އިނގިރޭސިވިލާތް ހިމެނޭ ގޮތަށް 90 އަށްވުރެ ގިނަ ގައުމެއްގެ ފަތުރުވެރިންނަށް ތައިލެންޑަށް ވިސާއާ ނުލައި އެތެރެ ވެވޭ މުއްދަތު ކުރުކުރުމަށް އެ ގައުމުގެ ކެބިނެޓުން އިއްޔެ ނިންމައިފިއެވެ.

މި ނިންމުމާއެކު، 2024 ވަނަ އަހަރުގެ ޖުލައި މަހު ތައާރަފުކުރި 60 ދުވަހުގެ ވިސާ-ފްރީ މުއްދަތު އުވާލައި، ގިނަ ގައުމުތަކަށް އެ މުއްދަތު 30 ދުވަހަށް ވަނީ ކުޑަކޮށްފައެވެ. އަދި ބައެއް ގައުމުތަކަށް އެ މުއްދަތު 15 ދުވަހަށް ކުޑަކުރަން ނިންމާފައިވާއިރު، 15 ދުވަހަށް ކުރު ކުރި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، ސީޝެލްސް އަދި މޮރިޝަސް ހިމެނެއެވެ. މީގެ ކުރިން ދިވެހީންނަށް ތައިލެންޑުގައި ވިސާއާ ނުލައި 30 ދުވަހު މަޑުކުރެވެއެވެ.

ތައިލެންޑުގެ ފޮރިން މިނިސްޓަރު ސިހަސަކް ފުއަންގްކެޓްކެއޯ ވިދާޅުވީ، މި ބަދަލު ގެންނަން ނިންމީ ވަކި ގައުމަކަށް އަމާޒުކޮށްގެން ނޫން ކަމަށާއި، މިއީ ވިސާގެ ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކުށްކުރާ ބިދޭސީން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. ސަރުކާރުގެ ތަރުޖަމާނު ރަޗަޑާ ދަނަޑިރެކް ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމަކީ އިގުތިސާދުގެ މުހިންމު ބައެއް ނަމަވެސް، މިހާރު އިސްކަންދެނީ ގައުމީ ސަލާމަތަށެވެ. ފަހަކަށް އައިސް، މަސްތުވާތަކެތީގެ ވިޔަފާރިއާއި، ގަވައިދާ ހިލާފަށް ވިޔަފާރިކުރުމާއި، އޮންލައިން ސްކޭމްތައް ހިންގުން ފަދަ ކުށްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.

މި ސިޔާސަތަށް އަމަލުކުރަން ފަށާނެ ވަކި ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތައިލެންޑަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ވިސާގެ އުސޫލު ހަރުކަށި ކުރުމުން އެ އަދަދު އިތުރަށް ދަށަށް ދިއުމުގެ ބިރު އެބައޮތެވެ. ހާއްސަކޮށް، މެދުއިރުމަތީގެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ނަމަވެސް، ތައިލެންޑުގެ ޓޫރިޒަމް މިނިސްޓަރު ސުރަސަކް ފަންޗަރޮއެންވޮރަކުލް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ބަދަލުގައި، ފެންވަރު ރަނގަޅު ފަތުރުވެރިން ގެނައުން ކަމަށެވެ. އަދި މިއަހަރު 33.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލު ވެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާކަމަށް ހަބަރުތައް ބުނެއެވެ.