ސްރީ ލަންކާއަށް އެތެރެވުމުގެ ކުރިން ހޯދަންޖެހޭ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލުން މަޖުބޫރުވާނެކަން އެ ގައުމުން އިއުލާނުކޮށްފިއެވެ.
އެ އުސޫލަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މެދުކަނޑާލާފައި އޮތް އުސޫލެކެވެ.
ރާއްޖޭގައި ހުންނަ ލަންކާ ހައި ކޮމިޝަނުން މިއަދު ފޭސްބުކުގައިކުރި ޕޯސްޓެއްގައި ބުނީ، ޓޫރިސްޓުންގެ ގޮތުގައި އެ ގައުމަށްދާ ހުރިހާ ބޭރު ގައުމުތަކުގެ މީހުންވެސް ދަތުރު ފެށުމުގެ ކުރިން އީޓީއޭ ހޯދަން ޖެހޭނެ ކަމަށެވެ.
ނަމަވެސް، ދިވެހިންނަށް ކުރިންވެސް އޮންނަ އުސޫލުގެ ދަށުން، އެއްވެސް ފީއަކާ ނުލައި 90 ދުވަހުގެ ޓޫރިސްޓު ވިސާ ލިބޭނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ލަންކާއަށް ދަތުރުކުރާ ފަރާތްތަކުން eta.gov.lk ވެބްސައިޓު މެދުވެރިކޮށް، ދަތުރު ފެށުމުގެ މަދުވެގެން 24 ގަޑިއިރު ކުރިން މި ހުއްދައަށް އެދި ހުށަހަޅަން ޖެހޭނެކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ލަންކާ ސަރުކާރުން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ހިލޭ އީޓީއޭ ލިބޭ ގައުމުތަކުގެ އަދަދު 40 އަށް އިތުރުކުރަން ނިންމާފައެވެ. ނަމަވެސް އެކަން ތަންފީޒު ނުކުރެވި އޮތުމަށްފަހު، މި މަހުގެ ހަތްވަނަ ދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ވަނީ ރާއްޖެ ހިމެނޭ ގޮތަށް އެ ލިސްޓު ފާސްކޮށްފައެވެ.
މީގެ ކުރިން މި އިނާޔަތް ލިބެނީ ހަމައެކަނި އިންޑިއާ، ޗައިނާ، ރަޝިއާ އަދި ޖަޕާން ފަދަ މަދު ގައުމުތަކަކަށެވެ. ވިސާގެ ކަންކަން އައުޓްސޯސް ކުރުމަށް އިންޑިއާގެ ކުންފުނިތަކަކާ އެކު ލަންކާ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން، ކޮންމެ މީހަކު 25 ޑޮލަރުގެ ޕްރޮސެސިން ފީއެއް ދައްކަންޖެހޭ ގޮތަށް ކުރިން އޮތް ނަމަވެސް، އެ މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން މިހާރު ވަނީ އެ އުސޫލަށް އަމަލުކުރުން ހުއްޓުވާފައެވެ.
މުހައްމަދު އިޝާން
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