ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލާޝިޕްތަކާއި ހާއްސަ ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާކަން މޯލްޑިވްސް ޒަކާތު ހައުސްއިން އިއުލާންކޮށްފިއެވެ.

މި ސްކޮލާޝިޕް ޕުރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓާސް (ލެވެލް 9) އަދި ޕީއެޗްޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

މީގެ ތެރޭގައި އިސްލާމީ ޝަރީއާ، ގުރްއާނާ ބެހޭ އިލްމު، އިސްލާމީ ތައުލީމު، އިސްލާމީ ދިރާސާ އާއި ޝާއިއުކުރުން، އިސްލާމީ ނޫސްވެރިކަން، އަގީދާ، ފިގުހު، އުސޫލުލް ފިގުހު، އަދި އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެއެވެ.

ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ފުރުސަތުތައް ހުޅުވާލައިފައިވާ ޔުނިވާސިޓީތައް:

  • އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް.
  • ގައުމީ ޔުނިވާސިޓީ.
  • ވިލާ ކޮލެޖް.
  • އެވިޑް ކޮލެޖް.
  • ޒިކުރާ ކޮލެޖް.

ރާއްޖޭން ބޭރުގެ ފުރުސަތުތައް ހުޅުވާލައިފައިވާ ޔުނިވާސިޓީތައް:

  • އަލް އަޒްހަރް ޔުނިވަސިޓީ
  • އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ(IIUM)
  • އިންސިފް (INCIEF)
  • ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ(USIM)
  • ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމް (UBD)
  • އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިސްލާމްއާބާދު (IIUI)

މި ފުރުސަތުގެ ދަށުން ޖުމުލަ 30 ސްކޮލާޝިޕް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

އޭގެ ތެރެއިން 10 ފުރުސަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުސަތު ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން، ހާއްސަ ސްކޮލާޝިޕް ސްކީމުތަކެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ.

އެއީ، ސައުދީ އަރަބިއްޔާ އާއި މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ ފަސް ފުރުސަތާއި އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނު ކުރުމަށް ދޭ ހާއްސަ ފަސް ސްކޮލާޝިޕްއެވެ.

މި ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުން ކަމުގައި ވާން ޖެހޭނެއެވެ. އަދި މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް ވުމާ އެކު، ކިޔަވަން ބޭނުންވާ ޕުރޮގުރާމަށް ވަނުމަށް ބޭނުންވާ އެކަޑަމިކް ޝަރުތުތައް ހަމަވާން ޖެހޭނެއެވެ.

މީގެ އިތުރުން، އެ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން މުއައްސަސާއެއްގެ މާލީ އެހީތެރިކަން ލިބެމުންދާ ފަރާތަކަށް ވެގެން ނުވާނެއެވެ.

ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. ނަމަވެސް އެއީ ދިވެހި އިސްލާމީ މުޖުތަމައު ތަރައްގީ ގީކުރުމަށް މުހިންމު ދާއިރާއަކަށް ވާންޖެހެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 16ގެ 14:00އެވެ. އެޕްލިކޭޝަންތައް ފޮނުވާނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.