މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ބޭނުންވާ އެހީތެރިކަން ހޯދުމަށް ބޭރު ގައުމުތަކާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖެއަށް ވެސް ތަކެތި ގެނައުމުގައި ދަތިތަކާ ދިމާވާ ކަމަށާއި ނަމަވެސް ކާބޯތަކެއްޗާއި އަސާސީ ސާމާނު އަދި އެ ނޫންވެސް ތަކެތި ރާއްޖެއަށް ގެނައުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން އެކުވެރި ގައުމުތަކާ އެކު މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ފަދައިން ފޮރިން ޕޮލިސީގެ ޕްރަޔޯރިޓީ ބަޔާންކޮށް، އޭގެ ކުދި ޖަރީޒާ ގައުމުތަކަށް ދިމާވާ ދަތިތަކާއި އެގޮތުން އަޅުގަނޑުމެންގެ މިހާރުގެ ސިޓުއޭޝަނާއި އަދި އެއަށްވުރެވެސް ބޮޑަށް ކުރިމަގުގައި ދިމާވެދާނެ ހާލަތްތަކާއި، ކުރިއަށް އަޅުގަނޑުމެންގެ އެރޭންޖްމަންޓްސްތަކަކީ ކޮބައިތޯ އެކަހަލަ ގޮތަކަށް ވާހަކަތައް ދެކެވި މަޝްވަރާތަކުގެ އަލީގައި އަޅުގަނޑުމެންނަށް މިވަނީ މަސައްކަތްތަކެއް ކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެގޮތުން ޔޫރަޕުގެ ގައުމުތަކާއި އަރަބި ގައުމުތަކުގެ ސަފީރުންނާ ގުޅުއްވައި، އެ ގައުމުތަކުން ރާއްޖެއަށް ފަހިކޮށްދެވެން ހުރި ފުރުސަތުތައް ބައްލަވަމުން އަންނަ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެެވެ.