ނޭޕާލް ފަޅިން އެއް ދުވަހެއްގެ ތެރޭގައި 274 މީހުން ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ އެންމެ މައްޗަށް އަރައި އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު މި ރެކޯޑު ގާއިމުކޮށްފައިވަނީ، ގަނޑުފެން ފޭބުމުގެ ނުރައްކާތަކާ ހުރެ ފަރުބަދައަށް އެރުން ލަސްވެފައި އޮތުމަށްފަހު، މޫސުން ރަނގަޅުވި ވަގުތުގެ ބޭނުން ހިފައިގެންނެވެ. އެކްސްޕެޑިޝަން އޮޕަރޭޓާސް އެސޯސިއޭޝަން އޮފް ނޭޕާލްގެ ސެކްރެޓަރީ ޖެނެރަލް ރިޝީ ރާމް ބަންޑާރީ ވިދާޅުވި ގޮތުގައި، މިއީ ނޭޕާލް ފަޅިން އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު ފަރުބަދައިގެ އެންމެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2019 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު 223 މީހުންނާއެކުގައެވެ.

މި އަހަރު ޗައިނާގެ ޓިބެޓް ފަޅިން އެވަރެސްޓަށް އެރުން މަނާކޮށްފައިވުމުން، ހުރިހާ އެންމެންވެސް ފަރުބަދައަށް އަރަމުންދަނީ ނޭޕާލް ފަޅިންނެވެ. ނޭޕާލްގެ ޑިޕާޓްމަންޓް އޮފް ޓުއަރިޒަމްގެ އޮފިޝަލެއް ކަމަށްވާ ހިމާލް ގޯތަމް ވިދާޅުވި ގޮތުގައި، 250 އަށްވުރެ ގިނަ މީހުން ފަރުބަދައަށް އެރިކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް، ރަސްމީކޮށް އަދަދު ކަށަވަރުކުރެވޭނީ ފަރުބަދައަށް އެރިކަމުގެ ހެކިތަކާއި ފޮޓޯތައް ހުށަހެޅުމުންނެވެ. އަދި އޭގެ ފަހުން ފަރުބަދައަށް އެރިކަމުގެ ސެޓްފިކެޓްތައް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު ފަރުބަދައަށް އެރުމާ ގުޅިގެން، ތިމާވެއްޓަށާއި މީހުންގެ ފުރާނައަށް ނުރައްކާވެދާނެކަމުގެ ކަންބޮޑުވުން ފަރުބަދައަށް އަރާ މީހުންގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ. ހާއްސަކޮށް ފަރުބަދައިގެ އެންމެ މަތީގައިވާ “ޑެތު ޒޯން” ގައި މީހުން ތޮއްޖެހުމުގެ ސަބަބުން، އޮކްސިޖަން މަދުވެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. މި ސަރަހައްދަކީ އިންސާނުން ދިރިހުރުމަށް ބޭނުންވާ ވަރަށްވުރެ ގުދުރަތީ އޮކްސިޖަންގެ މިންވަރު ދަށް ސަރަހައްދެކެވެ.

މި އަހަރު އެވަރެސްޓަށް އެރުމަށް ނޭޕާލުން 494 ހުއްދަ ދޫކޮށްފައިވާއިރު، ކޮންމެ ހުއްދައަކަށް 15،000 އެމެރިކާ ޑޮލަރު ނަގައެވެ. މީހުން ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ނޭޕާލް ސަރުކާރުން ވަނީ ފީ ބޮޑުކޮށް، ގަވާއިދުތައް ހަރުކަށިކޮށްފައެވެ.