ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފްރެންޗައިޒް “ގޯލްމާލް” ގެ ފަސްވަނަ ފިލްމުގައި ހަރަކާތްތެރިވުމަށް މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު 40 ކްރޯޑު ރުޕީސްގެ ފީއެއް ނަގާ ކަމަށް ފެތުރެމުންދާ ވާހަކަތައް، ޑައިރެކްޓަރު ރޯހިތު ޝެޓީގެ ޓީމުން ރަސްމީކޮށް ދޮގުކޮށްފިއެވެ.
މި ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާއިރު، އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 18 ނުވަތަ 22 ދުވަހުގެ ޝޫޓިންއަކަށް އަކްޝޭ 35 އާއި 40 ކްރޯޑު ރުޕީސްއާ ދެމެދުގެ އަދަދެއް ނަގައެވެ. އަދި މިއީ ފިލްމުގެ ލީޑު އެކްޓަރު އަޖޭ ދޭވްގަންއަށް ލިބޭ ފީއަށްވުރެ ބޮޑު އަދަދެއް ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ. ނަމަވެސް ރޯހިތު ޝެޓީ ޕިކްޗަރޒްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ފިލްމުގެ މާލީ މުއާމަލާތްތަކަކީ ސިއްރު މައުލޫމާތުތަކެކެވެ. އަދި މިހާރު ފެތުރެމުންދާ އަދަދުތަކަކީ އެއްވެސް ހަގީގަތެއް ނެތް، ހަމައެކަނި ލަފާކުރުންތަކެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ މާޗު މަހު ރޯހިތު ޝެޓީގެ 52 ވަނަ އުފަންދުވަހާ ދިމާކޮށް އިއުލާނުކުރި “ގޯލްމާލް 5” އަށް އަކްޝޭ ކުމާރު ގުޅިފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މި ފިލްމުގައި އަކްޝޭ ފެނިގެންދާނީ ތަފާތު ރޯލަކުން ކަމަށް ބެލެވޭއިރު، ފިލްމުގެ ސެޓުން އާންމުވި ވީޑިއޯތަކުގައި އޭނާ ފެންނަނީ ތަލަކޮށެވެ.
އޫޓީގައި މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމުގައި އަޖޭ ދޭވްގަންގެ އިތުރުން، ފްރެންޗައިޒްގެ ކުރީގެ ތަރިން ކަމަށްވާ އަރްޝަދު ވާރްސީ، ތުޝާރު ކަޕޫރު، ޝަރްމަން ޖޯޝީ އަދި ޝްރެޔާސް ތަލްޕަޅޭ ފެނިގެންދާނެއެވެ. 2006 ވަނަ އަހަރު ފެށި މި ކާމިޔާބު ފްރެންޗައިޒްގެ ފަސްވަނަ ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު