ދެވަނަ ފަހަރަށް ރާނިޔާ ގޮވާލުމުން ހިމޭނުން އިންނަން ތަނާލް ފަސްޖެހުނެވެ. އުދާސްތައް އޮއްބާލުމުގެ ބަދަލުގައި ހިއްސާކުރުމުގެ މުހިންމުކަމަށް ރާނިޔާ އޮތީ އަލިއަޅުވާލާފައެވެ. އެހެންނޫންނަމަ ސިކުނޑިއަށް ކުރަމުން އެދާ ބާރަށް ލުޔެއް ނުލިބޭނެއެވެ. ނަފުސު ތައްޔާރުކޮށްލުމަށްޓަކައި ދިގު ނޭވާއެއް ދޫކޮށްލެވުނެވެ.
''އައި...'' ތަނާލް ބުނަން އުޅުނެވެ. ''އައި ފީލް ގިލްޓީ...''
''ޔޫ ފީލް ގިލްޓީ؟...'' ތަނާލްގެ ޖުމްލަ ސުވާލަކަށް ބަދަލުކޮށްލަމުން ރާނިޔާ ފެށިއެވެ. އެއްފައި މައްޗަށް އަނެއް ފައި ލަމުން ތަނާލްއާއި ހަތަރުކަޅިހަމަކޮށްލިއެވެ.
''ހޫމްމްމް...'' ތަނާލް ބޯޖަހާލިއެވެ. އުފަލާއި ހަމަޖެހުން އެއީ އޭނައަށް ހައްޤު އެއްޗެއް ހެއްޔެވެ؟ ހިތާމަތަކާއި ދުރުވާން ކުރަމުން ދާ ދިގު އަދި އުނދަގޫ ހަނގުރާމައިގައި އޭނައަށް ނަސްރު ލިބިދާނެ ހެއްޔެވެ؟ ތަޤުދީރު އޭނަގެ މައްޗަށް ރަހުމުކޮށްފާނެ ހެއްޔެވެ؟
''ކީއްވެ އެހެން ހީވަނީ؟...'' ތަނާލްގެ އުދާސްތަކާއި ގުޅިފައިވި ސަބަބު ރާނިޔާއަށް ލަފާކޮށްލެވުނެވެ.
''ނޭނގޭ، ފާއިތުވި ދުވަސްތަކުގައި ހިދާންގެ މަތިން އަހަންނަށް ފަރުވާކުޑަކޮށްލެވުނީ، އެހެން ކަންކަމަށް ވަގުތު ދެވުނީ...'' ތަނާލްއަށް އިސްޖަހާލެވުނެވެ. ހިތަށް ކުރި ތަކުލީފެއްގެ ސަބަބުން ކަރުނައިގެ ދިލަކަން ދެލޮލުން ފާޅުވިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ މޭގައި އުފެދެމުންދާ ޖަޒުބާތުތައް އޮއްބާލުމުގެ ނިޔަތުގައެވެ.
''ކީއްވެ އެހެން ހީވަނީ؟...'' ރާނިޔާ އެހިއެވެ.
''އޮފީސް މަސައްކަތްތައް، ބައްޕަ ހަވާލުކުރި ޕްރޮޖެކްޓަށް ހުރިހާ ވަގުތެއް ދެވުނީ... ދެން...'' ތަނާލް ބުނެދިނެވެ. ޒަރާރްއާއި ދެމެދު އޮތް އެކުވެރިކަން ރާނިޔާއަށް ހާމަކުރަން ތަނާލް ބޭނުންވިއެވެ. ނޭނގުނީ ބުނާނެ ގޮތެކެވެ.
''އައި މޭޑް އެ ފްރެންޑް...'' ތަނާލް ބުންޏެވެ.
''ދެޓްސް ގުޑް...'' ރާނިޔާ ހިނިތުންވެލިއެވެ. އިރުކޮޅެއް ކުރިން ތަނާލްގެ މޫނުން ފެނުނު އުފާވެރިކަމުގެ އަސްލު އެނގުނީއެވެ.
''ވޯކްގެ ސަބަބުން ހިދާންއަށް ދޭންޖެހޭ ވަގުތު އަހަންނަށް ނުދެވުނު...'' ތަނާލްގެ އަޑުގައި ވަނީ ހިތްދަތިކަމެވެ. ފަސޭހަ ނުވާ ޒަހަމަތްކުގައި ރިހުން އުފެދުނެވެ. ކުއްލިޔަކަށް އޭނަ ވަށާލި މޮޅިވެރިކަމުގެ ސައިލުން، ހަމަނޭވާލުމަށް ދަތިވާ ހިސާބަށް ދިޔައެވެ.
''ތަނާލް...'' ރާނިޔާ ގޮވާލިއެވެ. ތަނާލް ވިސްނުން ދާން ފެށި ގޯސް މިސްރާބުން އުފަންކުރުވާނެ ވަހުމުތަކަށް ނިމުމެއް ގެންނަން ރާނިޔާ އަވަސްވެގަތެވެ.
''ސުވާލެއްކޮށްލަންތަ؟...'' ރާނިޔާ އެހިއެވެ. ލޮލުގެ ހިމަކޮޅުން ފޭދުނު ކަރުނަ ފޮހެމުން ތަނާލް އިސްއުފުލައިލިއެވެ. މޭޒުމަތީ ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައި ނޭފަތުގެ ކުރީގައި ޖައްސާލިއެވެ.
