އޮފް ދުވަހަށް ވުމުން ގޭތެރޭގެ ކަންތަކުގައި މަންމައަށް އެހީވުމުގައި ތަނާލް އުޅުނެވެ. ލޯންޑްރީ ރޫމަށް ވަދެ ދާވަށިގަނޑުގައި ހުރި އަންނައުނުތައް މެޝިނަށް އަޅައި ޖައްސާލިއެވެ. އޭނަގެ ފޯނަށް މެސެޖެއް އައީ އެވަގުތެވެ. ފޯނު ބެލުމުގެ ކުރިން ވެސް އެއީ ކާކުކަން ނަގައިގަނެވުނެވެ. ބޭއިހްތިޔާރުގައި ތަނާލްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.
''މޫވީ ނައިޓަށް ރެޑީތަ؟...'' ޒަރާރް އަހާފައި އޮތެވެ.
ދެމީހުންގެ ޝެޑިއުލް ބަލައިގެން ފިލްމު ބަލަން ދާން ހަމަޖެހުނު ދުވަހަކީ އެއީއެވެ. ރޭގަނޑު އަށެއް ޖަހާއިރު އޮތް ޝޯއަކަށް ޒަރާރް ޓިކެޓު ވެސް ނަގައިފިއެވެ.
''ރެޑީ، އަދިވެސް ނުބުނަމެއްނު ކޮން ފިލްމެއް ކަމެއް...'' ލޯންޑްރީ ރޫމުން ނިކުންނަމުން ތަނާލް ޖަވާބު ދިނެވެ. އޭނަ ގޮސް އިށީނީ ބޮޑުކޮޓަރީގެ ސޯފާގައެވެ. ބުރަކަށީގެ ފަހަތަށް ކުޝަން ލައްވާލަމުން ހަމަޖެހިލިއެވެ.
''ސަޕްރައިޒެކޭ...'' ޒަރާރް ބުންޏެވެ. ''އެކަމަކު ތަނޫއަށް ކަމުދާނެކަމުގެ ޔަޤީންކަން ދޭނަން...''
''އޯކޭ، އޯކޭ، ޤަބޫލުކޮށްފީމޭ...'' ތަނާލް ލިޔުނެވެ.
ކާމޭޒު ދޮށުގައި އިން ސުމައްޔާގެ ނަޒަރު ހުއްޓިފައިވަނީ ތަނާލް އަށެވެ. ތަނާލްގެ މިޒާޖަށް އަންނަމުންދާ ބަދަލުތައް އޭނައަށް ފާހަގަވެފައިވާތާ ދުސްކޮޅެއް ވެއްޖެއެވެ. ކުރީގެ ނުތަނަވަސްކަމާއި ހިތާމައިގެ އަސަރު ފިލާ މުޅިން ތަފާތު ހިތްވަރެއް ލިބިފައިވާ ކަހަލައެވެ. ހިނިތުންވުމާއި އުފާވެރިކަން އެމޫނުން ރަމްޒުކޮށްދެއެވެ. އެކަނިވެރިކަމަށް ލޯބިކުރުން ހުއްޓާލައިފިއެވެ. ގިނަ ވަގުތު އޭނައާއި ހާރޫނާ އެކުގައި ހޭދަކުރެއެވެ. މުޅިން ތަފާތު ޖޯޝެއް ފެންނަމުން އެބަދެއެވެ. އެކަމާ ސުމައްޔާ ހުރީ އުފަލުން ގޮސް ރޮވޭހާ ވެފައެވެ. ކެތްތެރިކަމާއެކު ކުރި ދިގު އިންތިޒާރަށް ނިމުން އައުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. އެތައް ދުވަހެއްގެ ދުޢާތައް މާތްﷲ އިޖާބަކޮށްދެއްވައިފިއެވެ. ﷲއަށް ހަމްދުކުރެވުނު އަދަދެއް ނޭނގެއެވެ. އެއުފާވެރިކަމުގެ ފަހަތުގައި ހިތްނުވަސްކަން ފޮރުވިފައި އޮތެވެ. ކުރީގެ ހާލަތަށް އަނބުރާ ގޮސްފާނެ ކަމުގެ ހާސްކަމެވެ. އެޚިޔާލުތަކާ ދުރުވާން ސުމައްޔާ މަސައްކަތްކުރިއެވެ. ވަގުތީ ރާހަތެއް ލިބުމަށް ނޭދޭތީއެވެ.
''އިރާދަކުރެއްވިއްޔާ ދެން ދާނީ ރަނގަޅުވަމުން، ތަނޫއަކީ ކެތްތެރި ކުއްޖެއް......'' އޭނަގެ ޒަމީރަށް ސުމައްޔާ ވިސްނައިދިނެވެ. ''ހާރޫން ބުނީ ތެދެއް، އޮފީހަށް ދާން ފެށިފަހުން މަޑުމަޑުން ހަމައަކަށް އެބައެޅޭ...''
ތަނާލްގެ އަތުން ފޯނު ދޫނުވާތީ އެކަމާ ވެސް ސުމައްޔާއަށް ވިސްނެއެވެ. އިސްވެ ސުވާލުނުކުރަނީ ވަގުތު ޖެހުމުން ތަނާލް ހާމަކުރާނެތީއެވެ. ދަރިފުޅުގެ މައްޗަށް ފުރިހަމައަށް އިތުބާރުކުރަން ސުމައްޔާ ހުރީ ނިންމައިގެންނެވެ.
ސުމައްޔާ އުޅުނީ މެންދުރުގެ ކެއުމަށް ތަރުކާރީ ކޮށާށެވެ. އެކަމުގައި މަސްއޫލުވެފައި އިންދާ ތަނާލް އަތުވެއްޖެއެވެ. ކާމޭޒު ދޮށުން ގޮނޑިއެއް ދަމާލައި، އޭގައި އިށީންމުން ސުމައްޔާގެ އަތުން ކަޓިން ބޯޑާއި ވަޅި ހޯދިއެވެ. ސުމައްޔާ ދެކޮޅެއް ނެހެދިއެވެ. އޭނަ އިނީ ތަނާލްއަށް ބަލާށެވެ.
''މަންމާ، މިރޭ އަޅުގަނޑު އެބަޖެހޭ ބޭރަށް ގޮސްލަން...'' ތަނާލް ބުންޏެވެ.
''އޮފީހުގަ ކަމެއް އޮތީތަ؟...'' ސުމައްޔާއަށް އަހާލެވުނެވެ.
'ނޫން.، ރައްޓެއްސަކާއެކު ފިލްމެއް ބަލަންދާން މިއުޅެނީ..'' ތަނާލް ބުންޏެވެ.
''އެހެންތަ؟...'' ސުމައްޔާއަށް ލިބުނީ ހައިރާންކަމެވެ. ތަނާލްގެ ރައްޓެއްސަކު ހުރުމުން ސުވާލު އުފެދުނެވެ. އޭނައާއި ހިއްސާކޮށްފައި ނުވާތީއެވެ.
މަންމަގެ ސުވާލާއެކު މަންމައަށް ތަނާލް ބަލައިލިއެވެ. މަންމަގެ މޫނުގައިވި ކުލަވަރުތައް ނަގައިގަނެވުނީ ދެނެވެ. ޒަރާރްއާއި އޮތް އެކުވެރިކަން މަންމައަށް ހާމަނުކުރެވޭކަން ރޭކާލުމާއެކު، އޭނަ އަވަސްވެގަތީ މަންމަގެ ދެލޮލުން ފާޅުވި ސުވާލުތަކަށް ޖަވާބުދޭށެވެ.
''ލައްބަ، މަންމަ ހަނދާންވޭތަ އަޅުގަނޑާ ބައްޕަ ހަވާލުކުރި ޕްރޮޖެކްޓް؟...'' ތަނާލް އެހިއެވެ.
''ސަރުވާ އިންޑަސްޓްރީސްގެ ޕްރޮޖެކްޓްތަ؟...'' ކާމޭޒުމަތީ ދެކެވުނު ވާހަކައަކަށްވުމުން ސުމައްޔާ ހަނދާން ހުއްޓެވެ. އޭނައަށް ލަފާކޮށްލަން އުނދަގޫވީ އެވާހަކައިގެ މިސްރާބެވެ. އެހެންކަމުން އޭނަ މަޑުކޮށްލީ ތަނާލް އޮޅުންފިލުވައިދެންދެކަށެވެ.
''ޒަރާރް އިނގޭދޯ؟... ސަރުވާ އިންޑަސްޓްރީސްގެ ސީ.އީ.އޯ؟، މަންމަމެންނާއެކު ދިޔަ ހަފްލާފަ ތަޢާރަފްކޮށްދިނެއްނު...'' ތަނާލް ބުންޏެވެ. އޭނަ ބޭނުންވީ ޒަރާރްއާއި އޭނަގެ ފުރަތަމަ ބައްދަލުވުމަށް އަލިއަޅުވާލަމުން ކިޔައިދޭށެވެ. އެރޭ އޭނައަށް ދިމާވި ހާލަތެވެ. އޭނަގެ މަދަދުގާރަކަށް ޒަރާރް ވީ ގޮތެވެ. ހިމޭންކަމާއެކު އޭނައަށް ދިން ހިތްވަރެވެ. އޭރު ތަނާލްއަށް ނޭނގުނުކަމުގައި ވިޔަސް، އެއީ ދެޒުވާނުންގެ އެކުވެރިކަމުގެ ފެށުމެވެ.
''އެވަރުކަމެއް ވީއިރު މަންމަ ގާތު ނުބުނީ ކީއްވެތަ؟، މަންމައަށް ހީވިޔޭ ދަރިފުޅަށް ކަމެއް ވިހެން...'' ސުމައްޔާއަށް ޝަކުވާކޮށްލެވުނެވެ.
''މަންމަ ކަންބޮޑުވެދާނެތީ ބުނަން ނުކެރުނީ، އެކަމަކު ޒަރާރް އަޅުގަނޑަށް އެހީވުމުން މުޅިން އަހަމައަކަށް އެޅުނޭ، އައިމް ބެޓާރ ނައު...'' ތަނާލް ހިނިތުންވެލިއެވެ.
ޝައްކަކާއި ނުލައި ތަނާލްގެ ވާހަކަތައް ސުމައްޔާ ޤަބޫލުކުރިއެވެ. ހިތާހިތުން ޒަރާރްއަށް ޝުކުރެވި ވެވުނެވެ. ތަނާލްގެ އެކަނިވެރިކަމަށް ނިމުމެއް ގެނެސްދިނީ ޒަރާރް ވިއްޔާ އެވެ. މިއަދު ތަނާލްގެ މޫނުން ފެންނަ އުފާވެރިކަމުގެ ފަހަތުގައި އޮތް ޒަރާރްގެ ހިއްސާ ވަރަށް ބޮޑެވެ. އެވެދިން އިހުސާންތެރިކަމުން، ޒަރާރްއަށް ސުމައްޔާގެ ހިތުން ހާއްސަކަމެއް ދެވުނެވެ. ކުރިން ވެސް ޒަރާރްއަކީ ވަރުގަދަ ޝަހުސިއްޔަތެއްގެ ޒުވާނެއްގެ ގޮތުގައި ދެކެވުނެވެ. ތަނާލް ހިއްސާކުރި ވާހަކަތަކުން، ޒަރާރްއަކީ އޯގާތެރި އަދި ހިތްހެޔޮ ޒުވާނެއްކަމުގެ ޔަޤީންކަން ވެސް ލިބިގެން ހިނގައްޖެއެވެ.
''މަންމަ ވަރަށް އުފާވެއްޖެ ޒަރާރް ކަހަލަ ރަނގަޅު އެކުވެރިޔެއް ލިބުނީމަ، މަންމަ ބުނީމެއްނު ތަނޫގެ ކުރީގެ އެކުވެރިންނަށްވުރެން ރަނގަޅު އެކުވެރިޔަކު ލިބޭނެޔޭ... މިހާރު ބަލާބަ...'' ސުމައްޔާ ބުންޏެވެ. އެކަމާ އެއްބަސްވަމުން ތަނާލް ހިނިތުންވެލިއެވެ.
*****
ޒަރާރް ބުނި ގަޑިއަށް ރީތިވެލައިގެން ތަނާލް ހުރީ ތިރިއަށް ފައިބައެވެ. ކަޅުކުލައިގެ އަބަޔާއެއްގައި މެރޫން ކުލައިގެ ޝޯލްއެއްއަޅައިގެން ހުރި ތަނާލް ފެންނަނީ ބަނިޔާދަކަމާއެކުގައެވެ. ކެއުންބުއިމަށް ފަރުވާތެރިވުމުން ރޫފަ ރަނގަޅުވާން ފަށައިފިއެވެ. އަމިއްލަ ސޫރައާއި ހަށިގަނޑަށް ލޯބިކުރެވެން ފަށައިފިއެވެ. އެއީ ތަނާލްގެ ރީތިކަމަށް ދިރުން ގެނެސްދިން ކަމަކަށް ވިއެވެ.
އިންތިޒާރުގައި ހުރި ތަނާލްގެ ނަޒަރު އުޑުގައި ފިޔަޖަމުންދާ ތަރިތަކަށް ހުއްޓުނެވެ. ކަޅުފޮއި ރެޔެއްކަމުން ތަރިތަކުގެ ޖާދޫ ރީއްޗަށް ފެނެއެވެ. އެއީ ބަލައިލަން ހިތްގައިމު މަންޒަރެކެވެ. ތަރިތަކުގެ ތެރެއަށް ގެއްލިފައި ވަނިކޮށް ގާތުން ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. ވައިރޯޅިތަކާއެކު ނޭފަތާ ހަމައަށް ގެނެސްދިން ސެންޓުގެ ވަހުން ކާކުކަން ދެނެގަނެވުނެވެ.
ޒަރާރްއަށް ތަނާލް ބަލައިލިއެވެ. ޖިންސުގެ ޖީބަށް އަތް ޖަހައިގެން ޒަރާރް ހުރީ ތަނާލް ފަދައިން އުޑަށް ބަލަހައްޓައިގެންނެވެ. ދެޒުވާނުންގެ ދެމެދުގައި އޮތް ދާއިރާ ބޮޑެވެ. ތަނާލްއަށް އުނދަގުލެއް ވެދާނެތީ އެކަމަށް ޒަރާރް ސަމާލުވެއެވެ. އެއީ ވެސް ތަނާލްއަށް ކަމުދާ ސިފައެކެވެ.
''ކޮންއިރަކު އައީ؟...'' ތަނާލް އެހިއެވެ.
''އިރުކޮޅެއްވެއްޖެ، ތަނޫއަށް ގޮވާލުމުން ޚަބަރެއް ނުވީމަ މިއައީ، އައި ގެސް ޔޫ އާރ އެ ފޭން އޮފް ސްޓާރގޭޒިންގް...'' ޒަރާރް ބުންޏެވެ. މަންމަ މަތިން ޒަރާރް ހަނދާންވިއެވެ. ދުނިޔޭގައި ހުރި އިރު އެއީ މަންމަގެ ހޮބީއެވެ. ކައުނުގައިވާ ސިއްރުތަކުގެ ތެރެއަށް ގެއްލިފައިވާ ހިނދު މަންމަގެ ހިތާމަތަކަށް ނިމުމެއް އައިސްފައިވާހެން ހީވާނެއެވެ. މަދު ހާލަތެއްގައި ނުފެންނަ ހިނިތުންވުންތައް ތުންފަތާ ކުޅެލާނެއެވެ. ޚިޔާލާއި ފިކުރުތައް ގިނަވުމުން މަންމަ ހަމައަކަށް އަޅުވާލެވޭ ހަމައެކަނި ގޮތަކީ އެޔެވެ. ވޭން އެކުލެވިގެންވި އެހަނދާންތައް ތަނާލްއާއި ގުޅުވާލެވުމުން ރިހުމަށް ލުޔެއް ލިބުނުހެން ހީވިއެވެ.
