ކުރީ ސަރުކާރުތަކުގައި ސިޔާސީ ފަރާތްތަކުން ސިޔާސީ މަސައްކަތް ކުރުމަށް ބިރުވެރިކަން އޮތް ނަމަވެސް، މި ސަރުކާރުގައި ސިޔާސީ މަސައްކަތް ކުރުމަށް އެއްވެސް ބިރުވެރިކަމެއް ނޯންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ސިޔާސީ މަސައްކަތް ކުރާ މީހުން ޖަލަށް ލުމަކީ އެ ސަރުކާރުތަކުން "ހޮބީ" އެއްގެ ގޮތުގައި ކުރަމުންދިޔަ ކަމެއް ކަމަށެވެ. އެކަމަށް ނިމުމެއް ގެނެސްފައިވަނީ މި ސަރުކާރުންކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީގޮތުން އެއްވެސް މީހަކު ޖަލަށްލާފައި ނުވާނެ ކަމަށާއި، ކޮންމެ މީހަކަށްވެސް ސިޔާސީ މަސައްކަތް ކުރެވޭނެ ގޮތް މި ސަރުކާރުން ފަހިކޮށްދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރީ ސަރުކާރުތަކުގައި ސިޔާސީ މަސައްކަތް ކުރުމުގައި ބިރުވެރިކަން އޮތް ނަމަވެސް މިއަދު ރާއްޖޭގައި އެފަދަ ބިރުވެރިކަމެއް ނޯންނާނެ" ރައީސް ވިދާޅުވިއެވެ.
"އެންމެންނަށްވެސް އޮންނަ މިނިވަންކަމެއް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ. އެ މިނިވަންކަން ބޭނުންކުރަންވީ ހަމަ އޭގެ އެންމެ ފުޅާމިނުގައި. އެކަމަކު ކޮންމެ މީހަކަށްވެސް އޮތް ހުދޫދު އެންމެނަށްވެސް އެޕްލައިވާނެ. މުސްލިމަކަށްވީތީ އެޕްލައިވާ ހުދޫދު އޮންނާނެ. އެހެން މީހުންގެ އަބުރު ކަތިލުމާއި އެހެންމީހުންގެ ހައްގުތަކަށް އަރައިގަތުމަކީ އިސްލާމްދީނުގައި މަނާކަމެއް. އަދި ރާއްޖޭގެ ގާނޫނުއަސާސީގައިވެސް ހުއްދަ އޮތް ކަމެއް ނޫން. އެ އިމާއި މިންގަނޑުގެ ތެރޭގައި އަޅުގަނޑުުމެން ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރަންވީ"
ރައީސް ވިދާޅުވީ ސިޔާސީ ފަރާތްތަކުން އެންމެ އިސްކަމެއް ދޭންވާނީ ގައުމުގެ ހަމަޖެހުމަށް ކަމަށެވެ. ސަރުކާރުތަކުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅުންނަކީ ބޮޑު ޒިންމާއެއް ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ބައެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޒިންމާދާރު ސިޔާސީ އިދިކޮޅު ޕާޓީއަކުން މަސައްކަތް ކުރަންޖެހޭނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި، ސަރުކާރުން ގައުމަށާއި، ރައްޔިތުންނަށް ފައިދާކުރާނެ ކަންކަން ކުރާ ނަމަ، އެކަމަށް ތާއީދުކުރުން ކަމަށް ކަމަށެވެ.
ނަމަވެސް މިހާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ހަރަކާތްތެރިވަމުންދާ މަންޒަރު ނުފެންނަ ކަމަށާއި، ޑިމޮކްރަސީ ފައްކާކުރާ ނަމަ، ބަދަލު ހިފުމުގެ ރޫހު ދޫކޮށް އަމިއްލަ ނަފުސަށްވުރެ ބޮޑަށް ގައުމު އިސްކުރަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު