ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި މިއަންނަ އަހަރުވެސް ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެންމެ އަސާސީ ހައްގު ކަމުގައިވާތީ، އެ ހައްގު ފުރިހަމައަށް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާކަމަަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ރިޔާސީ ބަޔާނުގެ އިއުލާނުކުރިން ރަށްރަށުގަ އަދި މިއަހަރުގެ ތާޑް ކުއާޓަރަށް ދާއިރުގަ މިހާރު ކުޑަކޮށް ޑިލޭ ވެދާނެ މި މެދުއިރުމަތީގެ ހަނގުރާމައާ އެކީގަ ފަހު ކުއާޓާއަށްވެސް، އިތުރު ހައުސިން މަޝްރޫއުތައް ފަށާނެކަމަށް. ދެން އެހެންމާ ބޯހިޔާވަހިކަމުގެ ދާއިރާއިންވެސް އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު މަސައްކަތެއް އެބަކުރެވެއޭ. ދެން މިއަންނަ އަހަރުވެސް އިތުރު މަޝްރޫއުތައް ކުރިއަށް ދާނެ" ރައީސް ވިދާޅުވިއެވެ.

މިވަގުތު ކުރިއަށްދާ މަޝްރޫއުތަކުގެ ތަފުސީލު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި އެކަނިވެސް 4،000 އެއްހާ ފުލެޓު އެޅުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްގެ ދަށުން 2،000 ހައުސިން ޔުނިޓް އެޅުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 13 ރަށެއްގައި 900 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިރު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށްވެސް ބޮޑެތި ރަށްރަށުގައި މަޝްރޫއުތައް ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ އެލްއޯސީގެ ދަށުން އަޅާ 4،000 ޔުނިޓްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި، ޗައިނާ ސަރުކާރުގެ އެހީގައި އަޅާ 500 ހައުސިން ޔުނިޓްގެ އިދާރީ ކަންކަންވެސް ކުރިއަށްދާ ކަމަށެވެ.

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމައި ހައްގުވެރިންނަށް ފުލެޓާއި ގޯތި ހަވާލުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ނުހިއްކާ ހުރި ބިންތަކުން ގޯތި ދޫކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން ގޯތި ހަވާލުކުރާނީ ބިން ހިއްކުމަށްފަހުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަމިއްލަ ފަރާތްތަކަށް ބޯހިޔާވަހިކަން ބިނާކުރުމަށް ބޭނުންވާ ހައުސިން ލޯނުތައް ދޫކުރުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.