''ލައްބަ...'' ތަނާލް ހުއްދަދިނެވެ.
''ތަނާލްއަށް ހީވަނީތަ ކުރިއަށް ދިއުން އެއީ ހިދާންއަށް ވެވޭ ބޭއިންސާފެއްހެން؟، ކުށްވެރިކަމުގެ އިހުސާސްތަކާ ދުރުވާން އުނދަގޫވަނީ އެހެންވެގެންތަ؟...'' ތަނާލް ބުނަން ބޭނުންވެ، އެހެނަސް ދުލާ ހަމައަށް ގެންނަން ދަތިވެފައިވި ހަޤީޤަތް ރާނިޔާ ހާމަކުރިއެވެ.
ތަނާލް މާޔޫސްވިއެވެ. ރާނިޔާ ހާމަކުރީ ތެދެވެ. މާޒީގެ އަނދަވަޅުން އަރައިގަނެ، ދިރިއުޅުމާއިގެން މަސްއޫލުވާން ފަސްޖެހެނީ އެހެންވެގެންނެވެ.
''ލޯބިވާ ފަރާތަކާއި ވަކިވާން ޖެހުމުން އެކަމުގެ ވޭނުން ވިސްނުން ބަދަލުވެގެންދާ ފަހަރުތައް އާދޭ، އަމިއްލަ ނަފުސާ އޮއްނަ އިތުބާރާ މެދި ޝައްކު އިތުރުވޭ... ތަނާލް، މިއަދު ހިދާން ދުނިޔޭގައި ހުރިނަމަ ތަނާލް ތިކުރާ ހިތާމަތައް ދެކެން ބޭނުންވާނެތަ؟، ނޫނީ ބޭނުންވާނީ ތަނާލް އުފަލުގައި ހުންނަ މަންޒަރު ދެކެންތަ؟... ހިދާންއާ އެކު ހޭދަކުރުވުނު އުފާވެރި ދުވަސްތައް އަބަދުވެސް ތަނާލްއާއި އެކުގައި ވާނެ... ދިރިއުޅުމާއިގެން ކުރިއަށް ދާއިރު ބައެއް ފަހަރު އެހަންދާންތަކާއި ދުރުވެވުން އެއީ މައްސަލައެއް ނޫން، ތަނާލް އުފަލުގައި ވުމަށް ހިދާން ބޭނުންވާނެ...... މިއަދު ތަނާލް ހުރި މަޤާމުގައި ހިދާން ހުރިނަމަ ހިދާން އުފަލުގައި ވުމަށް އެދޭނަމެއް ނޫންތަ؟، މާޒީގެ ދުވަސްތަކުން އަރައިގަނެ މުސްތަޤުބަލާއި ކުރިމަތުލުމަށް ބޭނުންވާނެއެއްނު؟... ނޫންތަ؟...'' ރާނިޔާ ބުންޏެވެ.
''އަހަރެން... އަހަރެންގެ މަޤާމުގައި ހިދާން ހުރިނަމަ އަހަރެން ބޭނުންވާނީ ހިދާންގެ ހިތާމަތަކަށް ލުޔެއް ލިބި އަހަންނާ ނުލައި އުފަލުގައި އުޅެން ދަސްކުރަން، އެއީ.... އެއީ ހިދާންއަށް އުފާވެރިކަން ހައްޤުވާނެތީ...'' ރާނިޔާގެ ނަސޭހަތާ މެދު ތަނާލްއަށް ފިކުރު ހިންގާލެވުނެވެ. މުޅިން އެހެން ނަޒަރަކުން ދެކެވުނީ ދެނެވެ. ކަރުނައިގެ ދާސްތާނުގައި އުމުރު ހުސްކޮށްލަން ހިދާން ދުވަހަކު ނޭދޭނެއެވެ. ފަހު ނޭވާއާ ހަމައަށް ވެސް ހިދާން ބޭނުންވީ އޭނަ އުފަލުގައި ހުރުމަށެވެ. އަމިއްލަ ފުރާނަ ޤުރުބާން ކުރީ ވެސް ތެދުވެރި ލޯތްބަށްޓަކައެވެ. އޭނަ ދިރިހުރުމަށް އެދޭތީއެވެ. މިވީހާ ދުވަހު އެހަޤީޤަތާ ކުރިމަތިލާން އޭނައަށް އުނދަގޫވީއެވެ. ކުށްވެރިކަމުގެ ކަސްތަޅުތަކުގައި ޤައިދުވެފައިވީތީއެވެ. މިއަދު އެކަސްތަޅުތަކަށް ގުޑުން އަރައިގެން ގޮސްފިއެވެ.
''ބައެއްފަހަރު ހީވެދާނެ ތިމަންނައަށް ހައްޤުވަނީ ހަމައެކަނި ހިތާމައޭ، މިތަންނައަކީ ކުށްވެރިޔެކޭ... އެކަމަކު އެއީ ގޯހެއް، ކޮންމެ މީހަކަށް ވެސް އުފާވެރިކަން އިހުސާސްކުރުމުގެ ހައްޤު ލިބިގެންވޭ، އެކްސިޑެންޓުން ސަލާމަތްވުން އެއީ ލިބުނު ދެވަނަ ފުރުސަތެއް، ތަނާލް އަހަންނާ ހިއްސާކުރި ވާހަކަތަކުން އެނގޭ އެކްސިޑެންޓްގައި ތަނާލްގެ ފުރާނަ ސަލާމަތްވީ ހިދާންގެ ސަބަބުންކަން... އެއީ ތަނާލް ދެކެ ހިދާން ވި ލޯބީގެ މާތްކަން ހާމަކޮށްދިން ކަމެއް، ހީ ވޯންޓެޑް ޔޫ ޓު ލިވް... ޔޫ ޑިޒާވް ހެޕިނެސް، ޓު ބީ އެޓް ޕީސް...'' ރާނިޔާ ބުންޏެވެ.
''ވަރަށް ހަނދާންވޭ...'' ތަނާލްގެ އަރު ބެދުނެވެ. ހިންދިރުވާލުން ފަސޭހަކަމަކަށް ނުވިއެވެ. އަތުގައި އޮތް ޓިޝޫ ކޮޅުން ލޮލުން ފޭދުނު ކަރުނަ ފޮހެލެވުނެވެ. ނުރޯން އޭނަ ކުރި މަސައްކަތުން މޭގެ ރިހުން ގަދަވުން ނޫންކަމެއް ނުވިއެވެ.
''އިހުސާސްތައް ހިފަހައްޓަން ނޫޅޭ، ރޯލުމަކީ ތެރަޕީއެއް...'' ރާނިޔާ ބުންޏެވެ.
ތަނާލްއަށް ގިސްލެވުނެވެ. އޭނަގެ ކަރުނަތަކާ ގުޅިފައިވަނީ ބީވެގެން ދިޔަ އަލަތު ލޯތްބެވެ. ގެއްލުނު ނަފުސުގެ ހަމަޖެހުމާއި އުފާވެރިކަމެވެ. އެދުވަސްތައް އަނބުރާ ނުލިބޭނެކަން އޭނައަށް އެނގެއެވެ. އޮތީ ކެތްތެރިވުމެވެ. ސާފު ހިތަކާއެކު ކެތްތެރިވާ މީހާއަށް އެކަމުގެ ދަރުމަ ﷲ މިންވަރުކޮށްދެއްވާނެއެވެ. އޭނަ އަޑުއަހާފައިވާ ދަރުސްތަކަށް ފިކުރު ހިންގާލެވުނެވެ. އިންސާނާއަށް ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރައަކީ ދުޢާ އެވެ. ދުޢާގެ އެހީގައި މުސްތަހީލު ކަންތަކަށް ނިމުމެއް އަތުވެދާނެ ކަމުގެ އުއްމީދު އާލާވެގެންދެއެވެ. ނަމާދުން އީމާންތެރިކަމަށް ދިރުން ލިބެއެވެ. ދުޢާއިން އުއްމީދު ލިއްބައިދެއެވެ. ކެތްތެރިކަމުން މުސްތަޤުބަލާ ކުރިމަތިލުމަށް ފަސޭހަ ވެއެވެ.
ރޯލުމުން ތަސައްލީއެއް ލިބުނެވެ. ކަރުނަ ފޮހެމުން ޝުކުރުވެރިކަމާއެކު ރާނިޔާއަށް ތަނާލް ބަލައިލިއެވެ. އޭރު މީހާ ހަމައަކަށް އެޅިއްޖެއެވެ.
''ސޯ، ޔޫ މޭޑް އެ ފްރެންޑް...'' މޮޅިވެރިކަމުގެ އަސަރު ތަނާލްގެ މޫނުން ފިލާ ދިއުމާއެކު ރާނިޔާ ބުންޏެވެ.
''ނޭނގި ހުއްޓާ ލިބުނު އެކުވެރިޔެއް...'' ޒަރާރްއާއި ބައްދަލުވި ގޮތް ތަނާލް ކިޔައިދިނެވެ. އަޑުއަހަމުން ދިޔަ ރާނިޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކުރިން ތަނާލްގެ މޫނުން ފެނުނު އުފާވެރިކަމުގެ އަސްލު ނަގައިގަނެވުނެވެ.
''އެކުވެރިންނަކީ ވަރަށް މުހިންމު ބައެއް، އެކަނިވެރިކަމަށް ނިމުމެއް ގެނެސްދޭނެ، ތަނާލް... މާޒީއާ މެދު އެހާ ބޮޑަށް ނުވިސްނާ... އުފާވެރިކަމަކީ ކޮންމެ މީހަކަށް ހައްޤު އެއްޗެއް... ތަނާލްއަށް ވެސް...'' ސެޝަން ނިމުމާ ގާތަށް ދިއުމުން ރާނިޔާ ހަނދުމަކޮށްދިނެވެ.
''ތެންކިއު...'' ތަނާލް ޝުކުރުއަދާކޮށްލިއެވެ. ސެޝަން ނިމުމުން ސޯފާއިން ތަނާލް ތެދުވީ ހިނިތުންވުމަކާއެކުގައެވެ. ހިއްސާކުރެވުނު ވާހަކަތަކަށް ފަހު، ސިކުނޑިން އެތައް ޓަނުގެ ބަރުދަން ލުއިވެގެން ގޮސްފިކަމުގެ އިހުސާސްކުރެވުނެވެ. ހަށްޓަށް ލުޔެއް ލިބުނެވެ. ކުށްވެރިކަމުގެ އިހުސާސްތަކާ ފުރަތަމަ ފަހަރަށް ދުރުވެވުނެވެ. އެވަގުތު އަޒުމެއް ކަނޑައެޅުނެވެ. ހިތާމަތަކާއި ދުރުވާން އިތުރު ހިތްވަރެއް ލުމަށެވެ.
*****
ތެރަޕީ ސެޝަން ނިންމާލުމަށްފަހު ގެއަށް ދިއުމުގެ ކުރިން ތަނާލް މިސްރާބުޖެހީ އިރުއޮއްސޭ މަންޒަރު ބަލައިލުމަށެވެ. ދުވާރު ކައިރީގައި ކަރު ޕާކްކޮށްލަމުން ކާރުން ފޭބިއެވެ. ކަނޑުގެ ލޮނުގަނޑާއި ނިވާވަމުން ދިޔަ އިރުގެ ދަޅަތަކުން އުދަރެސް އޮތީ ރަންގުކޮށްލާފައެވެ. ވިލާތައް ގިނަ ދުވަހަކަށްވުމުން އެމަންޒަރަށް ފުރިހަމަކަމެއް ގެނެސްދެއެވެ. ޖެހިލާ ރޯޅިތައް މަޑެވެ. ދިޔަވަރު ވެސް އޮތީ ހިކިފައެވެ. ރާޅުފަށާ ތަންކޮޅެއް ދުރުގައި ދޮންވެލިގަނޑު މަތީ ތަނާލް އިށީނެވެ. ފެންނަމުންދާ ޤުދުރަތީ މަންޒަރުން އޭނަގެ ތުންފަތަށް ހިނިތުންވުމެއް ގެނެސްދިނެވެ. އަތްދަބަހުން ފޯނު ނަގަމުން ކަނޑުގެ ސަތަހައާއި ނިވާވަމުންދާ އިރުގެ ފޮޓޯއެއް ނެގިއެވެ. އެއަށްފަހު ޒަރާރްއަށް މެސެޖެއް ފޮނުވާލިއެވެ.
''ސަންސެޓް ބަލަނީދޯ؟، އަހަންނަށް އަނގާލިނަމައެއްނު...'' މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޒަރާރްގެ ރައްދު ލިބުނެވެ.
''އަންނާނަން؟...'' ތަނާލް ލިޔުނެވެ. ތަނާލް އުޅުނީ ސަމާސާއެއްކޮށްލާށެވެ. ނަމަވެސް ޒަރާރް ކުރި މެސެޖުން ތަނާލް ހުއްޓުން އެރިއެވެ.
''ކޮން ބީޗެއްތަ؟...'' ޒަރާރްގެ މެސެޖު ތަނާލްއަށް ކިޔާލެވުނެވެ. ޖަވާބު ދޭނެ ގޮތެއް ނޭނގިފައި އިނދެވުނެވެ. ޖަވާބެއް ނުދީ ގިނަ އިރުވާން ފެށުމުން ތަނާލްއަށް އުނދަގޫވާން ފެށިއެވެ. ޒަރާރްގެ ރަށްޓެހިކަމަށް ފުރަގަސްދޭން އޭނަގެ ހިތެއް ނޭދުނެވެ. އޭނަގެ އެކަނިވެރިކަމަށް ނިމުމެއް ގެނެސްދެނީ ޒަރާރް ވިއްޔާއެވެ.
''ފޭސް ޓޫ ބީޗްގަ...'' އަންނަންވީ މަންޒިލް ބުނެދެމުން ތަނާލް ލިޔުނެވެ. ޒަރާރް އެދުނީ އޭނަ އަންނަން ދެން މަޑުކޮށް ދިނުމަށެވެ. ތަނާލް އެއްބަސް ވިއެވެ.
*****
އިރުއޮއްސޭ މަންޒަރު ބަލަން އައިސް ތިބި މީހުންނަށް ސަމާލުކަންދީގެން ތަނާލް އިނެވެ. ކުޑަކުދިން ގޮވައިގެން އުޅޭ ޢާއިލާތަކާއި ނޫކަށިފުރައިގެ ޒުވާނުންނެވެ. ރާޅުފަށްކައިރީ އުޅުނު ޒުވާން ޖޯޑަކަށް ތަނާލްގެ ނަޒަރު ހުއްޓުނެވެ. ހީސަމާކުރަމުން ދިޔަ މަންޒަރުން މޭގެ ފުނުގައި ފޮނި ރިހުމެއް އުފެދުނެވެ. އެފަދަ އުފާވެރިކަމެއް ހަޔާތުގެ ބައިވެރިޔަކާއެކު އިހުސާސްކޮށްލުމުގެ ނަސީބު އޭނައަށް ދެވަނަ ފަހަރަށް ލިބިދާނެ ހެއްޔެވެ؟ ލިބިއްޖެނަމަ އޭނަގެ ނަފުސު ތައްޔާރުކޮށްލެވޭނެ ހެއްޔެވެ؟ އަލުން ލޯތްބަށް ހިތް ހުޅުވާލެވޭނެ ހެއްޔެވެ؟ ލޯބިވާން ދަސްވެދާނެ ހެއްޔެވެ؟ ޒަހަމްވެފައިވި އެހިތަށް ޝިފާއަކަށް ވާނީ ކާކުހެއްޔެވެ؟
މޭގައި އުފެދުނު ޖަޒުބާތުތަކަށް ގެއްލިފައި ވަނިކޮށް ޒަރާރް ގޮވާލި އަޑު ތަނާލްއަށް އިވުނެވެ. އެއާއެކު ފަސްއެނބުރި ބަލައިލެވުނެވެ. އެދިމާއަށް އަންނަ ޒަރާރް ފެނުމުން ތަނާލް ހަނާ އަޅާލިއެވެ.
''އަހަރެން އަންނަންދެން މަޑުކޮށްދިނީތީ ތޭންކްސް...'' ތަނާލްގެ ގާތުގައި ޒަރާރް އިށީނީ އެދެމެދުގައި ހުސް ޖާގަ ބާއްވަމުންނެވެ. ކަކުލު ހުޅުގައި އަތް އަޅުވާލަމުން ތަނާލްއާއި ދިމާއަށް އެނބުރުނެވެ.
''ވެލް، ޒަރާރް ބުނީމަ މަޑުކުރާކަށެއްނު ޖެހޭނީ، އާފްޓަރ އޯލް ވީ އާރ ފްރެންޑްސް...'' ތަނާލް ބުނެލިއެވެ.
ތަނާލްގެ ޖުމްލައިން ޒަރާރްގެ ތުންފަތަށް ހިނިތުންވުމެއް ގެނެސްދިނެވެ. އޮއްސެމުންދާ އިރުގެ ދަޅަތައް ތަނާލްގެ މޫނަށް އެޅިފައިވި ގޮތް ވަރަށް ރީއްޗެވެ. ތަފާތި ދިހުމެއް އެކުލެވިގެންވާ ކަހަލައެވެ. މުށިކުލައިގެ ދެލޮލުގެ ފުރިހަމަކަން ވެސް އިތުރުކުރުވައެވެ. ސިއްރުސިއްރުން ތަނާލްއަށް ޒަރާރް ބެލިއެވެ. ހިތުގެ ގޮވުމަށް އިންކާރުކުރަން އޭނައަށް ފަސޭހައެއް ނުވިއެވެ. ޤުދުރަތުން ތަނާލްއަށް ލިބިފައިވި ރީތިކަމަށް ހިމޭންކަމުގެ ދުލުން ތަޢުރީފުކުރެވުނެވެ. މޭގައި އުފެދުނު އޮޔެވަރަށް ދޭނެ ނަމެއް ޒަރާރްއަކަށް ނޭނގުނެވެ.
''އަދިވެސް ތަނޫއަށް ކަމުދާ ފިލްމެއް ނުބުނަމެއްނު... ކްލެސިކެއް ވިޔަސް އަހަރެން ދިމާ ނުކުރާނަމޭ...'' ހަވީރު ބަދަލުކުރެވުނު މަޖެސުތަކަށް ޒަރާރް އަލިއަޅުވާލިއެވެ. ތަނާލްއަށް ކަމުދާ ކަންތައް ދަސްކުރުމުގެ އަޒުމު ޒަރާރްގެ ހިތުގައި ވިއެވެ.
''ޒަރާރް ވެސް ނުބުނުމައެއްނު، ފުރަތަމަ ޒަރާރް ބުނޭ، އޭރަށް އަހަރެން ޖަވާބުދޭނަން...'' ތަނާލް ބުންޏެވެ.
''ހޫމްމްމް...'' ކޯކަށިގަނޑު މަތިން ތުންބުޅީގައި އަތްތިލަ ހިންގަމުން ޒަރާރް ބުނެލިއެވެ. ''ނުހޭނަންދޯ؟...''
ޒަރާރްއަށް ބަލަމުން ތުންފަތުގައި ޒިބެއް އަޅުވާކަމުގެ އިޝާރާތް ތަނާލްކޮށްލިއެވެ. ޒަރާރްއަށް ހެވުނެވެ.
''އަހަންނަށް ކަމުދަނީ ރޮމޭންޓިކް ފިލްމުތައް...'' ޒަރާރް ބުނެލިއެވެ.
''ކާކަށް ކަމުނުދާނީ، އަހަރެންގެ ފެވެރިޓަކީ ބިފޯރ ސަންރައިޒް...'' ތަނާލްގެ ޖުމްލައިން ޒަރާރްގެ ހިނިތުންވުން ފުންވިއެވެ.
ވާހަކައިގެ ކުރިފަޅަމުން ގޮސް ނިމުނީ ސނަމާގައި ދައްކަމުންދާ ފިލްމެއް ބަލަން ދާން އެއްބަސްވަމުންނެވެ. ޝެޑިއުލް ބެލުމަށްފަހުގައި ދުވަހެއް ކަނޑައެޅުމަށް ވަޢުދުވެވުނެވެ. އޭރު ރޭގަނޑުގެ ފޭރާމުން ދުނިޔެ ވަށާލައިފިއެވެ. ވިލާތަކުގެ ކުލަތައް ކިލަނބުވެއްޖެއެވެ. ދުރުދުރުން ތަރިތަކުގެ ބެބުޅުން ފާޅުވާން ފެށައިފިއެވެ.
ތަނާލް އިނީ ވަރަށް ބޮޑަށް ހަމަޖެހިލާފައެވެ. ރާނިޔާގެ ނަސޭހަތާ އެއްގޮތަށް ކުރިއަށް ދިއުމަށް އަމިއްލަ ނަފުސަށް އޭނަ ވަޢުދު ވިއެވެ. ހިދާން ވި ޤުރުބާނީގެ އަގު އަދާކުރުމަށް ވެސް މެއެވެ. ހިދާން ބޭނުންވާނީ އޭނަ އުފަލުގައި ހުންނަ މަންޒަރު ދުށުމަށެވެ. އެދެމެދުގައި އޮތް ލޯތްބަށްޓަކައި އެވަޢުދު ފުއްދަން އެބަޖެހެއެވެ. ހަމައެއާއެކު އޭނަ ގާތުގައި ޒަރާރް ހުރުމުން އެކަނިވެރިކަމަށް ނިމުމެއް އައިސްދާނެ ކަމުގެ ޔަޤީންކަން ލިބުނެވެ. ރާނިޔާ ބުނީ ތެދެކެވެ. އެކުވެރިންނަނީ ދިރިއުޅުމުގެ އެއްބައެވެ. ހަޔާތް ބަނަވަމުން ދަނިކޮށް އުއްމީދުގެ ހުޅުކޮޅެއް ޒަރާރް ރޯކޮށްލަދީފިއެވެ. އެކަމަށް އޭނަ ޝުކުރުވެރިވާނީ ކިހިނެއް ހެއްޔެވެ؟
*****
ޖެހިގެން އައި ދުވަހުގެ ހަވީރެވެ. ޖާބިރުއާއި މަސްރޫރު ތިބީ ގޭގެ ބޮޑުކޮޓަރީގައެވެ. އަހަރުގެ ދެނަވަނަ ކުއާރޓާގެ ކުންފުނީގެ މާލީ ހިސާބުތަކާއި ފައިދާތައް ބުނެދޭން މަސްރޫރު އިނެވެ. އުއްމީދުކުރި ވަރަށް ވުރެން ބޮޑު ފައިދާއެއް ލިބުމުން ފައިދާއިން ބައެއް ސަރުވާ އިންޑަސްޓްރީސްގެ ފަރާތުން ހިންގާ އެހީގެ ޖަމިއްޔާއިން މުޖުތަމައަށް ފޯރުކޮށްދިނުމަށް ނިންމިއެވެ. އެއީ ކޮންމެ އަހަރަކު ސަރުވާ އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ސަރުވާ ދެކޭ ގޮތުގައި އެމީހުންގެ މުއްސަނދިކަމުން ފަޤީރުންނާއި މިސްކީނުންނަށް ރިޒްޤު ކަނޑައެޅިފައި ވެއެވެ. އެހެންކަމުން އެވާޖިބު އޭނަ އަދާކުރެއެވެ.
ޖާބިރާއި ވާހަކަދައްކަން ޒަރާރް ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެކެވެ. މިއަދު ހެނދު އޮފީހަށް ދަނިކޮށް އޭނަ ހުއްޓުވައި އަޒީލާ ވަނީ ސުވާލުކޮށްފައެވެ. ޖާބިރާއި މަޝްވަރާކޮށްފިންތޯ އެހުމުން، މިއަދު ކާފަ ގާތަށް ދާނެ ކަމަށް އަޒީލާއަށް ޒަރާރް ޔަޤީންކަން ދިނެވެ. އޮފީހުން އައި ގޮތަށް ފެންވަރާ ތާޒާވެލައިގެން ބޮޑުކޮޓަރިއަށް އައީ އެހެންވެގެންނެވެ. ބައްޕަ ވެސް ހުރުމުން އެއްފަރާ ހުރިހާ ކަމެއް ނިންމާލެވޭނެކަމަށް ޒަރާރް އުއްމީދުކުރިއެވެ. ރަހުމާ ބުނި ފަދައިން ޕްރޮޖެކްޓަށް ދައްޔާން ގެނައުމުގެ ކުރިން ބައްޕައާއި ކާފަގެ ރުހުން ހޯދަން އޭނަ ހުރީ ނިންމައިގެންނެވެ.
ޒަރާރްއަށް އާދެވުނީ މަސްރޫރާއި ޖާބިރުގެ މަޝްވަރާތައް ނިމުމަކާ ދިޔަ ފަހުންނެވެ. ޒަރާރް ފެނުމާއެކު ޖާބިރު ގޮވާލިއެވެ. ސޯފާގައި އިށީނުމަށް ޖާބިރު އެދުނެވެ. ޒަރާރް އިށީނީ މަސްރޫރާ ޖެހިގެންނެވެ. މޭޒު މަތީ ހުރި ލިޔެކިޔުންތަކާއި ފައިލުތަކަށް ޒަރާރް ބަލައިލިއެވެ.
''ޗެރިޓީ އިވެންޓެއް ބާއްވަނީތޯ؟...'' ބޮޑުކޮޓަރިއަށް ވަން ވަގުތު އިވުނު ކަންތަކަށް އަލިއަޅުވާލަމުން ޒަރާރް އެހިއެވެ.
''ކޮންމެ އަހަރަކު މާމަ ބާއްވާނެ...'' ޖާބިރު ބުނެދިނެވެ.
''ކޮންބައެއްތޯ އިވެންޓް ހަމަޖައްސަނީ؟...'' ޒަރާރް ޝައުޤުވެރިވުމުން، މަސްރޫރު އޮޅުންފިލުވައިދިނެވެ. އެކަމަށް ހާއްސަ އިވެންޓް ޓީމެއް އޮންނަކަން ވެސް ބުނެދިނެވެ.
''އަޅުގަނޑު ބޭނުން އެހީވާން، މިހާރު ޕްރޮޖެކްޓްގެ ގިނަ މީޓިންގްތައް ނިމި މަސައްކަތް ފެށޭވަރުވީމަ ތަންކޮޅެއް ފޫހި... މި އިވެންޓްގެ އިންތިޒާމުތައް އަޅުގަނޑު ބަލަން ކިހިނެއްވާނެތޯ؟...'' ޒަރާރް ބުނެލިއެވެ.
''ދަރިފުޅު ބޭނުންވާނަމަ ބައްޕަމެންގެ އެއްވެސް އިއުތިރާޒެއް ނެތް...'' މަސްރޫރު ބުންޏެވެ. ޖާބިރު ވެސް ބޯޖަހާލިއެވެ.
''މާދަން ޔުމްނާ ގާތު ބުނެލާނަން ދަރިފުޅާ ހުރިހާ މައުލޫމާތެއް ހިއްސާކޮށްލުމަށް...'' މަސްރޫރު ބުންޏެވެ. އެއްބަސްވުމުގެ ގޮތުން ޒަރާރް ހިނިތުންވެލިއެވެ.
''އަޅުގަނޑު ބޭނުން ވާހަކައެއް ދައްކާލަން...'' ބައްޕައާއި ކާފަގެ މޫނަށް ވަކިވަކިން ބަލަމުން ޒަރާރް ބުނެލިއެވެ.
''ކޮން ވާހަކައެއްތަ؟...'' ޖާބިރު އަހާލިއެވެ. މަސްރޫރު ވެސް ޒަރާރްއަށް ބަލައިލިއެވެ.
''ޕްރޮޖެކްޓަށް ދާން ގެންނަން މިވިސްނަނީ، އަޅުގަނޑުގެ ދަށުން މަސައްކަތްކުރަން، އެކަމާ ގުޅިގެން ކާފަމެންގެ ޚިޔާލު ހުރި ގޮތެއް ބަލަން ބޭނުމީ...'' ޒަރާރް ހާމަކުރިއެވެ. އަޒީލާގެ ހުށަހެޅުމެއްކަން އޭނަ ހާމައެއް ނުކުރިއެވެ. އެކަން އޭނަ ބޭއްވީ ސިއްރެއްގެ ގޮތުގައެވެ.
''ދައްޔާން؟...'' ޖާބިރަށް ޤަބޫލެއް ނުކުރެވުނެވެ. އޭނަ ބެލީ މަސްރޫރަށެވެ. މަސްރޫރުގެ އަތެއް އެކަމުގައި ވެދާނެ ކަމަށެވެ. ކުންފުނީގައި ދައްޔާންގެ މަޤާމާ ގުޅިގެން ދެބަފައިންގެ ދެމެދުގައި އޮންނަ ނުތަނަވަސްކަމަކީ ސިއްރެއް ނޫން ވިއްޔާ އެވެ. ނަމަވެސް މަސްރޫރުގެ މޫނުން ފެނުނު ކުލަވަރުތަކުން، އެއީ މަސްރޫރަށް ވެސް މުޅިން އަލަށް އަޑު އިވުނު ކަމެއްކަން ޖާބިރަށް ނަގައިގަނެވުނެވެ.
''ލައްބަ...'' ޒަރާރް ބުންޏެވެ. ކަފައާއި ބައްޕަގެ ފަރާތުން ފެނުނު ހިމޭންކަމުން ޒަރާރް ކަންބޮޑުވާން ފެށިއެވެ.
''އަޅުގަނޑަށް ހީވަނީ ދާންއަށް ގައިޑެންސް ލިބުނީމަ މަސައްކަތަށް ލޯބި ޖެހިދާނެހެން...'' ޒަރާރް ބުނެލިއެވެ.
''ދަރިފުޅަށް އެކަމުގެ ޒިންމާ އުފުލެންޏާ ކާފަގެ މައްސަލައެއް ނެތް، އެކަމަކު ދަރިފުޅު ޖެހޭނެ އެއްވެސް މަސްއޫލިއްޔަތެއް ދާންއާއި ހަވާލުކުރުމުގެ ކުރިން ދަރިފުޅުގެ ބައްޕަގެ ހުއްދަ ހޯދަން، އަދި އެކަމެއް ރަނގަޅަށް ބަލަން...'' ޖާބިރު ހުއްދަ ދިނީ އެކަމަށް ޒަރާރް ބޭނުންވެފައި ހުރިވަރު ފެނި ދެކޮޅު ހަދަން އުނދަގޫވުމުންނެވެ.