''ސްޕޭސް އިޒް އެ މިސްޓްރީ...'' އުޑަށް އިޝާރާތްކޮށްލަމުން ތަނާލް ބުންޏެވެ. ''ޒަރާރްއަށް އެނގޭތަ؟، ބައެއްފަހަރު ޤުދުރަތުގެ އަޖައިބުތަކަށް ވިސްނުން ހިނގާލުމުން އެހުރިހާ ކަމެއް އެންމެ ފުރިހަމައަށް ލެއްވި ﷲގެ ކުޅަދުންވަންތަކަން ތަސައްވަރުކުރެވޭ، އެކަލާނގެއަށް ފުރިހަމައަށް އިތުބާރުކުރުވެމުން ފިކުރުތަކާ ދުރުވާން ފަސޭހަވޭ...''
ތަނާލްގެ މޫނަށް ޒަރާރް ފުން ނަޒަރަކުން ބަލައިލިއެވެ. އެދެލޮލުގައި ފުންމިން ނޭނގޭ ހިތާމަތަކެއް ފޮރުވިފައިވެއެވެ. ޒަރާރްގެ ޒަމީރު ގޮވާލީ އެސިއްރުތައް ހޯދުމަށެވެ. ތަނާލްއަށް ހަމަޖެހުން ގެނެސްދިނުމަށެވެ.
ޒަރާރް ބަލަމުން ދަނިކޮށް ތަނާލްގެ ނަޒަރު ވެސް ޒަރާރްއަށް ހުއްޓުނެވެ. ޒަރާރްއަށް ހީވީ ވަގުތު ހުއްޓުމަކަށް އައިހެންނެވެ. ވެރިވެގެން އައި ހަމަހިމޭންކަމުގެ ތެރެއިން ދަމާބާރެއް އެދެމެދުގައި އުފެދުނުކަން ގައިމެވެ. ވަށައިގެންވި ވުޖޫދު ވެސް އޭނަގެ ލޮލަށް ފަނޑުވިކަހަލައެވެ. ތަނާލް ފިޔަވައެވެ. އަވަސްއަވަހަށް ނަޒަރު ވަކިކޮށްލެވުނީ ތަނާލް ހީކޮށްފާނެ އެއްޗަކާ މެދު ނުތަނަވަސްވީވަރުންނެވެ.
''ހިނގާ އަވަހަށް ދަމާ... ގަޑި ޖެހިދާނެ...'' އަތުކުރީ އޮތް ގަޑިއަށް ބަލަމުން ޒަރާރް ބުނެލިއެވެ. ދެން އޭނަ އިޝާރާތްކޮށްލީ ކާރަށެވެ.
''އަހަރެން ޗޫޒްކުރި ފިލްމާ މެދު ތަނޫގެ ޚިޔާލު ހުރި ގޮތެއް ބަލައިލާ ހިތުން ކެތްމަދުވެފަ މިހިރީ...'' ކާރު ދުއްވާލަމުން ޒަރާރް ބުންޏެވެ. އޭނަ ފުރަތަމަ އުޅުނީ ސިނަމާގައި ދައްކަމުން އަންނަ ފިލްމުތަކުގެ ތެރެއިން ލޯބީގެ ފިލްމެއް ބަލާށެވެ. ފަހު ވަގުތު އެޚިޔާލު ދޫކޮށްލެވުނީ ތަނާލްގެ ވިސްނުން ހުރެދާނެ ގޮތެއް ލަފާކޮށްލަން އުނދަގޫވުމުންނެވެ. އެހެންނޫނަސް އެފަދަ ފިލްމެއް ބެލުން އެއީ ބުއްދި ވެރި ގޮތެއް ވެސް ނޫނެވެ. އެކުވެރިކަމުގެ އިން ފަހަނައަޅައި ގޮސްފާނެތީއެވެ.
''ޔޫ އާރ ކިލިންގް މީ ވިތް ދިސް ސަސްޕެންސް...'' އިސްފަސްވަމުންދާ މަންޒަރުތަކަށް ބަލަން އިން ތަނާލް ބުނެލިއެވެ.
''ދެން ގިނަ އިރެއް ނެތޭ...'' ޒަރާރް ދިމާކޮށްލިއެވެ.
