އާސެނަލްގެ ލީގު ތަށްޓަކީ އެތައް ދުވަހެއްގެ އިންތިޒާރަށް ގެނައި ނިމުމެކެވެ. މި ފަހުގެ ޖީލުތަކަށް އިވެމުން ދިޔަ އަޑަކީ "އިންވިންސިބަލްސް" ގެ ގޮތުގައި އާސެނަލް ލީގު ނެގި ވާހަކައެވެ. އާސެނަލް ސަޕޯޓަރުންގެ ތެރެއިން ބަޔަކު އެ ހަނދާން ހުރި ނަމަވެސް، އެކަން ތަކުރާރުވޭތޯ ކުރެވުނީ އިންތިޒާރެވެ. އެ ފުރިހަމަކަމުގައި ނޫން ނަމަވެސް، އިނގިރޭސިވިލާތުގެ ރަސްކަން ހޯދުން އެއީ ތާއަބަދު ކުރެވުނު އިންތިޒާރެކެވެ. އެ އިންތިޒާރަށް އައި ނިމުމާއެކު އާސެނަލަށް މިފަހަރު ލީގު ތަށި ހާއްސަވިއެވެ.
ދެން އޮތީ މިދިޔަ 22 އަހަރުގެ ވާހަކައެވެ. އެ އިންތިޒާރު ކުރަން ޖެހުނީ ކީއްވެތޯ ކުރެވޭ ސުވާލެވެ. އެއީ ހަގީގަތުގައި ސަޕޯޓަރުންނަށް ހައްގު މިންވަރު ނޫން ނަމަވެސް، ފަރުދާގެ ފުރަގަހުގައި އެތައް ކަމެއް ހިނގިއެވެ. މިޒަމާނުގައި ކްލަބެއްގެ ނަތީޖާ ބަރޯސާ ވަނީ ފަރުދާގެ ފުރަގަހަށެވެ. ވިޔަފާރީގެ ނިސްބަތަށެވެ. ހާއްސަކޮށް ޒަމާނީ ފުޓުބޯޅައަކީ ފައިސާއާ ގުޅިފައިވާ މޮޑެލްއަކަށް ވާހިނދު، އާސެނަލަށްވެސް ކުރިމަތިވީ ޒަމާނީ މައްސަލަތަކެކެވެ. އެހެން ނަމަވެސް އެއީ ވީ ގުރުބާނީއެއް ކަމަށް ފާހަގަކުރެވިދާނެއެވެ. އެ ގުރުބާނީ ކޮންމެ ސަޕޯޓަރަކަށް ނޭނގުނު ނަމަވެސް، އާސެނަލުން ކުރީ ކެތްތެރި މަސައްކަތްތަކެކެވެ. ކާމިޔާބު ދެމެހެއްޓޭނެ ކްލަބަކަށް ބަދަލުވުމަށް ކުރި މަސައްކަތްތަކެވެ.
އާސެނަލްގެ ވެއްޓުން ދަރަންޏާ ގުޅިފައި، އެކަމުން ސަލާމަތްވެ ހަރަދުކުރި
އާސެނަލަކީ 1990ގެ އިތުރުން 2000 ގެ ކުރީކޮޅުގައިވެސް އިނގިރޭސިވިލާތުގައި ގަދަ ބާރެކެވެ. މަޑުމަޑުން އެ ފޮޓޯގަނޑު ފަނޑުވީ ކްލަބުން ނެގި "ރިސްކް" އަކުން ކަމަށް ބުނެވިދާނެއެވެ. އާސެނަލުން ހައިބަރީގައި ކުޅެމުން ގޮސް، 2006 ވަނަ އަހަރު އެމަރޭޓްސް ސްޓޭޑިއަމަށް ބަދަލުވި އިރު، އެެއީ ފައިސާގެ ގޮތުން ކްލަބަށް ކެތްކުރަން ޖެހުނު އިންވެސްޓްމެންޓެކެވެ. އާސެނަލްގެ އާ ސްޓޭޑިއަމަށް 450 މިލިއަން ޕައުންޑް ވަރު ހޭދަވިއެވެ. އެ ފައިސާ ހޯދީ ބޭންކް ލޯނުތަކުންނާއި ބޮންޑްވެސް ވިއްކައިގެންނެވެ. އޭގެ އިތުރުން ސްޕޮންސަޝިޕް ފައިސާވެސް އެކަމަށް ހޭދަކުރިއެވެ.
