ރަޝިޔާގެ މަރުކަޒީ ބޭންކުގެ ހިފަހައްޓާފައިވާ ފައިސާގެ ބަދަލެއްގެ ގޮތުން 250 ބިލިއަން އެމެރިކާ ޑޮލަރު (18.2 ޓްރިލިއަން ރޫބަލް) ދެއްކުމަށް ބެލްޖިއަމްގެ މާލީ އިދާރާއެއް ކަމަށްވާ ޔޫރޯކްލިއަރގެ މައްޗަށް މޮސްކޯގެ އާބިޓްރޭޝަން ކޯޓުން އަމުރުކޮށްފިއެވެ. މި އަމުރު ނެރެފައިވަނީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރުމާ ގުޅިގެން ވިލާތުގެ އިއްތިހާދުން (އީޔޫ) ރަޝިޔާގެ މަރުކަޒީ ބޭންކުގެ 210 ބިލިއަން ޔޫރޯ ހިފެހެއްޓުމާ ގުޅިގެން، ގެއްލުމުގެ ބަދަލު ހޯދުމަށް ރަޝިޔާއިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ހިފަހައްޓާފައިވާ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 193 ބިލިއަން ޔޫރޯ ބަލަހައްޓަމުންދަނީ ޔޫރޯކްލިއަރއިންނެވެ.

މި ހުކުމާ ގުޅިގެން ރަޝިޔާގެ މަރުކަޒީ ބޭންކުން ބުނެފައިވަނީ، ޔޫރޯކްލިއަރގެ އަމަލުތަކަކީ ގައިރުގާނޫނީ އަމަލުތަކެއްކަން ކޯޓުން ކަނޑައެޅުމުން އެކަމާ އުފާކުރާ ކަމަށެވެ. އަދި ޔޫކްރެއިނަށް އެހީވުމަށް ރަޝިޔާގެ ފައިސާ ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށްވެސް އެ ބޭންކުން ފާހަގަކުރިއެވެ. ނަމަވެސް ޔޫރޯކްލިއަރގެ ވަކީލުން ބުނެފައިވަނީ ރަޝިޔާގެ ކޯޓުގެ ނިންމުމަކީ އެއްވެސް އަސާސެއް ނެތް ނިންމުމެއް ކަމަށާއި، އިންސާފުވެރި ޝަރީއަތެއްގެ ހައްގު އެ އިދާރާއަށް ގެއްލިފައިވާ ކަމަށެވެ. އަދި މި މައްސަލަ އިސްތިއުނާފުކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މާލީ ދާއިރާގެ މުހައްލިލުންނާއި ގާނޫނީ މާހިރުން ލަފާކުރާ ގޮތުގައި، ރަޝިޔާގެ ކޯޓުތަކުގެ ބާރު ވިލާތުގެ ގައުމުތަކަށް ނުހިނގާނެތީ، މި ފައިސާ ޔޫރޯކްލިއަރގެ އަތުން ހޯދުމަކީ ރަޝިޔާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، މި ހުކުމުގެ ސަބަބުން ރަޝިޔާގައި ހުރި ވިލާތުގެ ކުންފުނިތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރު ރަޝިޔާ ސަރުކާރަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ޗައިނާ އަދި ޔޫއޭއީ ފަދަ ރަޝިޔާއާ ގާތް ގުޅުމެއް އޮންނަ ގައުމުތަކުގައި ހުރި ޔޫރޯކްލިއަރގެ މުދާ ހިފެހެއްޓުމަށް ރަޝިޔާއިން މަސައްކަތްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މާހިރުން ފާހަގަކުރެއެވެ. މި މައްސަލައިގެ ސަބަބުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ހުޅަނގުގެ މާލީ އިދާރާތަކަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.