*****
ސިނަމާ ކައިރީގައި އޮއްނަ ޕާކިން ޒޯންގައި ކާރު ޕާކްކޮށްލުމާއެކު، ފުރަތަމަ ކާރުން ފޭބީ ޒަރާރް އެވެ. އެއަށްފަހު ކުޑަކޮށް ދުވެލާފައި ގޮސް ތަނާލް ފައިބަން ދޮރުހުޅުވާލިއެވެ. ވެލޭއެއް ކަމުގެ ތަމްސީލާއެކު ފޭބުމަށް ވެސް އިޝާރާތްކޮށްލިއެވެ.
''ޒަރާރްއަށް ބަލާފަ ހިޔެއް ނުވާނެ ތިހާ ގޫފީ ވެދާނެޔޭ...'' ދެފަރާތަށް ބޯހޫރާލަމުން ތަނާލް ބުންޏެވެ. ދިގު ވާފަށްލީ އަތްދަބަސް ކޮނޑުގައި އަޅުވަމުން ޒަރާރްއަށް ތަނާލް ބަލައިލިއެވެ.
''އަބަދު ސީރިޔަސްވާކަށް ނުވާނެ...'' ޒަރާރް ހިނިތުންވެލިއެވެ. ދެޒުވާނުން އެކުގައި ހިނގައިގަތެވެ. ޖިންސުގެ ފަހަތު ޖީބުން ވޮލެޓް ނަގަމުން އޭގައި އޮތް ޓިކެޓް ޒަރާރް ދައްކާލިއެވެ.
''ޕްރޮޖެކްޓް ހެއިލް-މޭރީ؟...'' ޒަރާރް އަތުން ޓިކެތު އަތުލަމުން ތަނާލް ބުންޏެވެ.
''ކިހިނެއް ވަނީ؟، ކަމުނުދަނީ؟...'' ތަނާލްއާއި ދިމާއަށް ޒަރާރް އެނބުރުނެވެ.
''ނޫން... އައި ސޯ ދި ޓްރެއިލާރ، ލުކްސް އިންޓްރެސްޓިންގް، ސްޕޭސްގެ ވާހަކަ ދެންމެ ދެކެވުނީމަ، އިއްތިފާގެއްތަ، ނޫނީ މައިންޑްރީޑްކުރަން ފެށީތަ؟...'' ތަނާލް ބުނެލިއެވެ.
''އިމޭޖިން ދެޓް...'' ޒަރާރް ބުނެލިއެވެ. ފިލްމާ މެދު މަޝްވަރާކުރަމުން ގޮސް ސިނަމާއަށް ވަނެވެ. އެއަށްފަހު ހޭދަވި ދެ ގަޑި އިރު ތެރޭގައި ޒަރާރްއާއި ތަނާލްގެ ޝައުޤުވެރިކަން ވެސް ދެވިފައިވަނީ ބޮޑު ސްކްރީނަށެވެ. ދޭތެރެއަކުން ތަނާލްއަށް ޒަރާރް ބަލައިލާނެއެވެ. ތަނާލްގެ މޫނުމަތިން ފެންނަ ޝުއޫރުތައް ދެކިލާ ހިތުންނެވެ. ޒަރާރްގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ.
*****
ފިލްމު ނިމުނީ ދިހައެއް ޖެހިފަހުންނެވެ. ސިނަމާއަށް އައިސްފައި ތިބި މީހުން މަދުވަންދެކަށް ގޮނޑީގައި އިށީނދެގެން ތިއްބެވެ. ގޮނޑިން ތެދުވީ ގާތްގަނޑަކަށް މީހުން ހުސްވުމުންނެވެ.
''ކިހިނެއްވަނީ؟...'' ގޮނޑިން ތެދުވަމުން ޒަރާރް ބުންޏެވެ. އިށީނދެގެން އިނުމުން ހަށިގަނޑުގެ މަސްތަކަށް އަރާފައި ހުރި ވާންކަން ކަނޑުވާލަން މޯޅިއަކަށް ދެމިލެވުނެވެ. ލައިގެން ހުރި ޓީޝާޓު ހިއްލި، ޒަރާރްގެ ކަސްރަތީ ހަށިގަނޑުގެ އެޕޯލޯ ބެލްޓް ކުޑަވަގުތުކޮޅަށް ވިޔަސް ހާމަވިއެވެ. ތަނާލް ހެދީ ނުފެންނަ ކަމަށެވެ.