ކޮންމެއަކަސް 2003-04 ވަނަ އަހަރު ތަށި ނެގި އާސެނަލަށް ދެން އައީ "ސްޓޭޑިއަމް ދަރަނީ"ގެ ދުވަސްތަކެކެވެ. ވާދަވެރި އެހެން ކްލަބުތަކަށް ބިލިއަން ޑޮލަރުގެ ކުންފުނިތަކާއި ބިލިއަނަރުންގެ ފައިސާ ވަދެ، ވަރުގަދަ ޓްރާންސްފާތަކުގެ އީދެއް އައި ނަމަވެސް، އާސެނަލަށް ސީޒަނެއްގައި ލިބޭ އާމްދަނީގެ ބޮޑުބައެއް ދައްކަން ޖެހުނީ ލޯންތައް އަދާކުރުމަށެވެ.
އާސެނަލުން އެތައްކަމެއް ގުރުބާންކޮށް ލޯނު ނެގުންވީ ކްލަބަށް ދަތިވި ކަމަކަށް ނަމަވެސް، އަބަދުވެސް ދިޔައީ ދުރު ރާސްތާ ޕްލޭނެއްގެ ހުވަފެން ދެކެމުންނެވެ. އާސެން ވެންގާގެ ބޮޑު އެއްބަސްވުމެއްވެސް ލޯނާ ގުޅިފައި އޮތް އިރު، އާސެނަލުން އޭރު ބެލީ ޗެމްޕިއަންސް ލީގަށް ކޮލިފައިވެވުން އެއީ ފުދޭ މިންވަރު ކަމަށެވެ. އެއާއެކު ތަރިން ވިއްކާލަންވެސް ޖެހުނެވެ. އޭގެ ތެރޭގައި ސެސް ފެބްރިގާސްއާއި ސާމިރް ނަސްރީ، އެލެކްސް ސޯންގްގެ އިތުރުން ރޮބިން ވެން ޕާސީ ފާހަގަވިއެވެ. އާސެނަލް އޭރު އޮތީ ކުޅުންތެރިން އުފައްދައި، ކުޅުންތެރިން ވިއްކާ ކްލަބަކަށްވެފައެވެ.
އެ ސިސްޓަމުގައި ހިންގަމުން ދިޔައީ މެނޭޖުކުރަމުންނެވެ. ޓްރާންސްފާއަށް ފައިސާ ނެތް ނަމަވެސް، ކްލަބުގެ ފައިނޭންސް ދިޔައީ ދެކޮޅު ޖައްސަމުންނެވެ. އާސެނަލް މުއްސަނދި ނޫނީކީ ނޫނެވެ. ލިބޭ ފައިސާ އޮތީ ދަރަންޏަށް ހުސްކޮށްލަން ޖެހިފައެވެ.
ހާލަތު ބަދަލުވުމުގެ ބައެއް މުހިއްމު ދަނޑިވަޅުތައް
އާސެނަލް ކެތްތެރިކަމާއެކު އެމިރޭޓްސްގައި ކުޅެމުން ދިޔަ ދިޔުމުން، އެ ސްޓޭޑިއަމަކީ ފައިސާ އުފައްދައިދޭ ތަނަކަށް މަޑުމަޑުން ބަދަލުވިއެވެ. ހާއްސަކޮށް 2012 ވަނަ އަހަރު އެ ކްލަބުން ލޯނުތަކުގެ ރިފައިނޭންސިން ހަދައި، ލޯން ދެއްކުމުގައި ލުއި ހޯދިއެވެ. އަދި އިންޓަރެސްޓް ކުޑަކޮށް ލޯނުތައް ރީސްޓްރަކްޗާ ކުރިއެވެ. އެއީ އާސެނަލުން ހިންދެމިލި ހިސާބެވެ. މެސުޓް އޮޒިލްއާއި އެލެކްސިސް ސަންޗޭޒް ފަދަ ކުޅުންތެރިންނަށް އިންވެސްޓްކޮށް، މަޑުމަޑުން ނަތީޖާއަށް މިސްރާބު ހިފިއެވެ.
