މިއަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ކަނޑައަޅާފައިވާ ހިލޭ އެހީ ނުވަތަ "ބްލޮކް ގްރާންޓް" ގެ ތެރެއިން މިހާތަނަށް އެއް ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައި ބުނެފިއެވެ.

ފިނޭންސުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ދޫކޮށްފައިވާ ފައިސާއަކީ މިއަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދިނުމަށް ކަނޑައެޅި 2.5 ބިލިއަން ރުފިޔާގެ ގާތްގަނޑަކަށް 40 ޕަސަންޓެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ ބޮޑު އިތުރުވުމެއްކަމަށް ތަފާސްހިސާބުގައިވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ދޫކޮށްފައިވަނީ 700 މިލިއަން ރުފިޔާކަމަށް ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ.

ކައުންސިލްތަކަށް ދޫކުރާ މި ފައިސާއަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އާއި، އިދާރީ ހިންގުމުގެ ހަރަދުތައް ބެލެހެއްޓުމަށް ދައުލަތުން ދޭ އެހީއެކެވެ. ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޭން ފަށާފައިވަނީ 2020 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކުގައެވެ.

މި ފައިސާ ކައުންސިލްތަކަށް ބަހާލުމުގައި ބަލާ މައިގަނޑު މިންގަނޑުތަކަކީ:

  • ރަށުގެ އާބާދީގެ ބޮޑުމިނާއި ބިމުގެ ސަރަހައްދު.
  • މާލެއާއި އަތޮޅު ވެރިކަން ކުރާ ރަށާ ހުރި ދުރުމިން.
  • އެލްޖީއޭއިން ވަޒަންކުރާ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު (ޕާފޯމަންސް ސްކޯ).

ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، 2022 ވަނަ އަހަރު 2.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައިވާއިރު، މިދިޔަ 2023 ވަނަ އަހަރު ބަޖެޓުކުރި 2.1 ބިލިއަން ރުފިޔާގެ އިތުރުންވެސް 8 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ކައުންސިލްތަކަށް ހޭދަކޮށްފައެވެ.