ނޭޕާލުގެ ގާނޫނުއަސާސީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސް ވަނީ ނޭޕާލުގެ ރައީސް ރާމްޗަންދްރާ ޕައުޑެލް އަދި ބޮޑުވަޒީރު ބަލެންޑްރާ ޝާހުއަށް ވަކިވަކިން ސިޓީފުޅު ފޮނުއްވާފައެވެ.

އެ މަނިކުފާނު ފޮނުއްވި ސިޓީފުޅުތަކުގައި ދުވަހުގެ މުބާރަކުބާދީ އަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ކުރާ ގަދަރާއި ސުލްހަމަސަލަސްކަމުގެ މައްޗަށް ބިނާވެފައިވާ މި ގުޅުން، ކުރިމަގުގައި އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ދެ ގައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައާއި ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި އެކުގައި މަސައްކަތްކުރުމަށް ރާއްޖެއިން އެދޭކަންވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ނޭޕާލުގެ ވެރިންނަށް ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް އަމާންކަމާއި، ކުރިއެރުމާއި، ފާގަތި ދުވަސްތަކަކަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނޭޕާލުގެ ގާނޫނުއަސާސީ ދުވަހަކީ ސެޕްޓެމްބަރު 20، 2015 ގައި އެ ގައުމުގެ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާ ގުޅިގެން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.