''ލައްބަ...'' ޒަރާރް ބުންޏެވެ.
މަސްރޫރު ވެސް ހިނިތުންވެލިއެވެ. ނަމަވެސް އޭނަ ހުރީ ޝައްކެއްގެ މަތީގައެވެ. އެކަމުގެ ފަހަތުގައި އަޒީލާގެ އަތެއް ނުވެ ނުދާނެކަން އޭނައަށް ޔަޤީނާ ގާތަށް ބުނަން އެނގުނެވެ. އެއާއެކު އަޒީލާގެ ނިޔަތާ މެދު ސުވާލު އުފެދުނެވެ. ޝައްކެއްގެ މަތީގައި މަސްރޫރަށް ހުރެވުނެވެ. ސަމާލުވުމަށް އޭނަގެ ހަވަނަ ހިއްސު އިންޒާރު ދިނެވެ. އެކަމާ ގުޅިގެން އަޒީލާއާއި މަސްރޫރު ކުރިމަތިލީ ނިދަން ކޮޓަރިއަށް ވަދެފައެވެ. އަޒީލާ އިނީ ނިކަން ހަމަޖެހިފައެވެ. އެއީ ވެސް މަސްރޫރުގެ ޝައްކަށް ދިރުން ލިބުނު ކަމަކަށް ވިއެވެ.
''އަޒީލާ...'' އެނދުގައި އިށީންނަމުން މަސްރޫރު ގޮވާލިއެވެ. އަޒީލާ އިނީ އެނދުގެ ހެޑްބޯޑަށް ލެނގިގެންނެވެ. މޫނުގައި އަޅާފައިވި ފޭސްމާސްކު ހިކެންދެން ފޯނާ ކުޅޭށެވެ. މަސްރޫރު ގޮވާލުމުން ބަލައިލިއެވެ.
''އަހަންނަކަށް ނޭނގޭ އަޒީލާ ކުރަން ތިއުޅެނީ ކީކޭކަމެއް، އެކަމަކު ބުނަން ޒަރާރްގެ ހިތްހެޔޮކަމުގެ ފައިދާ ނަގަން ނޫޅޭތި...'' މަސްރޫރު ބުނެލިއެވެ.
''މިހާރު ކިހިނެއްވީ؟...'' އަޒީލާ ދެނެހުރިކަމަކަށް ނުހެދިއެވެ.
''ހަމަ ނޭނގިގެންތަ ތިސުވާލުކުރަނީ؟...'' މަސްރޫރު ބުމަގޮށްޖަހާލިއެވެ. ''ޒަރާރްގެ ޕްރޮޖެކްޓާ ދައްޔާން ގުޅުމުގެ ޚިޔާލު ނުދެންތަ؟...''
''ޒަރާރް ކީކޭތަ ކިޔައިގެން އުޅެނީ؟...'' އަޒީލާ އުޅުނީ ޒަރާރް ކުށްވެރިކޮށް އޭނަގެ ސަލާމަތެއް ހޯދާށެވެ. ހިސާބަކަށް ފޫހި ވެސް ވިއެވެ. އެހާ ވަރަށް މަސްރޫރު ގާތަށް ނުދާން ބުނުމުންވެސް ދިޔައީކަމަށް ހީކޮށް ޒަރާރްއާ ދިމާއަށް އެއްޗިސް ގޮވާލިއެވެ.
''ޒަރާރް އެއްޗެއް ނުބުނޭ، ހަވީރު ބައްޕަ ގާތު ބުނި އިރު އަހަރެން ހުރިން... ބުނަން އަޒީލާ، އަހަރެން ނެތިން ދެން އިތުރަށް އެއްޗެއް ބުނާކަށް، ތިކުރަން އުޅޭ ކަމެއް ހުއްޓާލާ، އެހެން ނޫނީ އަހަންނަށް ފިޔަވަޅު އަޅަން މަޖުބޫރުވާނެ، ކުރިން ވެސް އަހަރެން ބުނިންދޯ އަޒީލާ ކުރާ ކަންތަކުގެ ތެރެއަށް ޒަރާރް ވައްދަން ނޫޅޭށޭ!، ކުރެވުނު ވަރު ކުޑަވެގެންތަ ތިއުޅެނީ؟...'' އެނދުން ތެދުވަމުން މަސްރޫރު ބުންޏެވެ. ނިދަން ބާލީހާއި ރަޖާ ހިފައިގެން ގޮސް އޭނަ އޮށޯތީ ސޯފާގައެވެ.
ލޮލަށް ފެނުނު އެމަންޒަރު ޤަބޫލުކުރަން އަޒީލާއަށް ދަތި ވިއެވެ. މަސްރޫރުގެ އިންޒާރުތަކުން އޭނަ ބިރުގަންނަވާލައިފިއެވެ. ހަމައެއާއެކު ފަހުނޭވާވަޅަށް އެޅެމުންދާ ދެމަފިރިންގެ ގުޅުމުން ނުރައްކަލުގެ ރަނގަބީލެއް އިއްވާލައިފިއެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