''ވަރަށް ރީތި، ތޭންކްސް ފޯރ ދި އިންވައިޓް...'' ތަނާލް ޝުކުރުއަދާކޮށްލިއެވެ.
''މައި ޕްލެޝާރ...'' ޒަރާރް ބުނެލިއެވެ. ''ގެއަށްތަ ދާނީ؟...''
ޒަރާރްގެ ސުވާލުން ތަނާލްއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.
''ތަނޫ ބޭނުންނަމަ ކޮފީއެއް ބޯލަން ދާންކަމަށް...'' ތަނާލްއާ އެކު ހޭދަކުރެވުނު ވަގުތުކޮޅަށް ނިމުމެއް އަންނަން ޒަރާރް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނަ އިތުރު ޚިޔާލެއް ދިނެވެ.
''މިގަޑީގަ ކޮފީ؟...'' ތަނާލްއަށް ބުނެވުނެވެ.
''މާ ލަސްވެއްޖެދޯ؟...'' ޒަރާރްގެ މޭގައި އުފަންވީ މޮޅިވެރިކަމެވެ.
''ކޮފީއެއް ނުބޮވޭނެ، އެކަމަކު ބޯބާ ޓީއެއް ބޯލަން ބޭނުން...'' ތަނާލް ބުނެލުމާއެކު ޒަރާރްގެ މޫނަށް ދިރުން ލިބުނެވެ.
''އެނީ ރިކޮމެންޑޭޝަންސް؟...'' ޒަރާރް ސުވާލުކޮށްލިއެވެ.
''އެކްޗުއަލީ، އައި ޑޫ...'' ތަނާލް ބުންޏެވެ. ތަނާލް ޚިޔާލު ދިނީ ބީޗް ކައިރީ ހުންނަ ކެފޭއަކަށް ދިއުމަށެވެ. އެއީ ގޮނޑުދޮށާއި ކައިރީގައި ހުންނަ ކެފޭއެކެވެ. ޖާގައިގެ ގޮތުން ކުޑަޔަސް، ފަސޭހަކަމާއެކު ބޭރުގައި އިށީނދެވޭނެހެން މޭޒުތައް ބަހައްޓާފައި ހުއްޓެވެ. އެތެރެއަށް ވަދެ ކިއުގައި މަޑުކޮށްލަމުން، ތަނާލް އޯޑަރުކުރާނީ ކޯޗެއްތޯ ޒަރާރް އަހާލިއެވެ. ތަނާލް ބަލައިލީ ކައުންޓަރު މައްޗަށް ވާހެން ޓީވީތަކުން ފެންނަން ހުރި މެނޫ އަށެވެ. ނިންމުމަކާ ގާތަށް ދެވުނީ ކައުންޓަރާ އަރާހަމަވި ފަހުންނެވެ.
ތަނާލް އޯޑަރުކުރީ ޖޭސްމީން މިލްކް ޓީ އަކަށެވެ. ޒަރާރް އޯޑަރު ކުރީ އައިސް އެމެރިކާނޯ އަކަށެވެ. އޯޑަރު ދިނުމަށްފަހު ނިކުތީ ބޭރަށެވެ. އެތާ ހުރި މޭޒެއްގެ ދޮށުގައި ދެޒުވާނުން އިށީނެވެ. ތަން ޒީނަތްތެރިކުރުމަށް ހަރުކުރެވިފައިވި ފެއަރީ ލައިޓްތަކުން ހިތްގައިމު މާހައުލެއް ފެންނަން އޮތެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑަށް މެދުކެނޑުމެއް ނައެވެ. ޖެހިލާ ރޯޅިތަކުން ފަޒާގައިވަނީ އަރާމު ފިނިހޫނުމިނެކެވެ.