އޭރުވެސް އާސެނަލަށް ދެމިގެންދާ ދަރަނި ހުއްޓެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ކްލަބުގެ ވެރިޔާ، އެމެރިކާގެ ބިލިއަނަރު ސްޓޭން ކްރޮއެންކޭ ވަނީ އާސެނަލަށް ފުރިހަމަ މިނިވަންކަން ހޯދައިދީފައެވެ. އޭނާއަކީ ސްޓޭޑިއަމަށް ދިޔުމަށްފަހު އާސެނަލްގެ ހިއްސާ، 2007 ވަނަ އަހަރު ފުރަތަމަ ގަތް ވެރިޔެކެވެ. ފަހުން 2018 ވަނަ އަހަރު ނެދަލޭންޑްސް ބޭންކެއްގެ ލޯނަކާއެކު އާސެނަލް އެއްކޮށް ގަނެ، އޭނާ ވަނީ 2020 ވަނަ އަހަރު އާސެނަލްގެ ހުރިހާ ބޮންޑަކަށާއި ލޯނަކަށް އެއްފަހަރާ ފައިސާ ދައްކައިފައެވެ.
އެއީ އާސެނަލްގެ ހާލަތަށް ގެނައި ބަދަލެވެ. އެއީ އާސެނަލަށް ލިބުނު މިނިވަންކަމެވެ.
އޭގެފަހުން އާސެނަލުން ވަނީ ޕޫމާއާއި އެމިރޭޓްސްއާއެކު ބޮޑެތި އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެ ފައިދާ މަޑުމަޑުން ޓީމަށް ކުރަމުން ގޮސް، ޗެމްޕިއަނުންގެ ޓީމެއް ބިނާކުރަން ޖާގަ ލިބުނެވެ.
މިނިވަންކަމާއެކު ގާތްގަނޑަކަށް ބިލިއަން ޕައުންޑްގެ އިންވެސްޓްމަންޓް
ވެންގާގެ ފަހުން އާސެނަލާ ގުޅުނު ކޮންމެ ކޯޗަކަށްވެސް ފަހުން މަޑުމަޑުން އިންވެސްޓް ކުރުމަށް ފުރުސަތު ދީ، މަޑުމަޑުން ކްލަބުގެ އަސްލު ހަގީގީ ޕްލޭނަށް މިސްރާބު ހިފިއެވެ. 2011 ވަނަ އަހަރު މިކޭލް އާޓެޓާ ކްލަބާ ހަވާލުވި އިރު، އެންމެ ފައިދާ ހުރި ގޮތަކަށް ޓްރާންސްފާ ނުދިޔަ ނަމަވެސް، އާޓެޓާއަށް ދިން ބާރާއެކު އޭނާ އެކަނިވެސް 700 މިލިއަން ޕައުންޑުގެ ފައިސާ އިންވެސްޓް ކުރިއެވެ. ޑެކްލަން ރައިސް 105 މިލިއަން ޕައުންޑަށް ގަތުމުން ފެށިގެން ގޮސް، 65 މިލިއަން ޕައުންޑަށް ކައި ހަވާޓްސް ގެންދިޔުންވެސް ހިމެނެއެވެ. މުޅި ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުކޮށްލުމުގައި އާސެނަލް ވަނީ ރަނގަޅު ޑޭޓާ އެނަލެޓިކް ޓްރާންސްފާތަކެއް ކޮށްފައެވެ.
މުޅި ނިޒާމަށް ބަދަލު ގެނެސް، ދިގު މުއްދަތުގެ ޕްލޭން ދޫކޮށްނުލައި އިތުބާރުކުރި
އާސެނަލަށް ފަހަކަށް އައިސް ގެނައި އެންމެ ބޮޑު ބަދަލަކީ އުމުރުން ދުވަސްވެ، ސްކޮޑަށް މާބޮޑު ބޭނުމެއް ނުކުރެވޭ ކުޅުންތެރިންނަށް ދީފައި ހުންނަ ބޮޑެތި މުސާރައިގެ އެއްބަސްވުންތައް އުވާލުމެވެ. އޭގެ ބަދަލުގައި އެކަޑެމީގެ ތެރެއިން އުފެދިގެން އައި ބުކަޔޯ ސަކާއާއި އެމީލް ސްމިތު ރޯ، އެޑީ އެންކެޓިއާ ފަދަ ކުޅުންތެރިންނަށް އިންވެސްޓް ކުރުން އެއީ މުހިއްމު ކަމެއް ކަމަށް ހެދިއެވެ.
