ ބަދަލުކޮށްފައިކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

މިއީ ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ގައިދީން ބޭތިއްބުމަށް، ހޯލްޑިން ސެލްތައް އެކުލެވޭ ގޮތަށް އޭސީއާއެކު ބިނާކުރާ ޔުނިޓެއްކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އަދި އެ މަސައްކަތުގެ ގުރައުންޑް ފޮލޯގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއް ލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދުތައް ކުޑަވެގެންދާނެކަމަށް ކަރެކްޝަންސްއިން ބުންޏެވެ.