ބުއިންތަކަށް އިންތިޒާރުކުރަމުން ދަނިކޮށް ފުރަތަމަ ވާހަކަދެކެވުނީ ފިލްމާއި ގުޅިގެންނެވެ. ކަމުދިޔަ ކަންތަކާއި އިތުރަށް ފުރިހަމަވުމަށް ބޭނުންވި ކަންތަކަށް އަލި އަޅުވާލެވުނެވެ. ތަނާލް ބުނާ ކޮންމެ އެއްޗެއް ޒަރާރް އަޑުއަހަނީ ސަމާލުކަމާއެކުގައެވެ. ތަނާލްގެ މޫނަށް ގެންނަ ހަރަކާތްތަކާއި، ހިނިތުންވެލާއިރު ދެލޮލުން ފާޅުވާ ވިދުން ޒަރާރްއަށް ނުހަނު ކަމުދިޔައެވެ. ހިތަށް ވިސްނައިދޭން އުޅުނަސް ތަނާލްގެ ފަރި އަދާތަކަށް އޭނައަށް ހާއްސަވެއްޖެއެވެ. އުތުރިއަރަމުންދާ ގޮތް ނޭނގޭ އިހުސާސްތައް އޭނަ ސިއްރުކުރާނެއެވެ. އެކަމުން ނިކުންނާނީ ކޮންކަހަލަ ނަތީޖާއެއް ހެއްޔެވެ؟ އަޖުމަ ބަލައިލަން ބޭނުންވެދާނެ ހެއްޔެވެ؟ ތަނާލްގެ ހަޔާތުގައި ބައިވެރިޔަކު އެބަ ހުރި ހެއްޔެވެ؟ އެފަދަ ސުވާލެއް ކުރަން ޒަރާރް ފަސްޖެހުނެވެ. ނަމަވެސް ތަނާލްއާއި އެކު ހޭދަކުރެވޭ ވަގުތުތަކުން، ތަނާލްގެ ބައިވެރިޔަކު ހުރި ހެން އޭނައަށް ހިޔެއް ނުވެއެވެ. ފޯނުގެ ސްކްރީނުން ފެންނަނީ ފަޅުކަމެވެ.
ސިކުނޑީގައި އުފެދިގެން އައި ސުވާލުތައް އެއްފަރާތްކޮށްލަން ޒަރާރް އުޅުނެވެ. އެހެންކަމުން މައުޟޫޢު ބަދަލުކޮށްލަން ޒަރާރް ގަސްދުކުރިއެވެ. އެހެން ނޫނަސް ތަނާލްއާއި ވާހަކައެއް ދައްކަން އެބަ އޮތެވެ. ޕްރޮޖެކްޓަށް ދައްޔާން ގެނައުމުގެ ކުރިން އެކަމުގައި ތަނާލްގެ ޚިޔާލު ހުރި ގޮތެއް ބަލައިލަން ޒަރާރް ބޭނުމެވެ. ދައްޔާން އޭނައާއެކު މަސައްކަތްކުރަން ތައްޔާރަށް ހުރިކަމުގެ ޚަބަރު އަޒީލާ ވަނީ ދީފައެވެ. އެކަމަށް އިންތިޒާރު ކުރެވުނެވެ. ދެން އޭނައާއެކު ދައްޔާން ވެސް މީޓިންގްތަކަށް ދާނެ އެވެ. ތަނާލްއަށް ހަމަޖެހިލައިގެން މަސައްކަތްކުރެވޭނެ މާހައުލެއް ހޯދަދޭން އޭނަ ވަނީ ވަޢުދުވެފައެވެ. ހަމައެއާއެކު ޕްރޮޖެކްޓަށް އެއްވެސް ބަދަލެއް އަންނާނެނަމަ ދުރާލާ ހާމަކުރާނެކަމުގެ ޔަޤީންކަން އޭނަ އޮތީ ދީފައެވެ.
''އަހަރެން ވާހަކައެއް ބުނަން ބޭނުން، މަސައްކަތާ ގުޅޭ ކަމެއް...'' ޒަރާރް ބުނެލިއެވެ.
ޒަރާރް ސީރިޔަސްވުމުން ތަނާލް ހައިރާންވިއެވެ. ވެއިޓަރުގެނައި ބުއިމުގައި އަތްލުމުގެ ބަދަލުގައި ތަނާލް ބަލަމުން ދިޔައީ ޒަރާރް އަށެވެ. އޭނަ އެދުނީ ކުރިއަށް ދިއުމަށެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