އޭގެ އިތުރުން ޑިފެންސާއި މެދުތެރޭގެ އިތުރުން ކީޕަރާއި ފޯވަޑް ލައިނަށް ގެނައި ބަދަލުތަކުގައި ޑޭޓާ އެނަލިސިސްއަށް ބަރޯސާވެ، މުޅި ޓީމުގެ ޓްރާންސްފާތައް އެ ނިޒާމަށް ފައްކާކުރިއެވެ. އެބަދަލު، ތަށި ނުލިބުނަސް މިދިޔަ ދެތިން ސީޒަނުންވެސް ފެނުނެވެ.
ކޯޗު އާޓެޓާއަށް އާސެނަލް ކުރި އިތުބާރުވެސް އެ ބަދަލުތަކުން ސާފުވިއެވެ. އާސެނަލަކީ މިހާރު އެންމެ ސްޓައިލެއްގެ ޓީމެއް ނޫނެވެ. ޓެކްޓިކަލީ އިދިކޮޅު ޓީމުތަކަށް އެޖަސްޓް ވެވޭނެ ޓީމަކަށް އާސެނަލް ބަދަލުވެއްޖެއެވެ. އަދި ޕްރެޝަރު ހެންޑަލް ކުރެވޭނެ ޓީމެއްކަންވެސް މިފަހަރުގެ ލީގު ރޭހުން ސާފުވިއެވެ.
މިއީ އާސެނަލުން އިނގިރޭސި ޗެމްޕިއަންކަން ހޯދި 14 ވަނަ ފަހަރެވެ. އާސެނަލަށް މިއީ ދިގު އިންތިޒާރެއްގެ ނިމުމެވެ. އެޓީމުން ލީގު ތަށްޓާ މީގެ ކުރީންވެސް ކައިރިކޮށް، ހިތްދަތިވެފައިވެސް ވެއެވެ. ވެންގާ ހަވާލުވެ ހުރި އިރު، 2007-08 ވަނަ އަހަރުގެ ސީޒަނުގައި އާސެނަލް ތިންވަނައިގައި ނިންމާލީވެސް އެންމެ ހަތަރު ޕޮއިންޓް ފަރަގެއްގައެވެ. އޭގެފަހުން މިކޭލް އާޓެޓާއާއެކު މިދިޔަ ދެތިން ސީޒަނުގައިވެސް އާސެނަލް ވަނީ ލީގު ތަށްޓާ ގާތަށް ޖެހިލައިފައެވެ.
އެގޮތުން، 2022-23 ވަނަ އަހަރު ދެވަނައިގައި ނިންމާލީ ފަސް ޕޮއިންޓް ފަރަގެއްގައެވެ. އެފަހަރު އާސެނަލް ވަނީ 248 ދުވަސް ވަންދެން ތާވަލުގެ އެއްވަނައިގައި އޮވެފައެވެ. ތަށި ގެއްލުނީ އެންމެ އެންމެ ފަހު މެޗުތަކުންނެވެ. އެއަށްފަހު 2023-24 ވަނަ އަހަރުގެ ސީޒަނުގައިވެސް ދެ ޕޮއިންޓް ފަރަގެއްގައި ދެވަނައިގައި ނިންމާލި އިރު، ތަށި ނުލިބުނީ އެންމެ ފަހު ދުވަހުގެ ނަތީޖާތަކުންނެވެ. އެ ދެފަހަރުވެސް ތަށި ހޯދީ މެންޗެސްޓާ ސިޓީންނެވެ.
އެ ހިތްދަތިކަމުން ކޮންމެ ފަހަރަކުވެސް އާސެނަލް ނެގީ ފިލާވަޅެވެ. ކްލަބުގެ ޕްލޭނަށް އިތުބާރުކުރިއެވެ. ލީގު ތަށްޓާއެކު އާސެނަލުން އުފާފާޅުކުރާ އިރު، އަދި ޗެމްޕިއަންސް ލީގުގެ ފައިނަލެއް އެބައޮތެވެ. ޔޫރަޕްގެ ޗެމްޕިއަން ކަމަށް ކުރަމުން އަންނަ އިންތިޒާރު ނިންމާލަންވެސް ފުރުސަތު އެބައޮތެވެ.
މުޙައްމަދު ޝަމްޢޫން
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް
ކޮމެންޓް